އެކަކުވެސް އިންސާފުން އެއްކިބާ ނުވާނެ: ފައިސަލް
އެކަކުވެސް އިންސާފުން އެއްކިބާ ނުވާނެ: ފައިސަލް

އެއްވެސް ރައްޔިތަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި އެއްވެސް ރައްޔިތަކު އިންސާފުން އެއްކިބާވެގެން ނުދާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓަކަށް މިރޭ ޖޭޕީން ކަނޑައެޅި، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެކަކުވެސް އިންސާފުން އެއްކިބާ ނުވާނެ: ފައިސަލް
އެކަކުވެސް އިންސާފުން އެއްކިބާ ނުވާނެ: ފައިސަލް

ރަނިން މޭޓަކު ކަނޑައެޅުމަށް މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާގެ އެންމެ ފުރަތަމަ އަސާސަކީ ތަފާތު ކުރުމެއް ނުގެންގުޅުން ކަމަށެވެ.

"އެއްވެސް ކަހަލަ ތަފާތު ކުރުމެއް އެއްވެސް ރައްޔިތަކާ މެދު އޮވެގެން ނުވާނެ. އަޅުގަނޑު ގަބޫލު ކުރާ އަސާސަކީ އިންސާފުން އެއްވެސް ރައްޔިތަކު އެއްކިބާވެގެން ނުދާނެ،" އިޖުތިމާއީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ފައިސަލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ރިއާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވެރިކަމަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކުރަން އޮތް މަސައްކަތަކީ ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވުން ބޭނުންވާނެ މަސައްކަތެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލްއާ އެންމެ ކައިރިން ވާދަކުރި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އަލީ އޭނާއާ އެކު ކުރިއަށް ދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިރޭ ވިދާޅުވީ ސިޔާސީ ދާއިރާ އިން އޭނާ އަށް ކުރިއަށް ދެވުމުގެ އަސްލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި އެ މަނިކުފާނަށް ޝުކުރު ވެރިވާ ކަމަށެވެ.

ފައިސަލް އަށް ރަނިން މޭޓްކަން ލިބިވަޑައިގަތީ އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަށް ވުރެ އެންމެ ވޯޓެއް އިތުރަށް ލިބިވަޑައިގެންނެވެ. ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓުގައި ފައިސަލް އަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އަލީ ހުސައިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ދެން އެ އިންތިހާބުގައި ވާދަކުރެއްވި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީނަށް ނުވަ ވޯޓް ލިބުނު އިރު ޑރ. ހުސައިން ރަޝީދު ހަސަނަށް ލިބިވަޑައިިގަތީ ދެ ވޯޓެވެ.

ފައިސަލް ނަސީމް ސިޔާސީ ދާއިރާ އަށް ނުކުންނަވައި ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުވައްމުލަކު ދާއިރާއަށެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ވާދަކުރައްވައިގެން 2014 ވަނަ އަހަރު ކާށިދޫ ދާއިރާ އަށް އިންތިޚާބުވި އެވެ.