ގާސިމަށް ދައުވަތެއް: "ޝަރުތެއް ނެތި ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާ"
ގާސިމަށް ދައުވަތެއް: "ޝަރުތެއް ނެތި ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާ"

ރިޔާސީ އިންތިޚާބަށް އެކުގައި މަސައްކަތް ކުރަން، އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާ ގުޅިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް، ވެރިަކަން ކުރާ ޕާޓީ ޕީޕީއެމުން މިއަދު ދައުވަތު ދީފި އެވެ.

ޕީޕީއެމުން ގާސިމަށް ދައުވަތު މި ދިނީ ރައީސް ޔާމީން ބަލިކުރަން އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވެ، ޕާޓީތައް ވަކިވަކިން އިންތިޚާބުގައި ވާދަކުރުމާ ދިމާލަށް އަމާޒު ހިފުމުންނެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމް ކިތަންމެ މަސައްކަތް ކުރެއްވިޔަސް އެމްޑީޕީ އަކީ އެހެން ޕާޓީ އަކަށް ދޫދޭނެ ބައެއް ނޫން ކަމަށެވެ. އަނެއްކާ ވެސް އެ އޮތީ ޖުމްހޫރީ ޕާޓީ އަށް ބޭވަފާތެރިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ގާސިމަށް، ބޭވަފާތެރިވެފައިވާ ކަމަށް ޚަލީލް މި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ސަރުކާރުގައި ގުޅިފައިވާ ޕާޓީތަކުގެ ބައިވެރިވުން ހިމަނާނެ ކަމަށް ވިދާޅުވުމުންނެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭ ގޮތަށް 2008 ގައި އިއްތިހާދު ވި އެވެ. އެކަމަކު އެމްޑީޕީގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯލިޝަން ރޫޅުނީ އެވެ.

ޕީޕީއެމާ ގުޅުމުގެ ދައުވަތު، ގާސިމަށް ދިންއިރު، 2013 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމުން ދެ ވަނަ ބުރުގައި ޕީޕީއެމާ އެކު ކޯލިޝަން ހަދައި އޭނާ ސަރުކާރުން ޖާގަ ހޯއްދެވި އެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ހޯއްދަވަން ގާސިމް އުޅުއްވުމުން، ޕީޕީއެމާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ ސަރުކާރާ ފެއަށް ޖެހިވަޑައިގަތީ އެވެ.

އޭގެ ފަހުން، ގާނޫނުއަސާސީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީއާ އެކު މަސައްކަތް ފެއްޓެވި އެވެ. އެ މަސައްކަތުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފެއްޓެވުމާ އެކު ގާސިމްގެ ވިޔަފާރި އަށް ސަރުކާރުން ދަތިކޮށް، ފިއްތުންތަކެއް ކުރިމަތި ކުރި އެވެ. އެ މައްސަލައިގައި ސިޔާސީ މަސައްކަތް ކުޑަކޮށް މަޑުޖައްސަވާލެއްވުމަށް ފަހު، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ދެން ނުކުމެވަޑައިގަތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާހުތަކެއް ގެންނަން އިދިކޮޅު ކޯލިޝަނުން ކުރި މަސައްކަތް ޕީޕީއެމުން ފޭލްކޮށްލީ އެވެ. އެއާ އެކު ދެން އަމާޒު ހިފީ، ރައީސް ޔާމީން ބަލިކުރަން ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެކަމަކު ޖުމްހޫރީ ޕާޓީ ވެސް ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ބޭނުންވުމާއި ރިޔާސީ ކެންޑިޑޭޓު ކަން އެމްޑީޕީން ދޫކޮށްލަން އެއްބަސްނުވުމުން، އެ ގުޅުމުގައި ވެސް ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.