28 ޖުލައި 2016 - 10:54

"މޯލްޑިވިއަން އައިޑޮލް" އިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް މެެލޭޝިއާގައި މާދަމާ ރޭ ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ގައުމުގައި އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ މި ޝޯއަކީ ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމާ ދިމާކޮށް، އެކަން ފާހަގަކުރަން ބާއްވާ ޝޯއެކެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އޮންނާނީ ކުއާލާ ލަަމްޕޫރްގެ ސެރީ ޕެސިޕިކް ހޮޓެލްގަ އެވެ. ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 7:00 ގަ އެވެ.
ޝަލަބީ ދާދި ފަހުން ވަނީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފޭނެއްގެ ފަރާތުން ލިބުނު ދައުވަތަކަށް އެ ގައުމަށް ވެސް ގޮސް ޕަފޯމްކޮށްފަ އެވެ.
"މޯލްޑިވިއަން އައިޑޮލް" ގެ ދެވަނަ ހޯދި ޝަލަބީގެ އަޑުން ނެރުނު ފުރަތަމަ މަދަހަ އަލްބަމް "ހިދާއީ ނޫރް" ވެސް މި މަހުގެ ކުރީކޮޅު ރިލީޒްކޮށްފައިވާ އިރު، އޭނާއަކީ އާންމުންގެ މެދުގައި މިހާރު ވަރަށް މަގުބޫލު ފަންނާނެކެވެ.