01 އޯގަސްޓް 2016 - 13:57

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިންގަމުން ދާ ކޮރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކުގެ މައުލޫމާތުތައް ހާމަ ކުރަމުން އަންނަ ފަރާތްތަކަށް ހައްގު ނޫން ބޮޑު އަދަބެއް ދޭން ފަރުމާ ކޮށްފައިވާ "ހީލަތްތެރި ބިލެއް" ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ، އަބުރު ރައްކާތެރި ކުރުމުގެ ބިލުގެ ސަބަބުން ދައުލަތުގެ ތެރޭގައި ހިނގަމުންދާ ކަންކަމާ މެދު ރައްޔިތުންނަށް ފެންނަ ހިޔާލާއި ޝުއޫރު ފާޅުކޮށް ކަންކަން އިސްލާހު ކުރުމުގެ މަގު ބަންދު ވާނެ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި ދައުލަތް ހިންގުމުގެ އެންމެ އަސާސީ އެއް ރުކުނަކީ ދައުލަތުގެ ކަންކަމާ މެދު ބިނާ ކުރުވަނިވި ފާޑުކިޔައި ކަންކަން އިސްލާހު ކުރުން ކަމަށް އަދާލަތުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެ އެވެ.
"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިނގާ ކަންކަން ރައްޔިތުންނާ ހަމަ އަށް ގެނެސްދިނުމާއި ރައްޔިތުންގެ ހިޔާލާއި ޝުއޫރު ފާޅު ކުރުމުގެ އެންމެ އަސާސީ ވަސީލަތް ކަމަށްވާ މިނިވަން ނޫސްވެރިކަމާއި ސޯޝަލް މީޑިއާ ހުއްޓުމަކަށް އައިސް އިސްލާމް ދީން އޮޅުން ފިލުވައިދިނުމަށާއި ދީނުގެ އިލްމު ފެތުރުމަށް ދަންނަ ބޭކަލުންނަށް ފަހި ކޮށްދީފައި އޮންނަން ޖެހޭ ތަނަވަސް ފުރުސަތު ބޮޑު ތަނުން ހަނިވެގެންދާނެ އެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ބުންޏެވެ.
ގާނޫނުއަސާސީގެ ދައުރު ހަނިކޮށް ދައުލަތް ހިންގުމަށްޓަކައި ރައްޔިތުންނަށް ފުރިހަމަ ބާރު ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުމަށް ވެސް އަދާލަތު ޕާޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް ހަ ގައުމަކުން ވެސް އަބުރު ރައްކާތެރި ކުރުމުގެ ބިލާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ އިރު މަޖިލީހުގެ ޖަލްސާގައި މިއަދު ވަނީ އެ ބިލުގެ ފުރަތަމަ ބަހުސް ފަށައިފަ އެވެ.
މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭނެ އެވެ. ނޫސްވެރިން ވެސް އަންނަނީ މި ބިލާ ދެކޮޅަށް "27ގެ ދިފާއުގައި" ނަމުގައި ކެމްޕެއިނެއް ކުރަމުންނެވެ.