18 ޖުލައި 2018 - 16:17

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވެ، މިހާތަނަށް 3049 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މި އަހަރުގެ ކުރީ ކޮޅު ބޭރަށް ހިންގުން ގިނަވި ކަމަށާއި ފެބްރުއަރީ މަސް ނިމި މާޗް މަހުގެ ނިޔަލަށް، ބޭރަށް ހިންގި މީހުން މަދުވި ކަމަށެވެ. ނަމަވެސް މެއި މަހާއި އަޅައި ބަލާއިރު ޖޫން މަހު ބޭރަން ހިންގުން އަނެއްކާ ވެސް އިތުރުވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ އެޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން މެއި މަހުގެ ނިޔަލަށް ޑެންގީ އާއި ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ގިނަ ކަަމަށް ފާހަގަ ކުރެވުނު ނަމަވެސް، އެ ރޯގާތައް ޖެހުނު މީހުންގެ އަދަދު ޖޫން މަހު ދަށްވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން ޖޫން މަހުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނާއި ހދ، ނ، ރ، އަދި ލ. އަތޮޅުން ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މާލޭ ސަރަހައްދުން ބޭރަށް ހިންގުން ޖެހިގެން 1170 ރިޕޯޓް ލިބިފައިވާ އިރު އަތޮޅުތަކުން ލިބުނީ ޖުމްލަ 1879 ރިޕޯޓެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެމުންދާތީ ސާފުތާހިރުކަމަށާއި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.