01 ޖުލައި 2018 - 13:43

ބ. ފިނޮޅު ރިސޯޓު ކައިރީގައި ފީނަން އޮތް ޓޫރިސްޓެއްގެ ގައިގައި ޑިންގީއެއްގެ ބުރަފަތިން ޖެހި މިއަދު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވީ، އެ ރިސޯޓުގެ ފަޅު ތެރޭގައި މިއަދު ހެނދުނު ފީނަން އޮތް 27 އަހަރުގެ ޗައިނާގެ ފިރިހެން ޓޫރިސްޓެކެވެ. ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށްވެ އެވެ.
އޭނާ ފީނަން ގޮސް އުޅުނީ އަންހެނުންނާ ވެސް އެކުގަ އެވެ. އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި 24 އަހަރުގެ އަންހެން މީހާގެ މޫނުމަތި ކަފައިގެން ގޮސް އިތުރު ޒަހަމްތަކެއް ލިބިފައިވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ 11:30 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި ޒަހަމްވި އަންހެން މީހާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެކަކު މަރުވެ އަނެކަކު ޒަޚަމްވި ގޮތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.