09 ޖުލައި 2018 - 13:17

ބެންކޮކް (ޖުލައި 9) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައި ތިބި މީހުންގެ ތެރޭން ބާކީ ތިބި ނުވަ މީހުން ނެރުމުގެ މަސައްކަތް ޑައިވަރުން މިއަދު ފަށައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ތައިލެންޑުގެ އޮފިޝަލުން ސީއެންއެން އަށް ބުނެފައި ވަނީ ކުދިން ސަލާމަތް ކުރަން ޑައިވަރުން މިހާރު ހޮހަޅަ އަށް ވަދެފައިވާ ކަމަށެވެ.
ހޮހަޅައިގައި ތިބި 13 މީހުންގެ ތެރޭން އިއްޔެ ވަނީ ހަތަރު ކުދިން ސަލާމަތްކޮށްފަ އެވެ. އޮޕަރޭޝަން ރޭ މެދުކަނޑާލީ އޮކްސިޖަން ޓޭންކްތައް ރިފިލް ކުރުމަށެވެ. ހޮހަޅައިން އިއްޔެ ސަލާމަތް ކުރި ހަތަރު ކުދިންގެ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ. އަދި ސަލާމަތް ކުރީ ކޮން ކުދިންނެއްކަން އެ ކުދިންގެ ބެލެނިވެރިންނަށް ވެސް އަންގައިފައެއް ނުވެ އެވެ.
ތައިލެންޑުގެ ކަމާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ ހަތަރު ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި ސަލާމަތް ކުރި ކުދިންގެ ހާލު ރަނގަޅު ކަމަށެވެ.
ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ހޮހަޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ނުވަ ދުވަސް ފަހުން، މި މަހު 2 ވަނަ ދުވަހުގެ ރޭ އެ ކުދިން ހޯދާފައި ވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ.
ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހަޅަ ބަލާލަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހަޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހަޅައަށް ދަމައިގަތުމުންނެވެ. ހޮހަޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހު އެވެ.