01 އޯގަސްޓް 2016 - 09:58

ވޮޝިންޓަން (އޮސްޓް 1) - ވައިކުޑައަކާ ނުލައި އެމެރިކާގެ ސްކައިޑައިވަރެއް ކަމަށްވާ ލޫކް އައިކިންސް 25،000 ފޫޓު (7،620 މީޓަރު) މަތިން ފުއްމާލައިފި އެވެ.

މިއީ ވައިގެ ކުޑައެއްގެ އެހީއާ ނުލައި މިހާ މަތިން ފުންމާލި ފުރަތަމަ މީހާ އެވެ. އޭނާ ވަނީ ރައްކާތެރި ކަމާ އެކު ދާގަނޑެއްގެ މައްޗަށް ވެއްޓިފަ އެވެ. އޭނާ ފުންމާލީ ކެލިފޯނިއާގެ ދެކުނުން އޮންނަ ސިމި ވެލީގެ 100*100 ފޫޓުގެ ނެޓެއްގެ މައްޗަށެވެ. އައިކިންސް ވަނީ 18،000 އަށް ވުރެ ގިނަ ސްކައިޑައިވް ކޮށްފަ އެވެ.
އުމުރުން 42 އަހަރުގެ އައިކިންސް ފުންމާލި ދެ މިނިޓުގެ މަންޒަރު ދިޔައީ ފޮކްސް ޓީވީން ވަގުތުން ދައްކަމުންނެވެ. އޭނާ ބިމަށް ތިރިވެފައި ވަނީ ގަޑިއަކު 120 މޭލު (193 ކިލޯމީޓަރު) ގެ ބާރު މިނުގަ އެވެ. ސަލާމަތުން ދާގަނޑުގައި ޖެހުމާ އެކު ލިބުނު ބޮޑު ތަރުހީބާ އެކު އައިކިންސް ފުރަތަމަ ވެސް ވަނީ އޭނާގެ އަންހެނުންނާއި ފިރިހެން ދަރި ގައިގައި ބައްދާލައިފަ އެވެ.
"މިއީ މުޅިން އާދަޔާޚިލާފު ކަމެއް. ބަހެއް ވެސް ބުނަން ނޭނގޭ. ކުރިން ހުރީ ވަރަށް ހާސް ވެސް ވެފައި،" ސްކައިޑައިވް އަށް ފަހު އައިކިންސް ބުންޏެވެ.
އޭނާ ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވައިކުޑަވެސް އަޅައިގެން ފުންމާލަން އެންގުމުން އޭނާގެ މި ފުންމާލުން ކެންސަލް ކުރާ ހިސާބަށް ދިޔަ ކަމަށެވެ. ސަބަބަކީ ވައިކުޑައިގެ ބަރާ އެކު އައިސް ތިރިއަށް ޖެހޭއިރު މާބޮޑަށް ނުރައްކާވާނެތީ ކަމަށް އޭނާ ބުންޏެވެ. ވައިކުޑައާ ނުލައި ފުންމާލުމުގެ ހުއްދަ އިވެންޓް އިންތިޒާމް ކުރި ފަރާތުން ދިނީ އެންމެ ފަހު ވަގުތު އެވެ.
އެމެރިކާގެ ޕެރެޝޫޓް އެސޯސިއޭޝަނުގައި ޓްރޭނިން އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރާ އައިކިންސް ބުނީ ވައިކުޑައާ ނުލައި ފުންމާލުމުގެ ޚިޔާލު މީގެ ދެ އަހަރު ކުރިން އޭނާ އަށް ދިނީ ރައްޓެއްސެއް ކަމަށެވެ.
އައިކިންސްގެ ތަރުޖަމާން ޖަސްޓިން އަކްލިން ބުނީ ވައިކުޑައަކާ ނުލައި އެންމެ މަތިން ފުންމާލުމުގެ ދުނިޔޭގެ ރެކޯޑް އައިކިންސް އަށް ލިބޭނެ ކަމަށެވެ.