ފްރާންސަށް އެއް ވަނަ، ފަހު ޖާގަ ޑެންމާކަށް
ފްރާންސަށް އެއް ވަނަ، ފަހު ޖާގަ ޑެންމާކަށް

މޮސްކޯ (ޖޫން 26) – ފީފާ ވޯލްޑް ކަޕުގައި މިރޭ ފްރާންސާއި ޑެންމާކް 0-0 އިން އެއްވަރުވެ ފްރާންސުން ގްރޫޕުގެ އެއް ވަނަ ހޯދިއިރު އެ ޓީމާ އެކު ދެ ވަނަ ބުރުގެ އަނެއް ޖާގަ ޑެންމާކުން ހޯދައިފި އެވެ.

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވާ ފްރާންސް އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ޑެންމާކުން ފަސް ޕޮއިންޓާ އެކު ދެ ވަނަ ހާސިލްކުރިއިރު އޮސްޓްރޭލިއާ އަތުން 2-0 އިން މޮޅުވެ ޕެރޫ ވަނީ ތިން ވަނަ ހޯދައިފަ އެވެ. އޮސްޓްރޭލިއާ ކެޓީ އެއް ޕޮއިންޓާ އެކު އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައި އޮތް ފްރާންސުން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ތޯމަސް ލޭމާ އާއި އޮލިވާ ޖިރޫ އާއި ބެންޖަމިން ކިމްޕެމްބޭ އަށް ފުރުސަތު ދިންއިރު ކެޕްޓަން ހޫގޯ ލޮރިސްގެ ބަދަލުގައި ގޯލް ބެލެހެއްޓީ ސްޓީވް މަންޑަންޑާ އެވެ.

ޑެންމާކުން ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެން ކުޅުނުއިރު 28 ވަނަ މިނެޓުގައި ކްރިއެސްޓިއަން އެރިކްސަން އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައަށް އެރިކްސަން އަރައި ޖަހަޖަހާ އޮއްވާ ފްރާންސް ޑިފެންޑަރާއި ކީޕަރު ވެގެން އެ ބޯޅަ ބޭކާރުކޮށްލީ އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭރިއާ ބޭރުން ފަޔަށް ހެޔޮވަރުކޮށްލައިފައި އޭނާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ފްރާންސްގެ ބަދަލް ފޯވާޑް ނަބީލް ފެކީރަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން އޭނާ ދެ ޝޮޓް ފޮނުވާލިއިރު ފުރަތަމަ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ދެ ވަނަ ބޯޅަ ޑެންމާކް ގޯލްކީޕަރު މަތަކުރީ އެވެ.

މިރޭ ޑެންމާކް ބަލިވެ އަދި އޮސްޓްރޭލިއާ މޮޅުވެގެން އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު އޮތް ނަމަވެސް ދެކޮޅުން ވެސް ދިމާވީ ބަދު ނަސީބު ގޮތެކެވެ. އޮސްޓްރޭލިއާ ކޮޅަށް ޕެރޫގެ ފުރަތަމަ ގޯލް ޖެހީ 18 ވަނަ މިނެޓުގައި އަންދްރޭ ކަރީލޯ އެވެ. މިއީ 36 އަހަރަށް ފަހު ޕެރޫ އިން ވޯލްޑް ކަޕުގައި ޖެހި ފުރަތަމަ ގޯލެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ 50 ވަނަ މިނެޓުގައި ކެޕްޓަން ޕައޮލޯ ގަރޭރޯ އެވެ. މިއީ މަނާބޭހަށް ޕޮޒިޓިވެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފައި ހުއްޓާ ސްވިޒަލެންޑް ކޯޓަކުން ކުރި ހުކުމަކާ އެކު ސަލާމަތްޗި ގަރޭރޯ މުބާރާތުގައި ޖެހި ދެ ވަނަ ލަނޑެވެ.