ވިސާ ނުލިބުމުން ސަންޗޭޒަށް އެމެރިކާ ޓުއާގައި ބައިވެރިނުވެވޭ
ވިސާ ނުލިބުމުން ސަންޗޭޒަށް އެމެރިކާ ޓުއާގައި ބައިވެރިނުވެވޭ

މެންޗެސްޓާ (ޖުލައި 17) – މެންޗެސްޓާ ޔުނައިޓެޑުން އެމެރިކާގައި ފެށި ޕްރީ ސީޒަން ޓުއާއަށް ދިއުމަށް އެ ޓީމުގެ ފޯވާޑް އެލެކްސިސް ސަންޗޭޒަށް ވިސާ ލިބޭ ގޮތް ނުވުމުން ޓުއާގެ ފެށުން އޭނާ އަށް ގެއްލިއްޖެ އެވެ.

ސަންޒޭޗަށް ވިސާ ނުލިބުނީ، އޭނާ ސްޕެއިނުގެ ބާސެލޯނާ އަށް ކުޅުނުއިރު ޓެކްސް އަށް މަކަރުހަދާފައިވާކަން ސާބިތުވެފައިވާތީ އެވެ. އެމެރިކާ ގާނޫނު ބުނާ ގޮތުން، އެފަދަ މައްސަލައެއް ސާބިތުވެފައިވާ މީހަކަށް އެ ގައުމަށް އެތެރެނުވެވޭނެ އެވެ.

އެކަމަކު ހާއްސަ ހުއްދައެއްގެ ދަށުން އެތެރެވުމުގެ ފުރުސަތު އޮތްއިރު އެކަމަށް ސަންޗޭޒާއި އޭނާގެ ގާނޫނީ ވަކީލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން ޕްރީ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ކްލަބް އެމެރިކާއާ އެވެ. މި ޓުއާގައި ޔުނައިޓެޑުން ސެން ހޯސޭ އާތުކުއޭކްސް، އޭސީ މިލާން، ލިވަޕޫލް އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެ އެވެ.

ސަންޗޭޒްގެ އިތުރުން މި ޓުއާގައި ބައިވެރިނުވަނީ ވޯލްޑް ކަޕުގައި ކުޅުނު ކުޅުންތެރިންނެވެ. މިދިޔަ ޖެނުއަރީ މަހު އާސެނަލް އިން ޔުނައިޓެޑަށް ބަދަލުވި ސަންޗޭޒަށް އަދި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. އެކަމަކު އެ ކްލަބުން ބޮޑު މުސާރައެއްދޭ ސަންޗޭޒަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި ވަރަށް މުހިއްމު ކުޅުންތެރިއެކެވެ.