30 ޖޫން 2018 - 08:02

މޮސްކޯ (ޖޫން 30) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް މި ފަހަރު ބޭނުންކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ކަންތައްތައް ދަނީ ވަރަށް ހިތްހަމަ ޖެހޭ ގޮތަަކަށް ކަމަށް ފީފާ ރެފްރީސް ކޮމިޓީގެ ޗެއާމަން ޕިއަރްލުއިޖީ ކޮލީނާ ބުނެފި އެވެ.

ވީއޭއާރް ވަނީ މީގެ ކުރިން ގިނަ މުބާރާތްތަކެއްގައި ޓެސްޓު ކޮށްފަ އެވެ. އަދި ފާއިތުވި ސީޒަނުގައި އިޓާލިއަން ލީގާއި ޖަރުމަނު ލީގުގައި ވެސް ވީއޭއާރް ބޭނުންކުރި އެވެ. ވީއޭއާރުގެ ނިންމުންތަކާ ގިނަ ބަޔަކު މިހާތަނަށް ފާޑުކިޔަމުން އަންނައިރު، ކުރީގެ އެއް ވަނަ ރެފްރީ ކޮލީނާގެ ނަޒަރުގައި ވޯލްޑް ކަޕްގައި ވީއޭއާރް ބަރާބަރެވެ.
"އަހަރެމެން މި ތިބީ ވަރަށް ހިތްހަމަ ޖެހިފައި. ވީއޭއާރްގެ ކަންތައްތައް މިދަނީ ރަނގަޅަށް ވަރަށް ހިތްހަމަ ޖެހޭ،" ކޮލީނާ ބުންޏެވެ.
ފީފާއިން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕު ގްރޫޕް ސްޓޭޖުގެ 48 މެޗުގައި 335 ހާދިސާއެއް ވީއޭއާރުގެ އޮފިޝަލުން ބެލި އެވެ. މިއީ އެވްރެޖްކޮށް މެޗަކު ހަތް ހާދިސާއެކެވެ. ވީއޭއާރް ބަލަނީ ހަތަރު ހާލަތެއްގަ އެވެ. އެއީ ގޯލެއް ޖެހުމުންނާއި ޕެނަލްޓީއާ ގުޅޭ ނިންމުންތަކާ ގުޅިގެންނާއި ފައުލަކާ ގުޅިގެން ކާޑު ދައްކަން ޖެހޭ ކުޅުންތެރިއެއް ކަނޑައެޅުމުގައި އޮޅުންއަރާނަމަ އެވެ. ރެފްރީއާ ހަމައަށް ކަމެއް އަންނާނީ ވީއޭއާރް ރޫމުގައި ތިބޭ އޮފިޝަލުން އެ ބެލުމަށް ފަހު އޮޅުން އަރާ ކަމެއް އުޅޭނަމަ އެވެ.
ކޮލީނާ ބުނީ ވީއޭއާރްގެ އެހީއާ އެކު މިހާތަނަށް 99.3 ޕަސެންޓް ނިންމުންތައް ދިޔައީ އިންސާފުވެރިކޮށް ކަމަށެވެ. އަދި ވީއޭއާރްގެ އެހީ ނުހޯދިނަމަ މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު، އިންސާފުވެރިކޮށް ގޮސްފައި އޮންނާނީ 95 ޕަސެންޓް ކަމަށެވެ. އެހެން ކަމުން މިއީ 4.3 ޕަސެންޓްގެ ކުރިއެރުމެއްކަން ކޮލީނާ ފާހަގަކުރި އެވެ.
"އެއްވެސް ކަމެއް 100 ޕަސެންޓެއް ނުވާނެ. އަދިވެސް ގޯސްތަކެއް ހުންނާނެ. މީގެ އެންމެ މުހިއްމު ކަމަކީ ވީ އެންމެ ރަނގަޅަކަށް މި ކަންތައްތައް ކުރިއަށްގެންދިއުން،" ކޮލީނާ ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު 17 ހާދިސާއެއް ވަނީ ވީއޭއާރުން ރިވިއު ކޮށްފަ އެވެ. އޭގެ ތެރެއިން 14 ހާދިސާއެއްގެ ގޮތް ނިންމީ މެޗުގެ ރެފްރީ ގޮސް ދަނޑުގައި ހުންނަ މޮނީޓަރުން ބެލުމަށް ފަހު އެވެ. އަނެއް ތިން ހާދިސާގެ ގޮތް ނިންމީ ވީއޭއާރް ރޫމުގެ އޮފިޝަލުންގެ ލަފާގެ މަތިންނެވެ.
ގިނަ ޓީމުތަކުން ވަނީ ވީއޭއާރް ބޭނުންކުރުމުގައި ދެފުށް ފެންނަ ރަނގަޅު އުސޫލުތަކެއް ނެތް ކަމަށް ބުނެފަ އެވެ. ގްރޫޕް ސްޓޭޖު މެޗުތަކުގެ ތެރެއިން ބްރެޒިލާއި އީރާނުން ވަނީ ފީފާ އަށް މައްސަަލަ ހުށަަހަޅައިފަ އެވެ. ބްރެޒިލުން ހުށަހެޅީ އެ މެޗުގައި ހިނގައިދިޔަ ދެ ކަމެއް ވީއޭއާރުން ނުބަލާ ކަމަށް ބުނެފަ އެވެ. އީރާނުގެ ކޯޗު ކާލޮސް ކުއެރޯޒް މައްސަލަ ޖެއްސީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޯޅަ ނެތިސް ކުޅުންތެރިއަކަށް ހަމަލާދިނުމުން އޭނާ އަށް ރަތް ކާޑު ނުދެއްކީ ކީއްވެތޯ އޮޅުން ފިލުވުމަށެވެ.
ކޮލީނާ ބުނީ ވީއޭއާރްގެ ސަަބަބުން މެޗު ތެރޭގައި ދިމާވާ ލަސްވުމުގެ މައްސަލަތައް ހައްލުވާނީ މި ސިސްޓަމަށް ރެފްރިން އަހުލުވެރިވާ މިންވަރުން ކަމަށާއި މިހާރުވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ގިނަ ކަމަށެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް ވަނީ ވީއޭއާރް ބޭނުންކުރާ ގޮތާ މެދު ފާޑުކިޔައިފަ އެވެ. އަދި މޮރޮކޯގެ ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ ވީއޭއާރަކީ ހަމަައެކަނި ބޮޑެތި ޓީމުތަކަށް ފައިދާވާ ގޮތަށް އޮތް އެއްޗެއް ކަމެއް ކަމަށް ބުނެ ޕެޓިޝަނެއް ވެސް ހަދައިފަ އެވެ.