07 ޖުލައި 2018 - 00:54

ސަމާރާ (ޖުލައި 6) - މިފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ވަރުގަދަ ބްރެޒިލް އަތުން 2-1 އިން މޮޅުވެ ބެލްޖިއަމް 32 އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ބެލްޖިއަމްގެ ތާރީހުގައި ކުޅޭ ދެ ވަަނަ ސެމީ ފައިނަލުގައި އެ ޓީމު ނުކުންނާނީ އަންނަ އަންގާރަ ދުވަހު ފްރާްންސާ ދެކޮޅަށެވެ.

މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން މޮޅުވި މެޗަށް ފަހު ބްރެޒިލް ވޯލްޑް ކަޕުގެ ނޮކައުޓު ބުރުގައި ޔޫރަޕުގެ ޓީމެއް އަތުން ބްރެޒިލް ބަލިވެ މުބާރާތާ ވަކިވާން ޖެހުނު ހަތަރު ވަނަ ފަހަރެވެ. ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ 2010 ވަނަ އަހަރު ނެދަލެންޑްސް އަތުންނެވެ.
ބެލްޖިއަމް އެންމެ ފަހުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލުގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އެ ފަހަރު ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވީ އެވެ. މި މެޗުން މޮޅުވެ ބެލްޖިއަމް ވަނީ އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ގައުމީ ރެކޯޑަށް މެޗެއް އިތުރުކޮށްފަ އެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު 24 މެޗުން ބަލިވެފައިނުވެ އެވެ.
ވޯލްޑް ކަޕުގެ ނޮކައުޓު ބުރުގައި އެންމެ ފަހުން ބެލްޖިއަމާއި ބްރެޒިލް ބައްދަލުކުރީ 2002 ވަނަ އަހަރު އެވެ. އެ ފަހަރު ދެ ވަނަ ބުރުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 2-0 އިންނެވެ. މިރޭގެ މެޗުން ބަލިވިއިރު، މިއީ ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން އެ ޓީމު ކުޅުނު 26 މެޗުގެ ތެރެއިން ބަލިވި ދެ ވަނަ ފަހަރެވެ.
ބްރެޒިލުން މި މެޗަށް ނުކުތީ އަނިޔާ އަށް ފަހު ޓީމާ ގުޅުނު މާސެލޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަނެއްކޮޅުން ދެ ވަނަ ބުރުގައި ފަހަތުން އަރައި ޖަޕާން އަތުން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރައި ލަނޑު ޖެހި ބެލްޖިއަމްގެ މަރުއާން ފެލައިނީ އާއި ނާސިރު ޗަޑްލީ ވަނީ މި މެޗު ފެށިއިރު ޓީމުގައި ހިމަނައިފަ އެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް މި މެޗަށް ޓީމު ރޭވިއިރު މެދުތެރެއަށް ކުޅޭ ކެވިން ޑިބްރޭނާ ކުޅުނީ އެންމެ ކުރިއަށެވެ. އަދި ކުރިއަށް ކުޅޭ ވަރުގަދަ ފޯވާޑް ރޮމެލޫ ލުކާކޫ ކުޅުނީ ވާތު ފަޅިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ޑިބްރޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
އޭގެ ފަހުން މެޗުގެ ލީޑުނަަގަން ބްރެޒިލަށް ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ ތިއާގޯ ސިލްވާ ފައިގައި ޖެހިފައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން އަނެއްކާ ވެސް ކޯނަރެއްގައި ބްރެޒިލްގެ ޕައުލީނިއޯ އަށް ލިބުނު ބޯޅައިގެ ބޭނުމެއް ނުހިފުނެވެ.
ބްރެޒިލުން ދެ ފުރުސަތު ނަގާލުމުގެ ނަތީޖާ އަކަށްވީ ބެލްޖިއަމުން މެޗުގެ 13 ވަނަ މިނިޓްގައި ލީޑުނެގުމެވެ. ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ފެނާންޑީނިއޯ ގައިގައި ޖެހިފަ އެވެ. ފެނާންޑީނިއޯ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނީ ކަސެމީރޯ ސަސްޕެންޝަނުގައި ހުރުމުންނެވެ.
ބެލްޖިއަމުން ލީޑުނެގުމާ އެކު ބްރެޒިލުން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެކަމަކު ބެލްޖިއަމްގެ މެދުތެރެއިން އަލެކްސް ވިޓްސެލް އާއި ފެލައިނީ ކުޅެމުންދިޔަ ފިޒިކަލް ގޭމުގެ ސަބަބުން ބްރެޒިލުގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. ބްރެޒިލްގެ ކުުޅުންތެރިން ހުއްޓުވަން ބެލްޖިއަމްގެ ފެލައިނީ ވަނީ ގިނަ ފައުލުތަކެއް ކޮށްފަ އެވެ.
ބްރެޒިލުން ކުރިއަށް ޖެހިގެން ތިއްބާ ކައުންޓަ އެޓޭކުގައި ބެލްޖިއަމްގެ ދެ ވަނަ ލަނޑު ޖެހީ މި މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޑިބްރޭނާ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަމިއްލަ ހާފުގެ ތެރެއިން ލުކާކޫ ހިފައިގެންދިޔަ ބޯޅައެއް އޭނާ ޖައްސާލީ އޭރިއާ ތެރޭގައި ހުރި ޑިބްރޭނާ އަށެވެ. ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އަށް އެއްވެސް ފުރުސަތެއް ނުދީ ޑިބްރޭނާ ވަނީ ގޯލުގެ ދުރުކަނުގައި ބޯޅަ ތަތްކޮށްލައިފަ އެވެ. މިއީ މިދިޔަ ދެ އަަހަރެއްހާ ދުވަހުގެ ތެރޭގައި އެއް މެޗެއްގައި ބްރެޒިލްގެ ގޯލު ވަތް ފުރަތަމަ ފަހަރެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި އަލުން މެޗުގެ ތެރެއަށް އަންނަން ބްރެޒިލްގެ ކުޅުންތެރިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މާސެލޯ އާއި ފިލިއްޕޭ ކުޓީނިއޯ ފޮނުވާލި ބޯޅަތައް ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އަދި ގަބްރިއެލް ޖީސޫސް އަށް ލިބުނު ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.
ބްރެޒިލް ދެ ވަނަ ހާފުގައި ކުޅެން ނުކުތީ ވިލިއަންގެ ބަދަލުގައި ކުރިއަށް ކުޅޭ ރޮބާޓޯ ފިރްމީނޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މެޗުގެ 53 ނޭމާ ޕެނަލްޓީ އޭރިއާ ތެރެއިން ފެލައިނީ ފައިގައި އަޅާފައި ވެއްޓުނިއިރު، ބްރެޒިލް ކުޅުންތެރިން ވަނީ ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެ ވަގުތު ވީއޭއާރް ބެލުމަށް ކޯޗު ޓީޓޭ އެދުނު ނަމަވެސް ރެފްރީ ނުބަލަ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރެއިން ޖީސޫސަށް ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީ ކުރި ފައުލަކަށް ޕެނަލްޓީއެއް ނުދޭން ނިންމީ ވީއޭއާރްގެ އެހީ ހޯދައިފަ އެވެ.
ކައުންޓަ އެޓޭކުގައި މެޗުގެ 61 ވަނަ މިނިޓްގައި ބެލްޖިއަމަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ހަޒާޑް ފޮނުވާލި ބޯޅައެއް ދިޔައީ އަރިމަތިން ބޭރަށެވެ.
ލަނޑެއް ޖަހަން ބްރެޒިލުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. ކުޓީނިއޯ ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރެނާޓޯ އޮގަސްޓޯ އެވެ. އޮގަސްޓޯ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ނަތީޖާ ހަމަހަމަ ކުރަން ފިރްމީނޯ އާއި އޮގަސްޓޯ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
މެޗުގެ ފަހު ވަގުތާ ޖެހެންދެން ބްރެޒިލުން އިތުރު ލަނޑެއް ޖަހަން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އިތުރުވަގުތުގައި ނޭމާ ޖެހި ބޯޅައެއް ވެސް ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ކޯޓުއާ އެވެ.
ބެލްޖިއަމުން މީގެ ކުރިން ބްރެޒިލް އަތުން މޮޅެއް ހޯދީ 1963 ވަަނަ އަަހަރު އެވެ. އެ ފަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބެލްޖިއަމް ވަނީ 5-1 އިން ބްރެޒިލް ބަލިކޮށްފަ އެވެ. މިއީ 2012 ވަނަ އަހަރު އުފެދުނު ބެލްޖިއަމްގެ ރަން ޖީލު އައި ފަހުން އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
މާކް ވިލްމޮޓްސްގެ ކޯޗުކަމުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މުބާރާތުން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުގަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ އާޖެންޓީނާ އަތުންނެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ބަލިވީ ވޭލްސް އަތުންނެވެ. މިއީ މިހާރުގެ ކޯޗު މާޓީނޭޒް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މުބާރާތެވެ.
މިއީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލުގައި ބްރެޒިލާއި ޖަރުމަނު އަދި އާޖެންޓީނާ ނެތި ކުޅޭ ފުރަތަމަ ފަހަރެވެ.