ޒޯލާ އެނބުރި ޗެލްސީ އަށް
ޒޯލާ އެނބުރި ޗެލްސީ އަށް

ލަންޑަން (ޖުލައި 19) – ޗެލްސީގެ އާ ކޯޗު އިޓަލީގެ މައުރީޒިއޯ ސާރީގެ އެސިސްޓަންޓަކަށް ޗެލްސީ އާއި އިޓަލީގެ ކުރީގެ ފޯވާޑް ޖިއަންފްރާންކޯ ޒޯލާ ހަމަޖައްސައިފި އެވެ.

ޗެލްސީ އަށް 1996 އިން 2003 އަށް ކުޅުނު ޒޯލާ ވަނީ އެ ޓީމާ އެކު އެފްއޭ ކަޕް ދެ ފަހަރު އަދި ޔުއެފާ ކަޕްވިނާސް ކަޕާއި ޔުއެފާ ސުޕަ ކަޕް އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ހޯދައިފަ އެވެ. ޗެލްސީ ދުނިޔޭގެ މަޝްހޫރު ޓީމަކަށް ވުމުގެ ކުރިން ޒޯލާ އަކީ އެ ޓީމުގެ ތަރިއެކެވެ.

"އަހަންނަށް މިއީ އާދަޔާހިލާފު ކަމެއް. މިތަނަށް އާދެވުނީތީ އުފާކުރަން،" ޒޯލާ ބުންޏެވެ.

މަގާމާ ހަވާލުވެ ޒޯލާ މިހާރު ވަނީ އޮސްޓްރޭލިއާގައި ކުރިިއަށްދާ ޗެލްސީގެ ޕްރީ ސީޒަން ޓުއާއާ ގުޅިފަ އެވެ.

އިޓަލީ ގައުމީ ޓީމަށް 1991 އިން 1997 އަށް ކުޅެ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދިޔަ ސްކޮޑުގައި ވެސް ހިމެނުނު ޒޯލާ ވަނީ ވެސްޓް ހޭމް ޔުނައިޓެޑް، ވެޓްފޯޑް، ކަލިއާރީ އަދި ބާމިންހަމް ސިޓީ އަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.

ޗެލްސީގެ އާ ކޯޗު ސާރީ އަށް ވެސް މާބޮޑު ކާމިޔާބީތަކެއް ލިބިފައި ނެތަސް އޭނާ އަކީ މި ވަގުތު އެންމެ ރީތި ފުޓްބޯޅައެއް ކުޅުވާ އެއް ކޯޗެވެ. އެގޮތުން ނަޕޯލީގައި އޭނާ އެ ކުޅުން ކުޅުވިއިރު މެދުތެރެއިން އެންމެ މުހިއްމު ދައުރެއް އަދާކުރި އެކަކު ކަމަށްވާ ޖޯޖީނިއޯ ވަނީ ޗެލްސީއަށް ގެނެސްފަ އެވެ.