19 ޖުލައި 2018 - 15:39

ކުއާލަ ލަމްޕޫރު (ޖުލައި 19) - މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދާއި އެ ގައުމުގެ ރަސްގެފާން ސުލްތާން މުހައްމަދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުގެ މެސެޖް ދިން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ މެންބަރަކު ހައްޔަރުކޮށްފި އެވެ.
މަހާތިރާއި ރަސްގެފާނަށް ފޭސްބުކް މެސެޖަކުން ބިރު ދެއްކި މީހާގެ އިތުރުން އައިއެސްއާ ގުޅުން އޮންނަ ހަ މީހަކު ވެސް މެލޭޝިއާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި ހަތް މީހުން ހައްޔަރުކޮށްފައި ވަނީ ޖޯހަރު، ޓެރެންގަނޫ، ސެލަންގޯ އަދި ޕެރާކް ސްޓޭޓުގައި މި މަހު 12-17 އަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުންގެ ވެރިޔާ މުހައްމަދު ފާޒީ ހާރޫން ވިދާޅުވި އެވެ. ހައްޔަރު ކުރި ހަތް މީހުންގެ ތެރޭން ހަތަރު މީހުންނަކީ މެލޭޝިއާ މީހުންނެވެ. އަނެއް ތިން މީހުން ނިސްބަތް ވަނީ އިންޑޮނީޝިއާއަށެވެ.
އައިއެސްއާ ގުޅުން ހުރި މީހުން ހޯދަން މެލޭޝިއާ ފުލުހުން ދޭތެރެ ދޭރެއިން އޮޕަރޭޝަންތައް ހިންގަ އެވެ.