09 ޖުލައި 2018 - 07:27

ވާވޭއިން އެންމެ ފަހުން ނެރުނު އޮނަ 10 އިތުރަށް ތަރައްގީކޮށް، އޮނަ 10 ޖީޓީ ނެރެން އުޅޭކަން އިއުލާނުކޮށްފި އެވެ.
އޮނަ 10ގައި 4 ޖީބީ ނުވަތަ 6 ޖީބީގެ ރެމްއެއް ހުއްޓަސް އޮނަ 10 ޖީޓީގެ ރެމްގައި 8 ޖީބީ ހުންނާނެއެވެ. މިއީ ވާވޭގެ ސްމާޓްފޯނެއްގެ ރެމް މިހާ ބޮޑުކުރި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ އޭޕްރީލް މަހު ޗައިނާގައި ނެރުނު އޮނަ 10އާ މި ޖުލައި މަހުގެ 24 ގައި ނެރެން ތައްޔާރުވާ އޮނަ 10 ޖީޓީއާ މާބޮޑު ތަފާތެއް ނެތެވެ. ގިނަ ސިފަތައް ހުންނާނީ އެއްގޮތަކަށްކަމަށްވެއެވެ. އޮނަ 10 ޖީޓީގެ ޑިސްޕްލޭ ސްކްރީނަކީ 2280X1080 ގެ ރިޒޮލިޔުޝަނެއް ހުންނަ 5.8 އިންޗީގެ އެލްސީޑީ ސްކްރީނެކެވެ.
މި ފޯނުގެ މޫނުމަތީގައި 24 މެގަޕިކްސަލްގެ ސެލްފީ ސެންސަރެއް ހުރެއެވެ. ފަހަތުގައި 16 މެގަޕިކްސަލްގެ ކެމެރާއަކާއި 24 މެގަޕިކްސަލްގެ ކެމެރާއެއް ހުރެއެވެ. ޕޯޓުތަކަށް ބަލާއިރު މީގައި ހިމަނާފައިވަނީ 3.5 މިލިމީޓަރުގެ ހެޑްފޯން ޖެކަކާއި ޔޫއެސްބީ ސީ ޕޯޓުތަކެކެވެ.
ވާވޭއިން ބުނި ގޮތުގައި މި މަހު 24 ގައި އޮނަ 10 ޖީޓީ ވިއްކަން ފަށާނީ ޗައިނާގައެވެ. އޮނަ 10އާ މާ ބޮޑު ތަފާތެއް ނެތަސް 2،599 ޔުއާނަށްވުރެ ތަންކޮޅެއް އަގުބޮޑުވެދާނެއެވެ. މިއީ 391.42 އެމެރިކާ ޑޮލަރެވެ. ވާވޭ އިން އޮނަ 10 ޖީޓީ ވިއްކާނެ އަގެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެއެވެ.