28 ޖޫން 2018 - 11:16

ކަލިނިންގްރަޑް (ޖޫން 28) - ވޯލްޑް ކަޕުގައި ކުރިއަށް ދިއުމަށް ފަސޭހަ މަގެއް އިހުތިޔާރު ކުރުމަށް މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުން ބަލިވާން ދޫކޮށްނުލާނެ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ބާކީ އެއް މެޗު އޮއްވައި ގްރޫޕް ޖީ އިން ދެ ވަނަ ބުރުގެ ޖާގަތަށް އިންގްލެންޑާއި ބެލްޖިއަމުން ވަނީ ކަށަވަރުކޮށްފަ އެވެ. މި ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމަށްވާ ޕެނަމާ އާއި ޓިއުނީޝިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ.
އިންގްލެންޑާއި ބެލްޖިއަމް މިރޭ ކުޅޭ މެޗު ހާއްސަވަނީ ގްރޫޕްގެ އެއް ވަަަނަ ޓީމު ކަނޑައެޅުމަށެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މުބާރާތުގެ ނޮކައުޓް ބުރުގައި ފަސޭހަވާނީ މި ގްރޫޕްގެ ދެ ވަނަ އަށް ދާ ޓީމަކަށެވެ. އެއީ އެ ފަޅީގައި އޮތީ މުބާރާތުގެ ތަޖުރިބާ އަށް ބަލާއިރު ނަތީޖާ ނެރެން ފަސޭހަ ޓީމުތަކަށްވެފައި، ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ. އެހެން ކަމުން މިރޭގެ މެޗުގައި މި ދެ ޓީމުން ވެސް ނުކުންނާނީ ބަދަލުތަކާ އެކު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ވޯލްޑް ކަޕް މެޗަކުން ބަލިވެގެން ވާނެ ފައިދާއެއް ނެތް. އަހަރެމެން މި މެޗަށް ނުކުންނާނީ ވެސް މޮޅުވާން. މިއީ ފައިނަލަށްދާނެ މަގެއް ކަނޑައަޅަން އޮތް މެޗެއް ނޫން. ބޭނުންވަނީ މޮޅުވެގެން އަނެއް ބުރަށް ވިނިން މެންޓަލިޓީގައި ދާން. އެ ނޫނީ އަހަރެމެންނަށް އޭގެ ގޯސް އަސަރުކޮށްފާނެ،" ސައުތުގޭޓް ބުންޏެވެ.
އޭނާ ބުނީ މިރޭގެ މެޗުގައި ޓީމުން ކޮންމެެވެސް ވަރެއްގެ ބަދަލުތަކެއް ފެންނާނެ ކަަމަށާއި އޭގެ މާނަ އަކީ ބަދަލުގައި އަރާ ކުޅުންތެރިންގެ ކިބައިގައި މޮޅުވެވޭނެ ފެންވަރު ނެތުން ނޫން ކަމަށެވެ.
"އަހަރެމެން ނޮކައުޓް މެޗަކުން އެންމެ ފަހުން މޮޅުވީ 2006 ގައި. މިހާރު އެކަން ވެސް ބަދަލުކުރަން ޖެހިފައި މިއޮތީ. އެކަން ކުރެވޭނީ ގްރޫޕް ސްޓޭޖުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެގެން،" ކުރިން އިންގްލެންޑްގެ ޒުވާން ޓީމަށް ކޯޗުކޮށްދިން ސައުތުގޭޓް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން މިރޭގެ މެޗުގައި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ 10 ބަދަލެއް ފުރަތަމަ އެގާރަ އަށް ގެންނަން ނިންމައިފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ވެސް ވަނީ އެ ކަހަލަ އިޝާރާތެއް ދީފަ އެވެ.
"ޓާގެޓަކީ ދެ ވަނަ ބުރަށް ދިއުން. އެކަން ހާސިލްވެއްޖެ. އެބަތިބި މެޗު ކުޅުމުގެ ނަސީބު ނުލިބި ތިބި ކުޅުންތެރިން. އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭން ޖެހޭ،" މާޓިނޭޒް ބުންޏެވެ.
މި ފަހަރުގެ މުބާރާތުގެ ރަން ބޫޓަށް ވާދަކުރާ ދެ ކުޅުންތެރިންނަކީ އިންގްލެންޑްގެ ހެރީ ކޭން އާއި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އެވެ. ލިސްޓުގެ ކުރީގައި ކޭން އޮތީ ފަސް ގޯލާ އެކު އެވެ. ލުކާކޫ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ލުކާކޫ ނުފެނިދާނެ ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ.
އިންގްލެންޑާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.