އަބުރުގެ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިން އަޑުއުފުލައިފި
އަބުރުގެ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިން އަޑުއުފުލައިފި

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ނޫސްވެރިން މިއަދު އަޑުއުފުލައިފި އެވެ.

ހަފުތާއެއްގެ މެދުކެނޑުމަކަށްފަހު މަޖިލިހުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި، އަބުރުގެ ބިލުގެ ބަހުސެވެ. މި ބިލްގެ ބަހުސް މިހާރު ކުރިއަށް ގެންދާއިރު، ނޫސްވެރިން އަންނަނީ ބިލުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އަބުރުގެ ބިލާ ދެކޮޅަށް އަޑުއުފުލުމަށް ނޫސްވެރިން މިއަދު ފުރަތަމަ އެއްވީ މަަޖިލީހުގެ އިދާރާގެ އިރުމަތީ ފަރާތަށެވެ. ނަމަވެސް ފުލުހުން ދުރަށް ޖެއްސުމުން، މަޖިލިހުގެ އިދާރާގެ ހުޅަނގު ފަރާތުގައި ތިބެގެން ނޫސްވެރިން ވަނީ، މިނިވަން ނޫސްވެރިކަމެއް ކުރުމަށް ފުރުސަތު ދޭން ގޮވާލައިފަ އެވެ.

މި ބިލް ގާނޫނަކަށް ވެއްޖެނަމަ ރާއްޖޭގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މުޅިން ގެއްލި ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުން މުޅިން ހުއްޓިގެން ދާނެ ކަމަށް ދުނިޔޭގެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ބުނެފަ އެވެ.

ބިލްގައި ހުރި މައްސަލަތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ނޫސްވެރިން އަންނަނީ "މާއްދާ 27"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ. މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ "މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ބުނީ ނޫސްވެރިންގެ ޑިމާންޑަކީ މި ބިލް އިސްލާހުކޮށް، މިނިވަން ނޫސްވެރިކަމެއް ކުރަން ފުރުސަތު ދިނުން ކަމަށެވެ.

"އަބުރު ރައްކާތެރިކުރުމަށް ވުރެ ބޮޑަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލޭ ގޮތަށް މި ބިލް މިއޮތީ،" އޭނާ ބުންޏެވެ.