ޒިމްބާބުވޭގެ ރައީސް އަށް ދިން ހަމަލާގެ ފަހަތުގައި މުގާބޭގެ އަނބިކަނބަލުންގެ ފެކްޝަން
ޒިމްބާބުވޭގެ ރައީސް އަށް ދިން ހަމަލާގެ ފަހަތުގައި މުގާބޭގެ އަނބިކަނބަލުންގެ ފެކްޝަން

ހަރާރޭ (ޖޫން 27) - ޒިމްބާބުބޭގެ ރައީސް އެމާސަން ނަންގަގްވާ އަވަހާރަކޮށްލަން މި ހަފުތާގައި ދިން ހަމަލާގެ ފަހަތުގައި ވަނީ ކުރީގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭގެ ފެކްޝަން ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ނަންގަގްވާ ވިދާޅުވެއްޖެ އެވެ.

ކެމްޕޭން އެއްވުމެއްގައި ނަންގަގްވާ ތަގްރީރު ކުރެއްވުމަށް ފަހު ސްޓޭޖުން ފައިބައި ވަޑައިގެންނެވި ތަނުން މިދިޔަ ހޮނިހިރު ދުވަހު ގޮއްވާލި ބޮމުގެ ހަމަލާގައި ދެ މީހުން މަރުވެ 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. އެ ހަމަލާ އިން ނަންގަގްވާ ސަލާމަތްވީ ކިރިޔާ އެވެ. ނަންގަގްވާ ވިދާޅުވީ "އެއީ އޭނާގެ ފަހަރު ނޫން" ކަމަށެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަންގަގްވާ ވިދާޅުވީ ބޮމުގެ ހަމަލާ ދިން ކަމަށް ބެލެވެނީ ގްރޭސް ރައީސް ކަމަށް ގެނައުމަށް ކެމްޕޭން ކުރާ ޖީ40 ގްރޫޕުން ކަމަށެވެ.

ގްރޭސްގެ ފިރިކަލުން ރޮބަޓް މުގާބޭ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމުން ދުރުކޮށްފަ އެވެ. ޒިމްބާބުވޭގައި 37 އަހަރު ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މުގާބޭ ރައީސްކަމުން ދުރުކުރީ ގްރޭސް އަށް ވެރިކަން ހޯދައިދޭން އުޅުއްވުމުންނެވެ. ނައިބް ރައީސްގެ މަގާމުން ނަންގަގްވާ ދުރުކުރުމާ އެކު ސިފައިން ނުކުމެ ވަނީ އަސްކަރީ ބަޣާވާތެއް ގެނެސްފަ އެވެ.

ޒިމްބާބުވޭގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.