21 ޖޫން 2018 - 15:22

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ދޫކުރުމާއި ބަލައިގަންނަ ވަގުތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އިތުރުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ދަރުބާރުގެ އިން "ހިޔާ" މަޝްރޫގެ ފޯމުތައް ބަލައިގަންނަން ފަށާފައިވާއިރު، މިއީ އެ ބަލައިގަންނަ ވަގުތު އިތުރު ކުރި ދެ ވަނަ ފަހަރެވެ. މިދިޔަ ރޯދަ މަހު ފޯމު ބަލައިގަތް ވަގުތަށް ވުރެ މި ހަފުތާގައި ފޯމު ބަލައިގަތް ވަގުތު ވެސް އިތުރު ކޮށްފައި ވެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދު 9:00 ން މެންދުރު ފަހު 3:00 އަށް އަދި ހަވީރު 4:00 ން އިރުއޮއްސި ހަވީރު 6:00 އަށް ފޯމު ބަލައިގަތުމަށެވެ. މީގެ އިތުރުން ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށް ވެސް ފްލެޓް ފޯމު ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން ނިންމާފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ހުސައިން މިއަދު ވިދާޅުވީި ގޮތުގައި، އެ ބަދަލު ގެނައީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަސް ނިމުމުން ސަރުކާރުގެ ރަސްމީ ވަގުތު އިތުރުކުރުމުންނެވެ.
ފްލެޓަށް ފޯމު ހުށަހަޅަން އެދޭ ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ދަރުބާރުގެ އަށް ގޮސްގެންނެވެ. ފޯމު ހުށަހަޅަން ކިޔޫގައި ތިބުމުގެ ބަދަލުގައި ހައުސިން މިނިސްޓްރީން އަންގާފައި ވަނީ ކިއުބީ މެދުވެރިކޮށް، ނަމްބަރު ޖެހެން ކައިރިވުމުން ދަރުބާރުގެ އަށް ދިއުމަށެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ 7،000 ފްލެޓު، 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވައިލުމުން މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ފޯމު ހުށަހަޅައިފަ އެވެ.