09 ޖުލައި 2018 - 17:30

ބެންކޮކް (ޖުލައި 9) - ތައިލެންޑުގެ ހޮހަޅަ އިން ނެރުނު ކުދިންގެ އާއިލާތަކާ ވެސް އެ ކުދިންނަށް މާ އަވަހަށް ބައްދަލު ނުކުރެވޭނެ ކަމަށް ރެސްކިއު އޮޕަރޭޝަނުގެ ކޮމާންޑަރު ނަރޮންގްސަކް އޮސޮތަނަކޯން ވިދާޅުވެއްޖެ އެވެ.
""ހަތަރު ކުދިން ތިބޭނީ އެ ކުދިންގެ އާއިލާތަކާ ވެސް ބައްދަލު ނުކުރެވޭ ގޮތަށް. އެ ކުދިންނަށް އެއްވެސް އިންފެކްޝަނެއް ޖެހިދާނެތީ ޑޮކްޓަރުން ކަންބޮޑުވޭ. އެހެންވެ އާއިލާތަކާ ވެސް ބައްދަލެއް ނުކުރެވޭނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަރޮންގްސަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަތަރު ކުދިންގެ އާއިލާތަކުން އެ ކުދިން ދެކިލަން ޖެހޭނީ ބިއްލޫރިގަނޑެއްގެ ބޭރުން ކަމަށެވެ. އަދި އެ އިންތިޒާމް ޑޮކްޓަރުން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލާމަތް ކުރި ހަތަރު ކުދިންގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އެ ކުދިން މިހާރު ތިބީ ޗިއާން ރާއީ ހޮސްޕިޓަލުގެ އަށް ވަނަ ބުރީގައި ކަރަންޓީން ކޮށްފަ އެވެ. ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
"އެ ކުދިން ބަނޑުހައިވެގެން ފްރައިޑް ރައިސް ހޯދަން މިއަދު ވަނީ އުޅެފައި،" ނަރޮންގްސަކް ވިދާޅުވި އެވެ.
ހޮހަޅައިގައި ބާކީ ތިބި ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.