19 ޖޫން 2018 - 11:07

މޮސްކޯ (ޖޫން 19) – ބުރަކަށްޓަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކްރޮއޭޝިއާގެ ފޯވާޑް ނިކޮލާ ކަލިނިޗް ވޯލްޑް ކަޕް ސްކޮޑުން އުނިކޮށް ގެޔަށް ފޮނުވާލައިފި އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފޮނުވާލީ ނައިޖިރީއާ އަތުން ހޮނިހިރު ދުވަހު 2-0 އިން ކްރޮއޭޝިއާ މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުމުން، ފަހުން އަރަން ދެކޮޅު ހެދުމުން ކަމަށެވެ.
އެކަމަކު ޑަލިޗް ބުނީ، ކްރޮއޭޝިއާ ގައުމީ ޓީމަށް 42 މެޗުން 15 ގޯލް ޖަހައިދީފައިވާ ކަލިނިޗް ފޮނުވާލި ސަބަބަކީ އަނިޔާ ކަމަށެވެ. ކްރޮއޭޝިއާގައި ދެން ތިބި މަތީ ފަންތީގެ ފޯވާޑުންނަކީ ޔުވެންޓަސްގެ މާރިއޯ މަންޒުކިޗާއި ހޮފެންހެއިމްގެ އަންދްރޭ ކްރަމަރިޗެވެ.
މިދިޔަ ސީޒަނުގައި އޭސީ މިލާނަށް ކުޅުނުއިރު މެޗެއްގައި ފުރަތަމަ އެގާރައިގައި ނުހިމެނޭކަން އެނގުމުން ޕްރެކްޓިހުގައި ފަރުވާކުޑުކުރި ކަމަށް ބަލައި މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯ ވެސް އޭނާ ސްކޮޑުން ވަކިކުރި އެވެ.
ފިއޮރެންޓީނާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މިދިޔަ ސީޒަނުގައި އޭސީ މިލާނަށް ބަދަލުވެ ކަލިނިޗަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭއިރު އޭނާ ކްރޮއޭޝިއާ ޓީމުން ބާކީކުރުމަކީ މިލާނަށް ލިބޭނެ ގެއްލުމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ މިލާނުން އޮތީ ވޯލްޑް ކަޕުގައި ދައްކާ ކުޅުމަށް ބަލައިގެން އޭނާ ވިއްކާލަން ތައްޔާރުގައި ކަމަށްވާތީ އެވެ. އެކަމަކު މިހާރުމިވީ ގޮތުން އޭނާ ވިއްކާލަން ދަތިތަކެއްވާނެ ކަމަށް ބެލެވެ އެވެ.