އަބުރުގެ ބިލަކީ ރާއްޖޭން ފަހަތަށް އަޅާ ފިޔަވަޅެއް: އީޔޫ
އަބުރުގެ ބިލަކީ ރާއްޖޭން ފަހަތަށް އަޅާ ފިޔަވަޅެއް: އީޔޫ

އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖެއިން ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން މިއަދު ބުނެފި އެވެ.

"ދީނާއި ގައުމީ ސަލާމަތަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ،" އީޔޫން ކުރި ޓުވީޓުގައިވެ އެވެ.

އީޔޫން މިހެން ބުނިއިރު، އަބުރުގެ ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސީދާ ދިން ހަމަލާއެއް ކަމަށް ބުނެ، އެ ބިލު ވަގުތުން އަނބުރާ ގެންދަން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ޚަބަރުތަކެއް މީޑިއާތަކުން ގެނެސް ނުދެވޭ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލު ފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.

ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.