އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

"ކޮބާ ގާނޫނުއަސާސީގެ ދެން ހުރި މާއްދާތައް،" އަބުރުގެ ބިލަށް ތާއީދު ކުރަމުން ގެންދާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ލިޔަމުން ގެންދެ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 33 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 64 ވަނަ މާއްދާގެ އިތުރުން އެހެން ބައެއް މާއްދާތައް ވެސް ހިމެނެ އެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެ މާއްދާތައް ނިވާފަތްގަނޑަކަށް ހަދައިގެން ކެމްޕޭން ވެސް ކުރަމުން އެބަ ގެންދެ އެވެ. އޭގެ ބައެއް ބައިތައް ޓީވީއެމުން ވެސް އެބަ ގެނެސްދެ އެވެ.

އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

ސިޔާސީ ބޭފުޅުން ސޯޝަލް މީޑިއާގައި، ގާނޫނުއަސާސީގެ ތަފާތު މާއްދާތައް ޕޯސްޓް ކުރުމުން އެނގޭ އެއް ކަމަކީ އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ދޫދެއްވަން ބޭނުން ނުވާ ކަމެވެ. އަދިވެސް ޖަދަލު ކުރުމުގެ ރޫހު މިފަދަ ބޭފުޅުންގެ ސިކުނޑީގައި އުތުރި އަރަމުން އަންނަ ކަމެވެ. ގާނޫނުއަސާސީގެ އެހެން މާއްދާތަކުގެ ވާހަކަ ދައްކައިގެން މީޑިއާގެ މިނިވަންކަން ނަގާލަން ހަދާފައި އޮތް ބިލް ފާސްކުރަން މިއުޅެނީ ކެތް މަދުވެގެންނެވެ.

އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ދިވެހިންނަށް ދީފައިވާއިރު، އެ މާއްދާގެ ދިފާއުގައި ނޫސްވެރިން ހާއްސަ ކެމްޕެއިނެއް ފެށުމުން އެއާ ދެކޮޅަށް ސަރުކާރުގެ ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ދައްކަވަނީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާ އެވެ. އެ މާއްދާގައި ވަނީ "އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެ އެވެ،" މިހެންނެވެ.

އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

ގާނޫނުއަސާސީގެ 27 ވަނަ މާއްދާ ގައި "މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ،" މިހެންނެވެ. ނޫސްވެރިންގެ މި ކެމްޕެއިންގައި، ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކުރާ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އަށް ވެސް ރިއާޔަތް ކުރާނެ އެވެ.

އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތައް ނޫސްވެރިން ފާޅުކުރަން ފެށީ ހަމައެކަނި މަތިމަތިން ބެލުމަށް ފަހުގައެއް ނޫނެވެ. އޭގެ ބަދަލުގައި ގާނޫނީ ބޭފުޅުންގެ ދިރާސާތަކުގެ އަލީގަ އެވެ. މިނިވަން ނޫސްވެރިކަން މަރުވެ، އަދި ގާނޫނީ އެތައް މައްސަލަތަކެއް އެ ބިލްގައި އެބަހުއްޓެވެ.

އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

އަބުރުގެ ބިލްގެ މަފްހޫމާ މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ނޫސްވެރިން ވެސް ޖުމްލަކޮށް ދެކޮޅެއް ނޫނެވެ. މައްސަލަ އަކީ ނޫސްވެރިކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ބިލްގައި ހުރި ބައެއް މާއްދާތަކެވެ. ނޫސްވެރިންގެ އެދުމަކީ ހަމައެކަނި އެ ކަންކަން އިސްލާހުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. މީޑިއާ ކައުންސިލާއި ނޫސްވެރިންގެ މަޝްވަރާއާ އެކު ބިލް އިސްލާހު ކުރުމެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕެއިން ހިންގުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޓީމުގެ އެއް މެމްބަރު އަލީ ނާފިޒް ބުނީ، އަބުރު ރައްކާތެރިކުރުމުގެ ބިލް އިސްލާހު ކުރުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ނިންމީ ހަގީގަތުގައި ވެސް ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އެއްގޮތަކަށް ވެސް މިކަމުގައި ސިޔާސީ ކަމެއް ނެތް ކަމަށާއި އެކަމަކު ސަރުކާރުގެ ސިޔާސީ ބޭފުޅުން ފާޅުގައި ދެކޮޅަށް ވަކި ކެމްޕެއިނެއް ފެށުމުން އިހުލާސްތެރިކަން ހުރި ވަރު ސާފުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"ގާނޫނުއަސާސީގައި އެ ބުނާ ގޮތަށް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެކަމަކު އޭގެ މާނަ އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތި ކޮށްލާށެކޭ ނޫން. ނޫސްވެރިކަން ނުކުރެވޭ ގޮތަށް ބިލެއް ހެދުމެއް ވެސް ނޫން. އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ކަމަށް ވަނީ ނަމަ، ހިޔާލުތައް ދުލާއި ގަލަމުން ބަޔާން ކުރުމަކީ ގާނޫނުއަސާސީން ދިވެހިންނަށް ދީފައިވާ މިނިވަންކަމެއް. އެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އަޅުގަނޑުމެން މިއެދެނީ،" ނާފިޒް ބުންޏެވެ.

"މި މައްސަލާގައި އެންމެން ކޮމްޕްރޮމައިޒްކޮށް، މިނިވަން، ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އޮންނަ ފަދަ ގޮތަކަށް ބިލް ބައްޓަން ކޮށްދެއްވަންވީ. އަބުރު ރައްކާތެރިކޮށްދިނުމުގެ ހައްގު އޮންނައިރު، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ ގޮތްތައް ވެސް އޮންނަން ވާނެކަން އެންމެން ގަބޫލުކުރަންވީ."

އަބުރުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ވެސް، ނޫސްވެރިންގެ ކެމްޕެއިނަށް ކޮންމެވެސް ވަރަކަށް ހަޖޫ ޖެއްސެވި އެވެ. "މިހާރު"އާ އެކު ދެއްކެވި ވާހަކަތަކެއްގައި އޭނާ ވިދާޅުވީ "އަޅުގަނޑުމެން ވެސް [ގާނޫނުއަސާސީގެ] 33 ވަނަ މާއްދާ ޓީޝާޓެއްގައި ޖަހާފައި ބަޔަކު ނެރެވިދާނެ" ކަމަށެވެ. ނަމަވެސް މިކަމުގައި ނޫސްވެރިންނަށް ޖެއްސުން ނުކޮށް، އެންމެންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ހައްލަކަށް ދިއުން މުހިންމު ނޫންތޯ ދެންނެވުމުން، ޖައުފަރުގެ ވާހަކައިގެ ރާގު ބަދަލު ކުރެއްވި އެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި އަބުރުގެ ބިލް މަޖިލިހުގެ ކޮމިޓީއަށް ގެންގޮސް، މީޑިއާ ކައުންސިލުން ހުށަހަޅާ ކަންބޮޑުވުންތަކާ އެކު އިސްލާހުކޮށްދޭން އޭނާ ހުންނެވީ ތައްޔާރަށެވެ.

"އިސްލާމީ ޝަރީއަތާއި ދިވެހި ރާއްޖޭގެ ގާނޫނުއަަސާސީ އާއި ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ބިލުން އެންމެ ބަހެއް ދެއްކެވިޔަސް އަޅުގަނޑު މިހުރީ ބިލް އިސްލާހުކުރަން ތައްޔާރަށް. އެކަމަކު ފާހަގަ ކޮށްލާނަން، އަޅުގަނޑު ބިލް ހުށަހެޅީ ވެސް ވަރަށް ބޮޑަށް އިސްލާހުކޮށްފައި. ކުރިއަށް ވުރެ އަދަބުތައް ވެސް ލުއިކޮށްފައި ހުންނާނީ،" ޖައުފަރު ވިދާޅުވި އެވެ.

"މި ބިލާ ގުޅިގެން ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް ހުރިއްޔާ އެ ވާހަކަ އަޅުގަނޑުމެން އަޑުއަހާނަން. އެ ފުރުސަތު އަދި ބަންދެއް ނުވޭ. އަޅުގަނޑު މިހުރީ މީޑިއާ ކައުންސިލުން ރަސްމީކޮށް ބައްދަލުކުރަން އަތުވެއްޖެ ނަމަ އެ ފުރުސަތު ދޭން ތައްޔާރަށް. މީޑިއާ ކައުންސިލުން ހުށަހަޅާ ކަރުދާހަކަށް އަޅުގަނޑުމެން ބަލާނަން."

ނޫސްވެރިންގެ ކެމްޕެއިނަށް އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ހަޖޫ ޖަހައި އެއާ ދެކޮޅު ކެމްޕެއިން ހިންގަވާ އެއް ބޭފުޅަކީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ. އޭނާ ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި ނޫސްވެރިން 27 ވަނަ މާއްދާގެ ދިފާއުގައި ނުކުންނައިރު، ގާނޫނުއަސާސީގެ އެހެން ފަސް މާއްދާއެއް ވެސް ކިޔަންޖެހޭނެ ކަމަށެވެ. އެއީ ދައުލަތުގެ ދީން ބަޔާންކުރާ 10 ވަނަ މާއްދާ އާއި ހައްގުތައް ކަށަވަރުކޮށްދިނުމާ ގުޅޭ 16 ވަނަ މާއްދާ އާއި ޒާތީ ދިރިއުޅުން ބަޔާންކުރާ 24 ވަނަ މާއްދާ އާއި އަބުރު ރައްކާތެރިކުރުމާ ގުޅޭ 33 ވަނަ މާއްދާ އަދި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ކަނޑައަޅާފައިވާ 67 ވަނަ މާއްދާ އެވެ.

ފަތުހީ މިވަގުތު ބަލިވެ އުޅުއްވާތީ، މި މައްސަލާގައި ފޯނުން ވަކި އެއްޗެއް ވިދާޅުވާން ދަތިކަމުން އޭނާގެ ބަހެއް ނުލިބުނެވެ.

ގާނޫނީ ވަކީލަކު ވިދާޅުވީ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށާއި އެއީ ގާނޫނުއަސާސީގެ ވެސް ވަރަށް މުހިންމު އުސޫލެއް ކަމަށެވެ. އެ އުސޫލު ގާނޫނުއަސާސީގެ 69 މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ވަނީ "މި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެ ފަދަ އަމަލެއް ކުރުމުގެ، ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް މި ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެ އެވެ،" މިހެންނެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ވަކީލު ވިދާޅުވީ އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިދޭއިރު، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ނުހިފެހެއްޓޭނެކަން ގާނޫނުއަސާސީން ވަރަށް ސާފު ކަމަށެވެ.

"ހަމަ އެގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދެއޭ ކިޔާފައި މީހުންގެ އަބުރު ކަތިލައިގެން ވެސް ނުވާނެ. މީހުންގެ ކަރާމާތައް އަރައިގެން ވެސް ނުވާނެ. އެހެންވީމާ މީގެ މާނައަކީ ގާނޫނުއަސާސީން ހުރިހާ ހައްގުތަކެއް ވެސް ދީފައި ވަނީ އަނެއް މިނިވަންކަން ނުވަތަ ހައްގު ތައާރަޒު ނުވާ ގޮތަށޭ. ގާނޫނުއަސާސީން ދަތުރުފަތުރުކުރުމުގެ ހައްގު ކަށަވަރު ކޮށްދޭތީ މުޒާހަރާ ކުރުމުގެ ހައްގު ވެސް ނުހިފެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެއް ހައްގުގެ ހިމާޔަތުގައި އަނެއް ހައްގު އެއްކޮށް ފޮހެނުލެވޭނެ."

އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތަކާއެކު ނޫސްވެރިން ނުކުމެފައިވާއިރު، ފުރަތަމަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މަޖިލިހުގެ މެމްބަރުންގެ ވާހަކައިގެ ރާގު ކޮންމެވެސް ވަރަކަށް ފިނިކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

އެކަމަކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ފުރަތަމަ ހުށަހެޅުއްވި މި ބިލް އަނބުރާ ގެންދިއުމަށް ފަހު އަލުން އެހެން މެމްބަރަކު ބިލް ހުށަހެޅުއްވިއިރު ވެސް، ނޫސްވެރިން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އޮތުމަކީ ނޫސްވެރިން ގަބޫލުކުރާނެ ކަމެއް ނޫނެވެ. ހެޔޮ ނިޔަތެއްގައި މިކަން ކުރި ނަމަ، ދެވަނަ ފަހަރަށް ބިލް އަންނާނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބިގެންނެވެ. އަނެއްކޮޅުން ބިލް ދެވަނަ ފަހަރަށް ހުށަހެޅުމުން އެއާ މެދު ކަންބޮޑުވުން ފާޅުކުރާ ނޫސްވެރިންނާ ސަރުކާރުގެ ސިޔާސީ ބޭފުޅުން ޗެލެންޖްކޮށް، މިކަން ރަނގަޅު ކުރަން ބޭނުން ނުވާކަން ދެއްކުމަކީ ވެސް ވަރަށް ބޮޑު ގޯހެއް ކަމަށް ނޫސްވެރިން ދެކެ އެވެ.

އަބުރާ ބެހުމުގެ ބަދަލު ނަގައި ދިނުމުގެ ގަވައިދެއް މިހާރު ވެސް އެބައޮތެވެ. ސަރުކާރުގެ މެމްބަރުން ވިދާޅުވާ ގޮތުގައި އެ ގަވައިދުގެ ދަށުން ނަގައިދޭ ބަދަލު ކުޑަކަމުން އެއީ އާންމުން އެހާ ބޭނުންކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރަށް ފެތޭ ގޮތަށް ގާނޫނެއް ހަދަން ބޭނުންވީ ކަމަށް މެމްބަރު ޖައުފަރު ވިދާޅުވި އެވެ.

ނަމަވެސް ބިލް ތައްޔާރުކުރިއިރު، މިނިވަން ނޫސްވެރިކަން މުޅިން އެއްކޮށް ފޮހެލެވޭ ގޮތަށް ވިސްނުން ބަހައްޓާފައިވާކަން އެނގެ އެވެ. އެއީ ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށް ގިނަ ބަޔަކު އިއްތިފާގެއް ނުވެ އެވެ. ނޫސްވެރިކަމާއި ފަންނުވެރިކަމަށް ހުރި ފުރުސަތުތައް ބިލުން ހަނިކޮށްފައިވެ އެވެ.

އަބުރުގެ ބިލްގައި ހުރި މައްސަލަތައް ރަނގަޅު ކުރަން ނޫސްވެރިން ރެއާއި ދުވާލު މަސައްކަތް ކުރާއިރު، ބިލް ހުށަހެޅުއްވި މެމްބަރު ޖައުފަރުގެ ވިސްނުމުގައި ނޫސްވެރިން މާ އަވަސް އަރުވާލައިގެން އުޅެނީ އެވެ. ކަންތައް ބޮޑުކުރަނީ އެވެ. ނޫސްވެރިންގެ ޖަވާބަކީ ކަންބޮޑުވާ މިންވަރަށް ބިލް ގޯހެވެ. އަޅާނުލައި ތިބެއްޖެ ނަމަ، ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ވެސް ކުރެއްވުން ގާތް ކަމެކެވެ.