31 ޖުލައި 2016 - 07:35
ސްމާޓްފޯން މާކެޓްގެ މަތި ފަޑި ސެމްސަންގް އަށް އަތުޖެހުނީ އެންޑްރޮއިޑް އިހްތިޔާރު ކުރުމުންނެވެ. އެ ނޫން އޮޕަރޭޓިން ސިސްޓަމަކަށް ފޯނު އުފެއްދި ނަމަ، ނޮކިއާ، ޕާމް އަދި ބްލެކްބެރީއާ އެއް ލިސްޓަކަށް ސެމްސަންގް އެރީހެވެ. ރަނގަޅު ވިސްނުމެއް ވިސްނި، އޮބި ނޯންނަ ވަރަށް އެންޑްރޮއިޑް ފޯނުތައް މާކެޓަށް ނެރުން ވެފައި ވީ ސެމްސަންގް ދެމިއޮތުމަށް މެދުވެރިވި ސަބަބަށެވެ.
ސެމްސަންގަށް ވުރެ ސްމާޓްފޯން މާކެޓަށް ފަރިތަ އެހެން ކުންފުންޏެއް އަދު ނެތެވެ. އެޕަލް އަށް ވުރެ ބޮޑު ފައިދާއެއް ފާއިތުވި އަހަރު ސެމްސަންގް ވަނީ ހޯދާފަ އެވެ. މައިކްރޮސޮފްޓަށް އަދި ވެސް އެ އުޅެނީ އަރައިނުގަނެވިގެންނެވެ.
ގޫގުލުން އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް އުފައްދަމުން ދިއައިރު، ސެމްސަންގުން ވިންޑޯޒް ފޯން އުފެއްދި އެވެ. "ބާޑާ" އޮޕަރޭޓިން ސިސްޓަމަށް ވެސް ފޯނު އުފެއްދި އެވެ. "ބާޑާ" އަކީ ސެމްސަންގް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް ނަމަވެސް، އިންޓެލްއާ އެކު "ޓައިޒަން"އޭ ކިޔާ އޮޕަރޭޓިން ސިސްޓަމެއް ވެސް އުފައްދަން މަސައްކަތްކުރި އެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ފަހު އެންޑްރޮއިޑާ ދިމާ އަށް އެނބުރި ގަތެވެ.
އައިފޯނާއި އައިޕެޑް ހިންގަނީ "އައިއޯއެސް"އޭ ކިޔާ އޮޕަރޭޓިން ސިސްޓަމަކުންނެވެ. އެއީ އެޕަލް އަށް ފުރިހަމަ ބާރު އޮތް އަމިއްލަ މުދަލެކެވެ. އައިއޯއެސް އާއި އެންޑްރޮއިޑް ފިޔަވައި ދެން ހުރި އޮޕަރޭޓިން ސިސްޓަމްތަކަށް ނޭވާނުލެވިގެން އުޅެނީ، ބޭނުންކުރާ މީހުންނަށް ދޭނެ އެޕްލިކޭޝަންތަކެއް ނެތުމުންނެވެ.
އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުނިތަކުން ކުރާ ޝަކުވާއެއް އެބަ އޮތެވެ. ލިބޭ ފައިދާ ކުޑަވުމެވެ. ފޯނުތައް ވިއްކައިގެން ލިބޭ އެއްޗަކުން ގޫގުލް އަށް ދޭން ޖެހޭ ވަރު ބޮޑީ އެވެ. އެންޑްރޮއިޑަކީ ގޫގުލުން އުފައްދައި ދަމަހައްޓާ އޮޕަރޭޓިން ސިސްޓަމަކަށް ވުމުން، ގޫގުލުން ކުރާ މަސައްކަތްތަކަށް އަގު ނަގަ އެވެ. އެކަން އޮންނަން ވާނެ ގޮތަކީ ވެސް އެއީ އެވެ.
ސްމާޓްފޯން މާކެޓްގައި ސެމްސަންގަށް ލިބިފައި އޮތް ތަނަވަސްކަން އިތުރަށް ތަނަވަސްކުރުމަށް އެ ކުންފުނިން ވިސްނަ އެވެ. ގޫގުލްގެ އެހީއާ ނުލައި ހިންދެމިލެވޭތޯ މަސައްކަތްކުރެ އެވެ. ޓައިޒަން ޕްރޮޖެކްޓް މަޑުމަޑުން ނަމަމެސް ކުރި އަށް ގެންދަނީ އެ ބޭނުމުގަ އެވެ. ސެމްސަންގުން ޓައިޒަން ފޯނު އުފައްދާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުކޮށްފަ އެވެ. ވަކި މާކެޓްތަކަކަށް އަމާޒުކޮށް ވަކި ފެންވަރެއްގެ ފޯނުތައް ދަނީ އުފައްދަމުންނެވެ. ބެލެވޭ ގޮތުގައި ލަސްތަކެއް ނުވެ ބާރުގަދަ ފޯނުތައް ޓައިޒަނުން ހިންގާނެ އެވެ.