ފާރިސް މިނިވަންކޮށް، ދައުވާތައް އަނބުރާ ގެންދަން އެމްނެސްޓީން ގޮވާލައިފި
ފާރިސް މިނިވަންކޮށް، ދައުވާތައް އަނބުރާ ގެންދަން އެމްނެސްޓީން ގޮވާލައިފި

ހަތަރު މަހުގެ ޖަލު ހުކުމެއްގައި މިހާރު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަން ކުރުމަށާއި އޭނާއާ ދެކޮޅަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު އިއްވީ، އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާއެއް ސާބިތުވުމުންނެވެ. އެ ހުކުމާ އެކު ފާރިސްގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލުނަސް، ހުކުމުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ފުރުސަތެެއް ނުލިބޭނެ އެވެ.

އެމްނެސްޓީން މިއަދު ނެރުނު ބަޔާނެއްގައި ސަރުކާރަށް ގޮވާލާފައިވަނީ އެއްވެސް ޝަރުތެއް ނެތި ފާރިސް މިނިވަން ކުރުމަށާއި އޭނާއާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިއުމަށެވެ. އަދި އެ ދައުވާތަކަކީ ފާރިސަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރުމުގެ ސަބަބުން ކޮށްފައިވާ ދައުވާތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ފާރިސްގެ މައްޗަށް އުފުލާފައިވާ އެހެން ބައެއް ދައުވާތަކާ ގުޅިގެން ބަންދުގައި ފާރިސް ހުންނަވާތާ މިހާރު އެއް އަހަރު ވާން ގާތްވެފައިވާ ކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ފާރިސްއަކީ ޒަމީރުގެ ގައިދީއެއް ގޮތުގައި އެމްނެސްޓީން ބަލައިގަންނަ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ނުހިފޭނެ ކަން ކަށަވަރު ކުރުމަށާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބޭކަން ކަށަވަރު ކުރުމަށާއި އެ ހައްގުތައް ހިމާޔަތް ކުރުމަށް ވެސް ދައުލަތުގެ އިދާރާތަކަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ފާރިސްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ޓެރަރިޒަމްގެ ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ދަށު ކޯޓުގައި ދަނީ ކުރިއަށެވެ.