06 ޖުލައި 2018 - 10:33

އިންޑިޔާގައި ފައިގެ ނުބައި އޮޕަރޭޝަން ކުރެވުނު ދިވެހި ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް ހޮސްޕިޓަލްގެ ފަރުވާކުޑަވުމުގެ މައްސަލަ ދޫނުކުރާނެ ކަމަށް އޭނާގެ މަންމަ އިއްޔެ ބުނެފި އެވެ.
ދިވެއްސަކާ އިނދެގެން އުޅޭ އިންޑިއާގެ ރަޝީދާ ބުނީ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލްގައި މިދިޔަ ހޯމަދުވަހު އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅުގެ ވައަތު ފައިގެ އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ކޮށްފައި ވަނީ ކަނާތު ފައިގެ އޮޕަރޭޝަން ކަމަށެވެ.
ދަރިފުޅު އޮޕަރޭޝަނަކަށް ދާން ޖެހުނީ ވައަތު ފައިގެ ކަކުލުގައި ހުރި މައްސަލައެއް ރަނގަޅު ކުރަން ކަމަށް އޭނާ ބުންޏެވެ.
ފައިގައި މާ ބޮޑަށް ރިއްސާތީ ދަރިފުޅު ގޮވައިގެން ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލަށް ރަޝީދާ ދިޔައީ މިދިޔަ ހަފުތާގަ އެވެ. ކަކޫ ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ކަމަށް ބުނެ ޑޮކްޓަރުން ލަފާދިނީ ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ކަމަށް "މިހާރު"އާ ވާހަކަދައްކަމުން ރަޝީދާ ބުންޏެވެ.
ތޮއްޑޫ މީހަކާ އިނދެގެން 15 އަހަރު ވަންދެން އެ ރަށުގައި ދިރިއުޅުނު ރަޝީދާ ދެ ކުދިންނާ އެކު ޓްރިވެންޑްރަމަށް ބަދަލުވީ ފިރިމީހާ ބަލިވެގެން މިދިއަ އަހަރު އެވެ.
އޭނާ ބުނީ އޮޕަރޭޝަން ކުރާނެ ވަރަށް އަތުގައި ފައިސާ ނެތުމުން އާސަންދަ ހަމަޖައްސަން މަސައްކަތް ކުރި ކަމަށެވެ. އެއީ ރާއްޖޭގައި ވެސް ކުރެވޭ އޮޕަރޭޝަނަކަށް ވާތީ އިންޝުއަރެންސް ހަމަޖައްސައި ނުދެވޭނެ ކަމަށް އެންމެ ފުރަތަމަ އެންގި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އޮޕަރޭޝަންކުރީ، ރަޝީދާ ބުނި ގޮތުގައި، ދިވެހި ކޮންސިއުލޭޓްގެ އެހީތެރިކަމާ އެކު އާސަންދަ ހަމަޖެއްސުމަށް ފަހު އެވެ.
ހަތަރު ގަޑިއިރުގެ އޮޕަރޭޝަންގައި ކުރީ ނުބައި ފައެއް ކަން އެނގުނީ ދަރިފުޅާ ބައްދަލުކުރަން އައިސީޔޫއަށް ވަނުމުން ކަމަށް ރަޝީދާ ބުންޏެވެ.
"އައިސީޔޫގެ އެތެރެއަށް ވަނުމާ އެކު، މަންމާއޭ ބަލާބަލާށޭ ނުބައި ފައެކޭ އޮޕަރޭޝަން ކުރީއޭ ކިޔާފައި އޭނާ ފެށީ ރޯން. ބެޑްޝީޓް ނަގާފައި ބަލާލިއިރު ކަނާތު ފައިގެ އޮޕަރޭޝަން ކޮށްފައި ވަނީ. ދެން ޑޮކްޓަރު ކައިރިއަށް ގޮސްފައި އެހިން ކިހިނެއް ވެގެންހޭ ކަނާތު ފައިގެ އޮޕަރޭޝަން ކުރީ؟ ޑޮކްޓަރު ބުނީ އޮޅިގެންނޭ، ވަރަށް ބޮޑަށް ސޮރީއޭ،" ރަޝީދާ ކިޔައިދިނެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި ފަހުން ހޮސްޕިޓަލްގެ ރާގު ވަނީ ބަދަލުވެފަ އެވެ. އެގޮތުން ދަރިފުޅުގެ ދެ ފައިގައި ވެސް މައްސަލަ އުޅޭ ކަމަށާއި ކަނާތު ފައި ވެސް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ކިޔައިދިނެވެ. އެކަމަކު އެ ވާހަކަ ގަބޫލުނުކުރާނެ ކަމަށާއި ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް ރަޝީދާ ބުންޏެވެ.
އެ ކުއްޖާ މިހާރު ވަނީ ކިމް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި ހާލު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ.
"އޮޕަރޭޝަނަށް ފަހު ދަރިފުޅު ވަރަށް ބިރުން ހުންނަނީ. އެކަމަކު ހޮސްޕިޓަލުން އަންނަނީ ވަރަށް ރަނގަޅަށް ފަރުވާ ދެމުން،" ރަޝީދާ ބުންޏެވެ.
"މިހާރު ވެސް އުޅޭ ފައިގައި ރިއްސާތީ. އެހެންވެ ވައަތު ފައިގެ އޮޕަރޭޝަން ފަހުން ކުރާ ގޮތަށް މި ނިންމީ."
އޭނާ ބުނީ އެ މައްސަލަ ފުލުހުންނަށާއި ކަމާ ބެހޭ އެހެން ތަންތަނަށް ވެސް ހުށައަޅާނެ ކަމަށެވެ.
"މިއަދު އަހަރެންގެ ދަރިފުޅަށް މިކަން މި ދިމާވީ. މާދަމާ އެހެން މީހެއްގެ ކުއްޖަކަށް ކަންނޭނގެ ދިމާވާނީ،" ދިވެހި ބަހުން ފަރިތަކޮށް ވާހަކަ ދައްކާ ރަޝީދާ ބުންޏެވެ.
"އެހެންވެ މައްސަލަ ދުލެއް ނުކުރާނަން."
ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ކޮންސުލް ޖާދުﷲ ހުސެއިން ތައުފީގު ވިދާޅުވެފައި ވަނީ އެ މައްސަލަ ދިވެހި ސަރުކާރުގެ ފަރާތުން ވެސް އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.