11 ޖުލައި 2018 - 07:20

އާދިއްތަ ދުވަހާ ގުޅޭ
"ނުބުންޏަސް އެހެނެއްނު ވީ. އެހެން ނޫން ނަމަ މިހާރު ބައްޕަ.." ޒުލްފާއަށް ބުނެވުނީ އެ ހިސާބަށެވެ.
ޢަލީ ރުޅިއައިސްގެން ފުންމައިގެން ތެދުވިއެވެ.
"އެއީ ވަކި ކާކުތަ؟" ޢަލީ ބުންޏެވެ. "އޭނ؟ ވަގުވަގަށް ރަށުން ފިލައިގެން މާލެއައިސް.."
"ބައްޕަޔާ ދިމާއަށް ވަގަށް ނުގޮވަބަލަ ދަރިފުޅާ!" ރުގިއްޔާ ހިތުގައިޖެހިފައި ހަޅޭއްލަވައިގަތެވެ. "ދަރިފުޅުމެންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދެވޭތޯއޭ ބައްޕަ މާލެއައީ."
ޢަލީ އުޅުނީ މަންމައަށް ވުރެ ބާރަށް ހަޅޭއްލަވައިގަންނާށެވެ. އެކަމަކު ނުކެރުނެވެ.
"ދޮންމަންމައެއް ހޯދަން އައީ،" ޢަލީ މަޑުމަޑުން ބުންޏެވެ. "އެހެންވެ ބައްޕަ ފިލައިގެން އުޅުނީ. ދެން ހޯދީ ދަރިއެއް. ދޮންދަރިޔަކު ވެސް ހުރި. އެކަމަކު މަންމައަށް އަދިވެސް ބައްޕަ ވަރެއް ނެތް."
"އޭނ؟" ޒުލްފާއަށް ބުނެވުނެވެ. "ސީރިޔަސްކޮށް؟"
ޒުލްފާ ބަލައިލީ މަންމައަށެވެ. ރުގިއްޔާ ގަބޫލެއް ނުކުރިއެވެ.
"ހުސް ދޮގު!" ރުގިއްޔާ ބުންޏެވެ. "އިހުސާން އެހެނެއް ނަހަދާނެ. އޭނަޔަކީ ނުލާހިކު ހަރުދަނާ.."
"މަންމާ!" އާދޭހާ އެކުގައި ޢަލީ ބުންޏެވެ. "ތި ހުވަފެނުން ހޭލަބަލަ! ހެޔޮނުވާނެ! ޒޫނާ ކިޔާ މީހަކާ އިނީ. ސާޖިދު ކިޔާ ކުއްޖެއް ލިބުނީ. އެ ގެޔަށް ވެސް ދިޔައީމޭ."
ރުގިއްޔާ އިސްޖަހައިލިއެވެ. އިވުނު ޚަބަރު ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
"ދަރިފުޅަށް އޮޅުނީކަމަށް ތި ވާނީ،" ރުގިއްޔާ ބުންޏެވެ. "އެއް ނަން ކިޔާ ބައިވަރު މީހުން އުޅޭނެ."
"އޮޅިގެން ތި އުޅެނީ މަންމަޔަށޭ މަންމާ!" ޢަލީ ކެތްތެރިކަމާ އެކުގައި ބުންޏެވެ. "ބައްޕަޔަކަށް އަހަރުމެންނެއް މުހިންމެއް ނޫނޭ. އަހަރުމެން ވެސް ދެން ހިނގާ އެ ކަން ގަބޫލުކުރަމާ!"
ގަބުވެފައި ހުރެގެން ރުގިއްޔާ ތެދުވިއެވެ. ޢަލީ ގާތަށް ގޮސް ހުއްޓުނެވެ.
"ބުނޭ ތި ދޮގެކޭ!" ފެންކަޅިވެފައި ރުގިއްޔާ ބުންޏެވެ. "ބުނޭ ތީ ސަމާސާއެކޭ!"
ޒުލްފާ އައިސް މަންމަގެ ކޮނޑުގައި އަތްޖައްސައިލިއެވެ. ހިތްވަރުދިނުމުގެ ގޮތުންނެވެ. ރުގިއްޔާ އެ އަތް ފޮޅުވައިލިއެވެ.
"ބުނޭ!" ރުގިއްޔާ އަމުރުކުރިއެވެ. "ބުނާށޭ!"
"ހިތަށްއަރާ ބުނެވޭނެ ނަމައޭ،" ޢަލީ ޖަވާބުދިނެވެ. "ހިތަށްއަރާ ދުނިޔެ ނުވަތަށް އެނބުރޭނެ ނަމައޭ. އެކަމަކު އަހަރުމެން ބޭނުންހާ ގޮތަކަށް ކަންކަމެއް ނުވާނެ މަންމާ!"
"މަ ބޭނުން އިހުސާންގެ ދުލުން ތި ވާހަކަ ބުނަން،" ރުގިއްޔާ އެދުނެވެ. "ހިނގާ އެ ގެއަށް. ކެރޭނެތަ ގެންދަން؟"
ޢަލީ ހުރި ފިޔަވަޅުމަތިން ގުޑައެއް ނުލިއެވެ. ކިތަންމެ ތައްޔާރުވެގެން ހުރި ނަމަވެސް، ބޭނުންވި ވަރަކަށް ޢަލީއަކަށް ތައްޔާރެއް ނުވެވުނެވެ. ހިތުގައި އޮތް ގޮތަށް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އިސްޖަހާކަށް ނުވަތަ ފަސްއެނބުރޭކަށް ވެސް ޢަލީއަކަށް ނުކެރުނެވެ. އެއްފަހަރަކަށް ފުދޭ ވަރަށް ވުރެ ބޮޑު ހިތްދަތިކަމެއް މަންމައަށް ދެވިއްޖެއެވެ. މަތިމައްޗަށް ހިތާމަ ބަރުދާސްތުކުރާހާ ހަކަތަ މަންމަގެ ހިތުގައި ނުހުރެދާނެއެވެ. ޢަލީ ކަންބޮޑުވި ސަބަބަކީ އެއީއެވެ. ލޮލަށް ކަރުނަ ޖަމާވަމުން ދިޔައިރު ޢަލީއަށް ބަލައިލެވުނީ ޒުލްފާއަށެވެ. ރުގިއްޔާ ހީކުރީ ޢަލީ ހެދި ދޮގު ބޭޒާރުވީކަމަށެވެ. ފިސާރި ބާރު އެތިފަހަރެއް ޢަލީގެ މޫނުމަތީގައި ރުގިއްޔާ ޖެހިއެވެ. ޒުލްފާ ދިޔައީ ސިއްސައިގެންނެވެ.
"ބައްޕަޔޭ ކިޔާފަ އެ ކަހަލަ ދޮގުނަހަދައްޗޭ ދެން." ރުގިއްޔާ ހަނދާންކޮށްދިނެވެ.
ޒުލްފާ ވެސް ހީކުރީ ބޭބެ ދޮގުހެދީކަމަށެވެ. ޢަލީއަށް ބަލަމުން މަންމަގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބެއިންދިއެވެ. ޢަލީ ނުކުމެގެން ދިޔައީއެވެ.
"އެހެރީ އޭނަ ހަދާލާ ދޮގު!" ރުގިއްޔާ މަޑުމަޑުން ބުންޏެވެ.
މަންމަގެ ބުރިކަށީގައި ޒުލްފާ ފިރުމައިލިއެވެ. ބުނާނެ އެއްޗެއް ޒުލްފާއަކަށް ވެސް ނޭނގުނެވެ. ޢަލީ ދިޔަގޮތަކަށް ޚަބަރެއް ނުވެއެވެ. ޒުލްފާ ގުޅުމުން ވެސް ޢަލީ ފޯނު ކަނޑައިލަނީއެވެ. ބޭބެއަށް ނާންގާ މަންމަ މާލެ ނާންނަން ޒުލްފާ ބޭނުންވި ސަބަބަކީ އެއީއެވެ. މައްސަލަ ގޯހުންގޯހަށް ގޮސް އެންމެ ފަހުން މެދުގައި ތާށިވާންޖެހޭ މީހަކަށް ޒުލްފާ ވެދާނެތީއެވެ.
އެކަނި އިނދެގެން ޢަލީ ވަރަށް ގިނައިރު ވިސްނިއެވެ. ބައްޕަ ނިޔާވި ވާހަކަ މަންމައަށް އެންގުމަކީ ޢަލީއަށް ފަސޭހަކަމެއް ނޫނެވެ. އެ ވާހަކަ ބުނާނެ ލުއިގޮތެއް ވެސް ޢަލީއަކަށް ނޭނގެއެވެ. ބައްޕަ މީހަކާ އިން ވާހަކަ ބުނުމުން މަންމައަށް ވީގޮތް ޢަލީއަށް ފެނިއްޖެއެވެ. މަރުގެ ޚަބަރުން މަންމަގެ ފުރާނަޔަށް ނުރައްކަލެއް ކުރިމައްޗެއް ނުވާނެ ހެއްޔެވެ؟ ވީމާ، އުމުރު ދުވަހަށް ޢަލީ އެ ވާހަކަ ސިއްރުކުރަންވީ ހެއްޔެވެ؟
ޢަލީ ނިދަން އައީ ދަންވަރުއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ޢަލީ ގުޅީ ޒުލްފާއަށެވެ. ރުގިއްޔާއާއި ޒުލްފާ ތިބީ އެހެން ކޮޓަރިއެއްގައެވެ.
"ކިހިނެއްވީ ބޭބޭ؟" ނިދިއަޑަކުން ޒުލްފާ ބުންޏެވެ. "އުހުނ! މިހާރު ނިދިފައޮތީ. އާނ އޯކޭ!"
ދަންވަރު ދަޅައިގައި ބައްދަލުކުރަން ބޭބެ ބުނީ ކީއްވެގެން ހެއްޔެވެ؟ ޒުލްފާގެ ހިތުގައި ސުވާލު އުފެދުނެވެ. ފޯނުން ނުބުނެވޭ ވަރުގެ ވާހަކައެއް ވިއްޔާ އެއީ ކިހާ ވަރެއްގެ ވާހަކައެއް ހެއްޔެވެ؟ ހެދުން ބަދަލުކޮށްލައިގެން، ތަޅުދަނޑި ހިފައިގެން ޒުލްފާ ހިނގައިގަތެވެ. ރުގިއްޔާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ޒުލްފާ ދޮރު ހުޅުވައިލިއިރު ޢަލީ ދޮރުމަތީގައި ހުއްޓެވެ.
"ހިނގާބަލަ އެއްޗެއް ދައްކާނަން." ޢަލީ އެދުނެވެ.
"މިހާރު؟" ހައިރާންވެފައި ޒުލްފާ އެހިއެވެ. "މާދަން ދުވާލު.."
"ހަމަ މިހާރު!" ޢަލީ ބުންޏެވެ. "ހިނގާބަލަ! މަޑުން ދޮރު ލައްޕާތި!"
ޒުލްފާ ގޮވައިގެން ޢަލީ ދިޔައީ ޢަލީގެ ކޮޓަރިއަށެވެ. އެނދުމަތީގައި ޒުލްފާ ބައިންދައިފައި ޢަލީ ގޮސް ދަބަސް ހުޅުވައިލިއެވެ.
"ކޯޗެއް ދައްކަންތަ ތި އުޅެނީ؟" ޒުލްފާ އެހިއެވެ.
ޢަލީ ޖަވާބެއް ނުދެއެވެ. ފަތްޖަހައިފައިވާ ގަނޑުކޮޅެއް ހިފައިގެން އައިސް ޒުލްފާއަށް ދިއްކޮށްލިއެވެ.
"މީ ކޯޗެއް؟" ޒުލްފާ ސުވާލުކުރިއެވެ.
"މިއަދު މަންމަ ކުރި ސުވާލަށް ޖަވާބު ނުދެވުނު ސަބަބު." ޢަލީ ޖަވާބުދިނެވެ.
ޒުލްފާ އެ ކަރުދާސްކޮޅު ހުޅުވައިލިއެވެ. އެއީ ނޫހަކުން ކަފައިލައިފައިވާ އެތިކޮޅެކެވެ. އޭގައި އޮތް އެއްޗެއް ކިއި ވަރަކަށް ޒުލްފާގެ މޫނުގެ ކުލަވަރު ބަދަލުވަމުންދިޔައެވެ.
"ތީ ބައްޕަގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ބަލަން ބައްޕަގެ މައިދައިތަ ނޫހުގަ ޖަހައިފަ އޮތް އެއްޗެއް." ބައްޕަ ދެކެ ކިތަންމެ ފޫހިވިޔަސް ޢަލީގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ.
ޒުލްފާ ފެންކަޅިވިއެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރޮވިއްޖެއެވެ.
"ބައްޕަ މަރުވެއްޖެ! ބައްޕަގެ ދަރިފުޅު ސާޖިދު ވެސް މަރުވެއްޖެ!" ޢަލީ އިތުރަށް ބުންޏެވެ. "އަހަރެން ކިހިނެއް އެ ވާހަކަ މަންމަ ގާތުގަ ބުނާނީ؟ ޒުލޭއަށް އެނގޭނެ ބައްޕަ ދެކެ އަދިވެސް މަންމަ ކިހާ ލޯބިވާކަން. ދެން މަ ކިހިނެއް ހަދަންވީ؟"
ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ސިއްސައިގެން ގޮސްފައި ޢަލީއާއި ޒުލްފާ ބަލައިލިއިރު ރުގިއްޔާ އޮތީ ވެއްޓިފައެވެ. ދެ މީހުން އެކުގައި ރުގިއްޔާއާ ދިމާއަށް ދުއްވައިގަތެވެ. މަންމަ އައިކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ.
"މަންމާ! މަންމާ!" ޒުލްފާ އެތައް ފަހަރަކު ގޮވިއެވެ.
ރުގިއްޔާ ޖަވާބެއް ނުދިނެވެ. ލޮލެއް ނުހުޅުވިއެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަންމަ އޮތީ ނިޔާވެފައެވެ. ވަކި މީހަކު ކުށްވެރިކުރާނެ ޖާގައެއް ނެތެވެ. ޢަލީ މަސައްކަތްކުރީ، އެ ފަދަ ދަނޑިވަޅެއްގައި ކުރަންވާނެ ގޮތަށެވެ. ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައެވެ. ޒުލްފާ ބަސްހުވެފައިވާ ކަހަލައެވެ. ލޮލުން ކަރުނަ ނުހިކެއެވެ. ޢަލީގެ ލޮލުން ފޭދުނު ކަރުނައިގެ ތެރެއިން ނަފުރަތުގެ އަލިފާންކަނިތައް ބަބުޅަން ފެށިއެވެ.
"އަހަރެން އެ ޒޫނާ ގާތުގަ އަހާނަން މަންމަގެ ކުށަކީ ކޮބައިހޭ؟" ޢަލީ މަޑުމަޑުން ބުނެލިއެވެ.
"ކީއްކުރަން؟" ޒުލްފާ ބުންޏެވެ. "އޭނަ ވަކި ކޮން ޖަވާބެއް ދޭން އޮންނާނީ؟"
"ޖެހޭނީ ޖަވާބު ދޭން،" ރުޅި ކޮންޓުރޯލުކުރަމުން ޢަލީ ބުންޏެވެ. "އަހަރެންގެ ކުރިމަތީގަ، އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ އޭނަ ޖަވާބުދޭން ޖެހޭނީ ވެސް."
ބައްޕަގެ ރަށަކީ ޖެނީ އެހާ ދާހިތްވާ ތަނެއް ނޫނެވެ. އެ ރަށުގެ ނަމަކީ ވިޒާލައެވެ. މާނައަކީ ބިޔަ އަދި ވަރުގަދައެވެ. މުޅި ރަށުން ވެސް އޭގެ ހެކިތައް ސާފުކޮށް ފެންނަން ހުރެއެވެ. ބިޔަ ފަރުބަދަތަކާއި، ފުޅާ މަގުތަކާއި، ފުން ކޯރުތަކެވެ. އޭގެ ކުރި ލޮލުކޮޅަށް އޮބާފައި ހުންނަ ބިޔަ ގަސްގަސްތަކާއި، ގަހުގައި އަޅައިފައިހުންނަ އެކި ސައިޒުގެ ބިޔަ މާތަކާއި މޭވައެވެ. އުސް ދޮރުތަކުން ހިތަށް ބިރުވެރިކަން ވަންނަ ވަރުގެ ބޮޑެތި ޢިމާރާތްތަކެވެ. އަހުލުވެރިން ވަރުގަދަވެފައި، ދިރިއުޅޭ ޖަނަވާރުތަކުގެ ސިފަ ބަޔާންކުރަން އުނދަގުލެވެ. އެއް ފައި ހުންނަ ޖަނަވާރުން ފެށިގެން އަށް ފައި ހުންނަ ޖަނަވާރު ވެސް އުޅެއެވެ. ހަރުފައެއްހެން ދުވާ އެއްޗެއްސާއި އުދުހޭ އެއްޗެހި ވެސް އުޅެއެވެ. އުޑުމަތީގައި އަބަދުވެސް އޮންނަނީ ޒާތެއްގެ ރަތްކުލައެކެވެ. ދުވާލު އަވި ގަދައެވެ. ހަނދުވަރުގެ އަލިކަން ނުއޮންނަނީ މަދު ރެޔަކުއެވެ. ޖެނީގެ މުޅި ހަޔާތުގައި ވެސް އެ ރަށަށް ދިޔައީ ތިން ފަހަރުއެވެ. ހަތަރުވަނަ ފަހަރަކަށް ވިޒާލައަށް ދާންޖެހުނީ، މަޒްލާން ދިން ޚަބަރަށް ފަހު ޖެނީއަށް ބައްޕަގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ. ވިޒާލަގެ އަހުލުވެރިންނަށް ޖެނީ އެނގެއެވެ. އެކަމަކު ބަލަނީ ބީރައްޓެހި ބެލުމަކުންނެވެ. އެ ތަނުގައި އިންސާނަކު އުޅުމަކީ ގަޔާވާކަމެއް ނޫން ކަހަލައެވެ. ބައްޕަޔާ ހަމަޔަށް ދެވެންދެން ޖެނީ ހުންނަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ވިޒާލަގެ އަހުލުވެރިންނަކީ ކައިބޮއި ނިދާހަދާ ބަޔެކެވެ. އެ މަޚުލޫޤުން ދިރިއުޅެނީ ބިޔަ ގޭގޭގައެވެ. ތަބާވާ ދީނެއް ވެސް އޮވެއެވެ. އެކި ޖަމާޢަތްތައް އަޅުކަންކުރަނީ އެކި އެއްޗެއްސަށެވެ. އަޅުކަންކުރުމުގައި މެދުވެރިއެއް ނުގެންގުޅޭ ބަޔަކު ވެސް އުޅެއެވެ. އެކަމަކު އެއީ މުސްލިމުންކަމެއް ޖެނީއަކަށް ކަށަވަރެއް ނޫނެވެ. ރަށުގެ އަހުލުވެރިންނާއި ޖެނީއާ ދެމެދުގައި އޮންނަ ބީރައްޓެހިކަމެއްގެ ސަބަބުން، ތަންކޮޅެއް ގާތުން އެ ކަހަލަ ކަންކަން ބަލާކަށް ޖެނީއަކަށް ނުކުރެއެވެ. ޖެނީގެ ބައްޕަ ވެސް އެ ކަމަކަށް ހިތްވަރެއް ނުދެއެވެ. އެ ރަށަށް އައުން ޖެނީއަށް އޮންނަނީ މަނާކޮށްފައެވެ. ވިޒާލަގެ ޖިންނީން އެކަކުއަނެކަކާ ސަމާސާކޮށް ޖެއްސުންކޮށް ވެސް ހަދައެވެ. ކައިވެނިކުރެއެވެ. ދަރިން ވިހައެވެ. ބާރާއި ކުޅަދާނަކަން އެކި އިންސާނުން ގައިގައި އެކި ވަރަށް ހުންނަ ފަދައިން، ވިޒާލަގެ އަހުލުވެރިންގެ ތެރޭގައި ވެސް އެ ކަން އޮންނަނީ އެ ގޮތަށެވެ. އެ ޖިންނީންގެ ވައްތަރުތަކެއް ހުރެއެވެ. ފުރަތަމަ ބަޔަކީ، ފިޔަ ލިބިގެންވާ އުދުހޭ ބަޔެކެވެ. ކަނޑުގައި ދިރިއުޅޭ ބަޔަކު ވެސް އުޅެއެވެ. ޖަނަވާރުގެ ސިފައިގައި ފެންނަ ބަޔަކު ވެސް އުޅެއެވެ.
ނުނިމޭ