16 ޖުލައި 2018 - 21:54

އިދިކޮޅު ސިޔާސީ ފަރާތްތަކުން ލަފާކޮށްގެން ތިބި ގޮތާ ޚިލާފަށް، މިއަދު ބޭއްވި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލްގައި ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ފިޔަވަޅު ނޭޅި ނަމަވެސް، އެކަމާ ގުޅޭ އޮނިގަނޑެއް ފާސް ކުރުމުން އެމްޑީޕީން އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.
ހާލަތު މިހާރަށް ވުރެ ރަނގަޅު ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް، އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އީޔޫން ނިންމާފައިވަނީ މި އޮނިގަނޑުގައި ބުނާ ކަންކަން، އެ ޖަމިއްޔާ އިން ކަނޑައަޅާ މުއްދަތުތަކުގެ ތެރޭގައި ރާއްޖެ އިން ފުރިހަމަ ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށެވެ.
އެމްޑީޕީން މިކަމަށް މަރުހަބާ ކިޔައި ނެރުނު ނޫސް ބަޔާނެއްގައި ބުނީ އީޔޫން އެދޭ ގޮތަށް، އިންސާފުވެރި ދެ ފުށް ފެންނަ އިންތިހާބަކަށް މަގުފަހި ކުރުމަށް، އިދިކޮޅު ލީޑަރުންނާއެކު މަޝްވަރާކުރަން ސަރުކާރަށް ގޮވައިލާ ކަމަށެވެ. އެކަމަކު އެ މަޝްވަރާތައް ވާންޖެހޭނީ ބައިނަލްއަގްވާމީ ފަރާތްތަކަށް މޮނީޓާ ކުރެވޭ ގޮތަށް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ކުރާ ކަމަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މަޝްވަރާތަކުގެ ސަބަބުން، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވެން ޖެހޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި، ބަންދުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ޖެހެ އެވެ. އަދި ޕާޓީތަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށާއި ގާނޫނު އަސާސީން ނިއުޅައިގެންފައިވާ ހުރިހާ ހައްގުތަކެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"ލިބިފައިވާ މި ކުޑަ ފުރުސަތުގެ ތެރޭގައި ކަންކަން ހައްލު ކުރުމަށް، ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާނެ ކަމަށް މި ޕާޓީން އުއްމީދު ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެ ޕާޓީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް، އަންނަ މަހު އަށް ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ކެންޑިޑޭޓުންގެ ލިސްޓަށް، އީޔޫން ފާރަވެރިވާނެ ކަމަށެވެ.
އީޔޫގެ ކައުންސިލުން ކުރިން ނިންމާފައި އޮތީ މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގެ ބައެއް އިސް ވެރިންނާއި ސަރުކާރަށް އެހީތެރިވާ ވިޔަފާރިވެރިންތަކެއްގެ އިތުރުން ބައެއް މުއައްސަސާތަކުގެ ވެރިންނަށް ފިޔަވަޅު އަޅާ ގޮތަށެވެ. އެކަމަކު، މިއަދުގެ ބައްދަލުވުމުގައި އެ ނިންމުން ބަދަލުކޮށް، ރާއްޖޭގެ އެއްވެސް މީހަކާ މެދު ފިޔަވަޅު އެޅުމަށް އަދިއެއް ނުނިންމަ އެވެ. އަދި، ކުރިން ފިޔަވަޅު އަޅަން ނިންމި ކަމަށް ބުނާ، ސަރުކާރުގެ އިސް ވެރިންގެ ލިސްޓު ވެސް އީޔޫގެ ކައުންސިލްގައި މިއަދު ފާހެއް ނުކުރެ އެވެ.
އީޔޫގެ ކައުންސިލްގެ ބައްދަލުވުމެއް ދެން ބާއްވާނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު އެވެ. ބެލެވޭ ގޮތުގައި، ދެ މަސް ފަހުން ބާއްވާ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ނުކުރާ ނަމަ، އީޔޫ އިން ރާއްޖޭގެ ވެރިންގެ ލިސްޓެއް އެކުލަވާލައި އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުން ގާތެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގޮތަށް، ދިވެހި ސަރުކާރުގެ އިސް ވެރިންނާއި ދިވެހި ބައެއް ވިޔަފާރިވެރިންނާ މެދު އީޔޫން އިން ފިޔަވަޅު ނޭޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވަނީ ވިދާޅުވި އެވެ.