ހިލަވެލި ބާލާނެ ބަނދަރެއް، އެސްޓީއޯ އިން ގުޅިފަޅުގައި ހަދަނީ
ހިލަވެލި ބާލާނެ ބަނދަރެއް، އެސްޓީއޯ އިން ގުޅިފަޅުގައި ހަދަނީ

ހިލަ އާއި ހިލަވެލި ބާލާނެ ބަނދަރެއް، އެސްޓީއޯ އިން ކ. ގުޅިފަޅުގައި ހަދަން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހިލަ އާއި ހިލަވެލި ބާލަން މަގަތު ފާލަމެއްގެ އިތުރުން އެ ތަކެތި ރައްކާކުރާނެ ގުދަނެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

"މިއީ ތެލުގެ ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުމަށްފަހު އެސްޓީއޯ އިން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް. މި މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ހިލަ އާއި ހިލަވެލި ބާލަން ހަދާ މަގަތު ފާލަމަށް 25،000 ޓަނާއި 30،000 ޓަނުގެ ބޯޓުފަހަރަށް ކައިރިކުރެވޭނެ ކަމަށެވެ. އަދި މަގަތު ފާލަމަކާއި ހިލަވެލި ރައްކާކުރާނެ ގުދަނެއް ހެދުމަށް 250،000 އަކަފޫޓުގެ ބިމެއް ގުޅިފަޅުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނަށް ބަލްކު ކޮށް ގެންނަ ހިލަ އާއި ހިލަވެލި ގޯނިތަކުގައި ބަންދުކުރެވޭނެ. އަދި އެ ތަނުން އެހެން ތަންތަނަށް ސަޕްލައިކުރާނީ ވެސް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން ގެންނަ ހިލަ އާއި ވެލި މިހާރު ބާލަނީ ތިލަފުށީގައި އަމިއްލަ ކުންފުނިތަކުން ހިންގާ ޖެޓީތަކަށެވެ.