ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓް ކުރަނީ ކީއް ހެއްޔެވެ؟ މަތި ފަޑި އަތުޖެހޭތޯ ކުރި ހުރިހާ ކަމެއް ކޮޅުންލައިފި އެވެ. އަދި ވެސް ފިރުކެނީ އެވެ. މައިކްރޮސޮފްޓަކީ ވާދަވެރިއެއް ކަމަށް ސްމާޓްފޯން މާކެޓްގައި އެކަކު ވެސް ނުދެކެ އެވެ.

މައިކްރޮސޮފްޓަށް ވެގެން އުޅޭ ގޮތް ކޮންމެ ވެސް މީހަކު ބުނެދީބަލާށެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ސޮފްޓްވެއާ ކުންފުންޏެވެ. ހާޑްވެއާ ވެސް އުފައްދަ އެވެ. ޑެސްކްޓޮޕް ވިންޑޯޒް އަށް ވެސް އެޕްލިކޭޝަން ސްޓޯރެކެވެ. ވިންޑޯޒް މޮބައިލް އަށް ވެސް އެޕް ސްޓޯރެކެވެ. އެކަމަކު ބާޒާރުގައި ގިނައިން ވިކެނީ އެންޑްރޮއިޑް ފޯނާއި އައިފޯނެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ވިކުނު ލޫމިއާ ފޯނުގެ އަދަދު މައިކްރޮސޮފްޓުން ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި ހާމަކުރެވޭ ވަރަށް ވުރެ މަދީ އެވެ. ފާއިތުވި އަހަރަކީ ވެސް މައިކްރޮސޮފްޓަށް ފަހި އަހަރެއް ނޫނެވެ.

ދެ ވަނަ ކުއާޓަރުގައި ވިކުނު ސްމާޓްފޯންގެ އަދަދު ރުހުމުގައި މައިކްރޮސޮފްޓުން ހާމަ ނުކުރި ނަމަވެސް ރަސްމީ ލިޔުންތަކުން އެނގޭ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ވިކުނީ 1.2 މިލިއަން ފޯނެވެ. ބޮޑު އާބާދީއަކަށް އަމާޒުކޮށް ކުރާ ވިޔަފާރިއެއްގައި ވަރަށް ދަށް އަދަދެކެވެ.

މައިކްރޮސޮފްޓް ސްމާޓްފޯން މާކެޓާ ދުރަން ދާން އުޅޭ ވާހަކަތަކެއް ވެސް އިވެ އެވެ. ސަބަބެއް ނޭނގެ އެވެ. ލޫމިއާ ފޯނުތައް އުފެއްދުމަށް ނޮކިޔާއާ އެކު ވި އެއްބަސްވުން ހަމަވުމަށް ފަހު ސްމާޓްފޯން އުފެއްދުމަށް ބޮޑު އިންވެސްޓެއް ކުރި ވާހަކަ ދައްކާތީ ވެސް ނީވެ އެވެ.

މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓް ވަރަށް ބަނަ އެވެ. ދެމެހެއްޓެނިވި މޮބައިލް ޑިވައިސްއެއް މައިކްރޮސޮފްޓެއް އުފެއްދިފައެއް ވެސް ނުވެ އެވެ. ސްމާޓްފޯން މާކެޓްގައި ވެރިކަން ކުރުމުގެ ބާރު ބޭނުންކުރާ މީހުން އެންޑްރޮއިޑަށާއި އައިފޯނަށް ދިންއިރު ވެސް މައިކްރޮސޮފްޓަށް އޮވެވުނީ ދެބަހޭގަ އެވެ. ސްމާޓްފޯން މާކެޓުން ތަންގަޑެއް އަތުލުމުގެ ނިޔަތުގައި ނޮކިޔާއާ އެކު ބަދަހިކުރި ގުޅުން ސިފަކުރެވެނީ ބޭރަށް ހިންގުމެއް ގޮތުގަ އެވެ.

އެންޑްރޮއިޑާއި އައިފޯނު ފަހައި ދުއްވައިގަންނަން ބަލާއިރު ކަމުދާ ކަހަލަ ޑިވައިސްތަކެއް މައިކްރޮސޮފްޓަށް އުފެއްދިފައި ނެތެވެ. ބޭނުންކުރާ މީހުން އެދޭހާ އެޕްލިކޭޝަނެއް ނެތެވެ. މައިކްރޮސޮފްޓުން ލަފާކުރި އަދާދާ ކައިކުރާ ވަރަށް ވެސް މޮބައިލް ޑިވައިސްތައް ނުވިކެ އެވެ. ފޯނުތައް ވިއްކައިދިނުމަށް އެއްބަސްވި ނެޓްވޯކް އޮޕަރޭޓަރުންގެ ފަރާތުން ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުނެވެ.

މައިކްރޮސޮފްޓްގެ ސީއީއޯ، ސަތިޔަ ނަޑެލާ ދެކެވަޑައިގަންނަވާ ގޮތުގައި ކުންފުނިން ކުރާ އެހެން ވިޔަފާރިތަކުން ރަނގަޅު ނަފާއެއް ހޯދިދާނެ އެވެ. އެހެންކަމުން ސްމާޓްފޯން ވިޔަފާރި މަޑުޖައްސާލަން ޖެހިދާނެ އެވެ.