20 ޖުލައި 2018 - 16:16

ސިންގަޕޫރު (ޖުލައި 20) - ސިންގަޕޫރުގެ ހެލްތު ޑޭޓާބޭސް ހެކްކޮށް 1.5 މިލިއަން މީހުން ނުވަތަ އެ ގައުމުގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސިންގަޕޫރު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ހެކަރުން ދުރާލައި ރާވައިގެން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. ހެކަރުން ނަގާފައި ވަނީ މެއި 1، 2015 އިން މި އަހަރުގެ ޖުލައި މަހު 4 ވަނަ ދުވަހު ސިންގަޕޫރުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ދެއްކި މީހުންގެ މައުލޫމާތުތަކެވެ. ވަގަށް ނެގި ޑޭޓާގެ ތެރޭގައި ހިމެނެނީ ނަމާއި އެޑްރެހެވެ. ނަމަވެސް އެއްވެސް މީހެއްގެ މެޑިކަލް ރެކޯޑް ހެކްކޮށްފައެއް ނުވެ އެވެ.
ސިންގަޕޫރު ސަރުކާރުން ބުނީ އެއްވެސް ހެލްތު ރެކޯޑެއް (ޓެސްޓްތައް، ޑައިގްނޯސިސް އަދި ޑޮކްޓަރުގެ ނޯޓްސް) ބަދަލުކޮށް އަދި ޑިލީޓްކޮށްފައި ވެސް ނުވާ ކަމަށެވެ.
ސިންގަޕޫރުން މީގެ ކުރިން ވަނީ ސައިބާ ހަމަލާއެއް ދޭން އުޅޭ ކަމަށް އިންޒާރު ދީފަ އެވެ. އަދި ބައިނަލްއަގުވާމީ ހެކަރުން ކުރިން ދޭން އުޅުނު ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސިންގަޕޫރުގެ ޑިފެންސް މިނިސްޓްރީ އަށް މިދިޔަ އަހަރު ވަނީ ސައިބާ ހަމަލާއެއް ދީފަ އެވެ.