ބޯހިޔާވަހިކަމަށް މަތިން މާކްސް ލިބޭ މީހާ ދަށަކަށް ނުލާނެ: ފައިސަލް
ބޯހިޔާވަހިކަމަށް މަތިން މާކްސް ލިބޭ މީހާ ދަށަކަށް ނުލާނެ: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ހައްގުވެރިންނަށް ކަމަށް، އެ ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ބޯހިޔާ ވަހިކަމުގެ އެންމެ ގިނަ މަޝްރޫތައް ހިންގާ ހުޅުމާލޭގައި އިދިކޮޅުގެ "ވެށިފަހި" ޖަގަހަ ހުޅުވައިދެއްވަމުން ފައިސަލް ވިދާޅުވީ "އެންމެ މަތިން މާކްސް ލިބޭ މީހުން ލިސްޓްގެ އެންމެ ތިރިއަށް ލައި މަދުން މާކްސް ލިބޭ މީހުން މައްޗަށް ލުމު"ގެ ސިޔާސަތެއް އިދިކޮޅު ކޯލިޝަނުން ނުގެންގުޅޭނެ ކަމަށެވެ.

"ފުލެޓަށް އެދުމުން ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓް ނުލިބޭ ގޮތެއް ނުވާނެ،" އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުރަތަމަ ދޫކުރި ފްލެޓަށް މަތިން މާކްސް ލިބިފައިވާ މީހުންނަށް ނުދީ ދަށުން މާކްސް ލިބުނު ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ދިންކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

ފައިސަލް ދެއްކެވި އެހެން ވާހަކަތަކުގެ ތެރޭގައި ޓްރެފިކް ޕޮލިހުން ޒިންމާދާރުކުރުވައި އެކްސިޑެންޓްތައް ހިނގުން މަދުކުރާނެ ކަމަށް ވައުދުވެވަޑައިގަތެވެ. ރާއްޖޭގައި މިހާރު އެންމެ ގިނަ މަގުމަތީ އެކްސިޑެންޓް ހިނގާ ހުޅުމާލެ އާއި މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ މަގުތަކުގެ ރައްކާތެރިކަން ޔަގީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ޓްރެފިކް ޕޮލިހުންނަށް ހަވާލުކުރާނީ ސްޓިކާ ޖެހުމެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުޅުމާލެ އާއި ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އަޅުގަނޑުމެން ޔަގީން ކުރާނީ މަގުމަތީގެ [ރައްކާތެރިކަން]" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަމާންކަން ނެތުން ކަމަށާއި އެކަން ކޯލިޝަން ސަރުކާރަކުން ހައްލުކޮށްދޭނެ ކަމަށެވެ.

ފައިސަލް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް މިއަދު ޖަލު ބަންދުން މިނިވަންވިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގއަި މިއަދަކީ އިންސާފުގެ ގަދަ ކަނޑުގައި ކުޑަކުޑަ ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ދުވަހެކެވެ.

"ކޮންމެ ދުވަހަކީ ވެސް ދިވެހި ލޮބުވެތި އާއިލާއެއްގެ ދަރިއަކު ކުށެއް ނެތި ޖަލު ގޮޅީގައި 100 ދުވަސް، އެއް އަހަރު ނުވަތަ އެއް ހާސް ދުވަސް ހަމަވެގެން ދާ ދުވަހެއް. މިއީ ދިވެހި ރައްޔިތުން އެކި ކަންކޮޅުތަކުގައި ތިބެގެން މިވާހަކަ ދައްކަން ޖެހޭ ސަބަބަކީ،" ފައިސަލް ވިދާޅުވި އެވެ.