21 ޖޫން 2018 - 12:09

މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ގޮތަށް ކުރު ފިލްމު ހަދަން ދަސްކޮށްދޭ "ފިލްމް ފޯ ޗޭންޖް" ޕްރޮގްރާމް 21 ބައިވެރިންނާއެކު މިއަދު ފަށައިފި އެވެ.

މުވާސަލާތީ ކުންފުނި ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ޑޮކިއުމަންޓްރީ ސްޓައިލްގެ ކުރު ފިލްމު، ވީހާ ވެސް މަދު އާލަތްތައް ބޭނުންކޮށްގެން ހަދަން ދަސްކޮށްދޭނެވެ.

މިއީ ޒުވާނުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ކުރިއަށްގެންދާ ދެ ވަނަ ފަހަރެވެ.
ޔޫއެންޑީޕީގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ އަހަރުގެ ޕްރޮގްރާމަށް ވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އެ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ހެދި ކުރު ފިލްމުތައް، ފިލްމް ފެސްޓިވަލަކަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި ކިޔަވައިދޭނީ އެކަމުގެ ތަޖުރިބާކާރުންނެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފިލްމް ފޯ ޗޭންޖް" ގައި ހިމެނޭނީ ދެ ބައެކެވެ. އެއީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމުގެ އިތުރުން، ބައިވެރިން ފިލްމު ހެދުމުގެ ބައެވެ. ބައިވެރިން ގްރޫޕުތަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ކުރު ފިލްމެއް ހަދާނެ އެވެ.
އެ ފިލްމުތައް ހަދާނީ ޔޫއެންޑީޕީން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތީމްތަކަށެވެ.