27 ޖޫން 2018 - 10:17

ސެއިންޓް ޕީޓާސްބާގް (ޖޫން 27) – މަރުގެ މެޗެއްގައި ރޭ ނައިޖީރިއާ އަތުން 2-1 އިން އާޖެންޓީނާ ސަލާމަތްވެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ދިޔައިރު، އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ވެސް ދަނޑުމަތީގައި ހުރި ފަދަ އެވެ. މާޔޫސްކަމާއި އުފަލުގެ އިހުސާސް އޭނާ އެންމެ މަތީ މިނަށް ތަޖުރިބާކުރިއިރު، މެޗަށް ފަހު ސިއްހީ ފަރުވާ ވެސް ހޯދަން ޖެހުނެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ލަނޑު ޖަހައި އޭނާގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިން ނަމަވެސް އަދި ފަހު ވަގުތު މާކޯސް ރޯހޯ ލަނޑު ޖަހައި ބަތަލަކަށް ބަދަލުވީ ނަމަވެސް ހުރިހާ ސަމާލުކަމެއް ލިބުނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން މަރަޑޯނާ އަށެވެ.

މެޗު ފެށުމުގެ ކުރިން އޭނާ އަށް ސަމާލުކަން އެނބުރުނީ ނައިޖީރިއާގެ އަންހެން ސަޕޯޓަރަކާ އެކު ނަށާލި މަންޒަރުތަކާ އެކު އެވެ. އެއަށް ފަހު އޭނާ ދަނޑުގައި ތިބި ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ސަލާމްކުރި އެވެ.
މެޗުގެ 14 ވަނަ މިނެޓުގައި މެސީ ލަނޑު ޖެހުމާ އެކު މަރަޑޯނާ އުތުރި އަރައިގަތެވެ. ދެ އަތް މައްޗަށް ނަގައިގެން ހުރެ އޭނާ އުފާފާޅުކުރި ގޮތުން ސިފަވެގެންދަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ހުޅަނގު ޖަރުމަން ބަލިކުރުމަށް ފަހު އޭނާ އުޅުނު ގޮތެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ނައިޖީރިއާ އިން ހަމަހަމަކުރުމާ އެކު މަރަޑޯނާގެ މޫނުމަތިން ފެނިގެން ދިޔައީ 1990 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުން ޖަރުމަން އަތުން ބަލިވުމުން ފެނިގެން ދިޔަ މާޔޫސްކަމެވެ. އަދި މެޗުގެ ފަހުކޮޅަށް އެރިއިރު ހާސްވެގެން އޭނާ ހުރީ މޫނުމަތީގައި އަތްއަޅައިގެންނެވެ. ނައިޖީރިއާ އިން ދެންމެދެންމެ ލަނޑެއް ޖަހާފާނެ ހެން ހީވި ދަނޑިވަޅުތަކުގައި އޭނާ އަށް މަންޒަރުތައް ބަލަން ނުކެރުނެވެ.
އެހެން އޮއްވާ އޭނާގެ ގަޔަށް ވަޖިދުއެރީ 87 ވަނަ މިނެޓުގައި ރޯހޯ ޖެހި ލަނޑުންނެވެ. އެރި ފޯރީގައި އޭނާ އަތުގެ އިޝާރާތުން ހުތުރު ވައްތަރުތަކެއް ޖެއްސީ އެވެ. އޭރު ކެމެރާ ހުރީ އޭނާ އަށް އަމާޒުވެފައިކަމުން އެ މަންޒަރު، ޓީވީން މެޗު ބަލަން ތިބި އެތައް މިލިއަން ބަޔަކަށް ފެނިގެން ދިޔަ އެވެ. ގިނަ ބަޔަކު އެ އަމަލަށް ފާޑުކިޔެވެ.
އޭނާ އެ ވައްތަރު ޖެއްސީ އެދިމާލުން ތިރީގައި ތިބި ނައިޖީރިއާ ސަޕޯޓަރުންނާ ދިމާލަށް ހެއްޔެވެ؟ ނުވަތަ އެއީ އާޖެންޓީނާ އަށް ނުވާނެ ކަމަށް ބުނި މީހުންނަށް ރަމްޒީ ގޮތުން އޭނާ ފޮނުވާލި ހަމަލައަކަށް ނުވާނެބާވަ އެވެ. އެކަމަކު އެއް ބަޔަކު ދެކޭ ގޮތުގައި އޭނާ އެ ވައްތަރު ޖެއްސީ އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީއާ ދިމާލަށެވެ. ފުރަތަމަ މެޗުގައި އައިސްލެންޑާ އެއްވަރުވުމުން މަރަޑޯނާ ވަނީ ސަމްޕައޮލީގެ ރޭވުންތެރިކަމަށް ފާޑުކިޔައި އަދި އާޖެންޓީނާ އިން އެގޮތަށް ކުޅެގެން ކޯޗަށް އަށް އަނބުރާ ގައުމަށް ނުދެވޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގިނަ ބަޔަކު ކަންބޮޑުވީ މެޗަށް ފަހު ފެނުނު ވީޑިއޯއަކުންނެވެ. ވީއައިޕީ ބޮކްސް އިން އޭނާ ދަތި އުނދަގުލާ އެކު ތެދުވިއިރު އެންމެ ފަހުން އޭނާއާ އެކު ތިބި ދެ މީހަކު އޭނާ އަތުލަފިކޮށްގެން އެތަނުގެ ކެފޭ އަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. ފަހުން ސޯޝަލް މީޑިއާގައި ވަނީ ދެ ޕެރެމެޑިކުންގެ އޭނާ ގާތުގައި ތިބި ފޮޓޮއެއް އާއްމުވެފަ އެވެ. އެތަނުން އެކަކު ހުރީ މަރަޑޯނާގެ ވިންދު ބަލާށެވެ.
އާޖެންޓީނާގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މަރަޑޯނާގެ ލޭގެ ޕްރެޝަރު މައްޗަށް ދިޔައީ އެވެ. އެކަމަކު ފަހުން ހާލު ރަނގަޅުވެ ހޮޓަލަށް ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
މަރަޑޯނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރަށް ވެސް ހިޔަނި އެޅުނު އެއް ސަބަބަކީ އޭނާ އަށް ނަފްސު ކޮންޓްރޯލްނުކުރެވުމެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ އަހަރުތަކާ ހަމައަށް އޭނާ އަށް ކޮކެއިނަށް ދެވިހިފުމުގެ މައްސަލަ ކުރިމަތިވި އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ތެރެއިން ފީފާ އިން އޭނާ ގެޔަށް ފޮނުވާލީ ވެސް ޑްރަގް ޓެސްޓަކުން ފެއިލްވުމުންނެވެ. އޭނާ އަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ 2007 ވަނަ އަހަރު މަރާ ވެސް ހަނގުރާމަކުރި އެވެ. އެކަމަކު އެނބުރި އައިސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް ކޯޗުކޮށްދިނެވެ.
އެ މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ކަޓައި މަރަޑޯނާގެ ވަޒީފާ ގެއްލި އޭނާ ވެސް ކޮންމެވެސް ވަރަކަށް ފުޓްބޯޅައިން ގެއްލުނެވެ. އެކަމަކު ފަހަކަށް އައިސް ފީފާގެ ހަރަކާތްތަކުން ފެންނަން ފެށި އެވެ. ކުރިން ވަރަށް ބޮޑަށް ފީފާ އަށް ފާޑުކިޔާ މަރަޑޯނާ އަށް މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުރުސަތު ދެނީ އެ އިދާރާއަށް ފާޑުކިޔާ އަނގައެއް ބަންދުކުރުމުގެ ގޮތުން ކަމަށް ވާހަކަދެކެވެ އެވެ.
އެކަމަކު އެއް ބަޔަކު އަންނަނީ ސިއްހީ ހާލަތު ހުރި ގޮތުން މަރަޑޯނާ މި ވަގުތު ފުޓްބޯޅައާ ދުރުވާން ޖެހޭ ކަމަށް ބުނަމުންނެވެ. އަދި މަރަޑޯނާ އުޅޭ ގޮތުން އޭނާގެ އިހުތިރާމް ގެއްލޭ ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ. ބީބީސީގެ ބްރޯޑްކާސްޓަރު މާކް ޗެޕްމޭން ރޭގެ މެޗަށް ފަހު ބުނީ އޭނާގެ ޒުވާން ދުވަސްވަރު މަރަޑޯނާ އަކީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށާއި އެކަމަކު މިހާރު އޭނާ ފެންނަނީ ޓީވީ ބްރޯޑްކާސްޓުގެ ޑިރެކްޓަރުން ކަޓް ޝޮޓްތަކުގައި ބޭނުންކުރާ ޖޯކަރެއްގެ ގޮތުގައި ކަމަށެވެ.