29 ޖޫން 2018 - 06:07

ބޮލީވުޑްގެ ދުވަސްވީ އެކްޓަރުންނަކީ މިހާރު ވެސް އެ މީހުންގެ އުމުރަށް ވުރެ ދެ ގުނަ ހަގު ބަތަލާއިންނާ އެކު ފިލްމްތަކުގައި ލީޑް ރޯލް ކުޅޭ ތަރިންނެވެ. މި ލިސްޓްގެ އެންމެ ކުރިއަށް އަންނާނީ ޔަގީނުން ވެސް ސަލްމާން ހާނާއި ޝާހްރުކް ހާނާއި އާމިރް ހާން ފަދަ އެކްޓަރުންނެވެ.
އެ މީހުންގެ އުމުރުން މިހާރު 50 އިން މައްޗަށް ދިޔަ އިރު ވެސް، މިއީ ބޮލީވުޑްގައި އަދިވެސް އެންމެ ބޮޑަށް ލީޑް ކުރާ ތަރިންނެވެ. އަނެއްކޮޅުން ޒުވާން ބަތަލާއިން އެކުގައި ފިލްމެއް ކުޅެލަން އެންމެ ހިތް އެދޭ ތަރިންނަކީ ވެސް މިއީ އެވެ.
އެކަމަކު ދުވަސްވީ ބަތަލާއިން މިއާ ހިލާފެވެ. އުމުރުން 40 އިން މައްޗަށް ދިއުމުން، ލީޑް ރޯލްތައް ކުޅެން ލިބެނީ ވަރަށް މަދު ތަރިއަކަށެވެ. އަނެއްކޮޅުން އެފަދަ ބަތަލާއިންނާ އެކު، ފިލްމް ކުޅެން އެކްޓަރަކު ހޯދުމަކީ ބެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ ގިނަ ބަތަލާއިންނަށް ފަހުން މި ޖެހެނީ ހިތާ ދެކޮޅަށް ނަމަވެސް މަންމައެއްގެ ރޯލް ކަހަލަތައް ރޯލްތައް ކުޅޭށެވެ.
ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދާލި ބަތަލާއިންގެ ތެރެއިން މަނީޝާ ކޮއިރަލާއަކީ އޭގެ ތެރެއިން އެކެކެވެ. އުމުރުން މިހާރު 47 އަހަރުގެ ބަތަލާ އަށް މިހާރު ފިލްމްތަކުން ލިބެނީ ސަޕޯޓިން ރޯލްތަކެވެ.
އޭގެ އެއް ހެއްކަކީ މިއަދު ސިނަމާ އަށް އައި "ސަންޖޫ" އެވެ. އެ ފިލްމްގައި އޭނާ ކުޅުނީ ރަންބީރްގެ ކަޕޫރްގެ މަންމަގެ ރޯލެވެ. އަދި މިހާރު ކުޅެމުން އަންނަ "ޕްރަސްތާނަމް" ގައި ވެސް ހަމަ މަންމައެއްގެ ރޯލެވެ.
މިކަމަށް އިޝާރާތްކޮށް، މަނީޝާ ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއާ އެކު ފިލްމް ކުޅުނު ގިނަ އެކްޓަރުން އަދިވެސް ފިލްމް ކުޅެނީ ޒުވާން ބަތަލާއިންނާ އެކީގައި ކަމަށެވެ.
"އެކަމަކު ބަތަލާއެއްގެ އުމުރުން ސާޅީހުން މަތިވެލީމަ މި ލިބެނީ ގިނަ ފަހަރަށް މަންމައެއްގެ ރޯލް ކުޅެން." އޭނާ ބުންޏެވެ. "އެއީ އަހަންނަށް ގަބޫލު ކުރަން ތަންކޮޅެއް އުނދަގޫ އަދި ކިހިނެއްވެގެންވާ ކަމެއްކަން ސާފު ނުވާ މައްސަލައެއް."
ނަމަވެސް މަނީޝާ ބުނި ގޮތުގައި މިހާރު އުފާވާން ޖެހޭ ކަމަކީ ބޮލީވުޑްގައި ވަރުގަދަ އަންހެން ކެރެކްޓާތަކަށް ބިނާކޮށް ފިލްމްތައް ހަދާތީ އެވެ. އަދި އެފަދަ ފިލްމްތަކަށް ބެލުންތެރިން މިހާރު ވަރަށް ބޮޑަށް ބަލައި ގަންނަ ކަމަށް ވެސް ބުންޏެވެ.
ނޭޕާލަށް އުފަން މަނީޝާއަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތިން ހާނުންނާ އެކު ފިލްމް ކުޅެން ފުރުސަތު ލިބުނު މަދު ބަތަލާއިންގެ ތެރެއިން އެކެކެވެ. އަދި އޭނާ ވަނީ އަނިލް ކަޕޫރް، އަޖޭ ދޭވްގަން، ޖެކީ ޝްރޮފް، ސަނީ ޑިއޯލް، ބޮބީ ޑިއޯލް، ސަންޖޭ ދަތު ފަދަ އެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ.