23 ޖުލައި 2018 - 12:06

ކޮލަމްބޯ (ޖުލައި 23) - ޗައިނާ އިން އެހީގެ ގޮތުގައި ދެ ބިލިއަން ޔުއާން (295 މިލިއަން ޑޮލަރު) ދޭން ނިންމާފައިވާކަން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އިއުލާން ކުރައްވައިފި އެވެ.
ޗައިނާގެ އެހީގައި ލަންކާގައި ހަދާ ކިޑްނީ ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ހޮނިހިރު ދުވަހު ވިދާޅުވީ އެ ރަސްމިއްޔާތުގެ ތާރީޚު ކަނޑައެޅުމަށް ޗައިނާ ސަފީރު ވަޑައިގެންނެވި އިރު ޗައިނާގެ ރައީސްގެ ފަރާތްފުޅުން އިތުރު "ހަދިޔާއެއް" އޮތް ވާހަކަ ދެންނެވި ކަމަށެވެ.
"ޗައިނާގެ ރައީސް ދެއްވާ ދެ ބިލިއަން ޔުއާން އަކީ އަޅުގަނޑު ބޭނުން ކޮންމެ ކަމަކަށް ޚަރަދު ކުރަން ދޭ އެހީއެއް. އެކަމަކު އެ ފައިސާ ޚަރަދު ކުރާނީ ލަންކާގެ އެކި ހިސާބުތަކުގައި ގެދޮރު އަޅަން،" ސިރިސޭނާ ވިދާޅުވި އެވެ.
ޗައިނާ އިން ލަންކާ އަށް އެހީދޭ އިރު ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކެމްޕޭނަށް ޗައިނާގެ ކުންފުންޏަކުން ހޭދަކުރި ކަމުގެ ރިޕޯޓްތަކެއް އާއްމުކޮށްފަ އެވެ. ނިއު ޔޯކް ޓައިމްސް އިން މިދިޔަ މަހު ވަނީ ޗައިނާ ހާބަ އިންޖިނޭރިން ކޮމްޕެނީން ރާޖަޕަކްސާގެ ކެމްޕޭނަށް 7.6 މިލިއަން ޑޮލަރު ޚަރަދުކޮށްފައި ކަމަށް ބުނެފަ އެވެ.
ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ރާޖަޕަކްސާގެ ވެރިކަމުގައި، ޗައިނާ އިން ފަންޑުކޮށްގެން ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓުވައިފަ އެވެ. ނަމަވެސް ޕްރޮޖެޓްތަކަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އެ މަޝްރޫއުތައް އަނެއްކާ ވެސް ވަނީ ފަށައިފަ އެވެ.