24 ޖުލައި 2018 - 08:04

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް 2،000 ރުފިޔާގެ އިނާޔަތެއް 2009ގައި ދޭން ފެށި އިރު އެމްޑީޕީ ސަރުކާރުން ހާމަކުރީ އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތަކާއި ތަޖުރިބާގެ އަގު ވަޒަންކޮށް ހައްގުތައް ރައްކާތެރިކުރުމުގެ ބޭނުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ބަސްފުޅުން ނަމަ، ގައުމީ ތަރައްގީގެ މުހިއްމު މަސްއޫލިއްޔަތު އަދާކޮށްފައި ދޮށީ އުމުރުގެ މީހުން "ހޮޅުއަށިތަކުގައި ނިކަމެތި ހާލުގައި، ބަލި ހާލުގައި ދުވަސްތައް ހޭދަކުރާ މަންޒަރު" އެ މަނިކުފާނަށް ފެނިވަޑައިގަންނަވާތީ އެ ހާލަތު ބަދަލުކުރައްވަން ނިންމެވީ އެވެ.
ނަޝީދުގެ ވެރިކަމުގައި ފަހުން އެ އިނާޔަތް 2،300 ރުފިޔާ އަށް ބޮޑުކޮށްފައި ވަނިކޮށް 5000 ރުފިޔާ އަށް މައްޗަށް ޖެއްސެވީ ރައީސް އަބްދުﷲ ޔާމީން އެވެ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތަކީ ދެ ރައީސުންގެ ވެސް އެންމެ މުހިއްމު އެއް ރިޔާސީ ވައުދަށް (ނަޝީދު 2008ގައި އަދި ޔާމީން 2013ގައި) އޮތީ ވެފަ އެވެ. އަސާސީ ޕެންޝަންގެ ގޮތުގައި ނަޝީދު ތައާރަފްކުރެއްވި އިނާޔަތުން އެތައް ބައެއްގެ ދަތި ހާލަށް ލުޔެއް ލިބުނު އިރު "ސީނިއާ ސިޓިޒަން އެލަވަންސް"އާ އެކު، އެ އިނާޔަތަށް ރައީސް ޔާމީން ގެންނެވި ބޮޑު ކުރިއެރުމުން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވި އެވެ. އެއީ ޔަގީނުން ވެސް ގިނަ ބަޔަކަށް ހައްގު އަދި ސަރުކާރުން ކޮންމެހެން ފޯރުކޮށްދޭން ޖެހިފައި އޮތް އެހީއެކެވެ.
އެކަމަކު ރައީސް ޔާމީން ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އިރު އަނެއްކާވެސް އެންމެ އިސް އެއް ވައުދަކީ އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކޮށްދެއްވުމެވެ. އެހެންކަމުން މި އިނާޔަތް ކޮންމެ ރިޔާސީ އިންތިޚާބެއްގެ އުސް އައްޔަކަށް ވެގެން މި ދަނީ އެންމެ ރަނގަޅަށް ހެއްޔެވެ؟
ވޯޓު ހޯދުމުގެ ބޭނުމުގައި ވާ މިފަދަ ވައުދުތަކުން ރާއްޖޭގައި އެކި ކަހަލަ ސަބްސިޑީތަކާއި އިނާޔަތްތައް ދެނީ އެންމެ ހައްގު މީހުންނަށް، އެންމެ އެކަށީގެންވާ ގޮތުގައި އަދި ރައްޔިތުންގެ ފައިސާ ބޭނުންކުރުން އެންމެ އެދެވޭ ގޮތުގައިތޯ އެއީ ކުރިންސުރެ ވެސް އުފެދިފައި އޮންނަ ސުވާލުތަކެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކުން އަބަދުވެސް ލަފާ ދެނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ހަމައެކަނި ހައްގުވެރިންނަށް އެފަދަ އިނާޔަތްތައް ދޭށެވެ.
ސީނިއާ ސިޓިޒަން އެލަވަންސަކީ ރާއްޖޭގައި ދިރިއުޅޭ، 65 އަހަރު ފުރިފައިވާ، ހުކުމެއް ތަންފީޒުކުރަމުން ނުދާ، ދައުލަތުން ބަލަހައްޓަމުން ނުދާ، އަދި ދައުލަތުން ދޭ ޕެންޝަނެއްގެ ގޮތުގައި (ރިޓަޔަމެންޓް ޕެންޝަން ފިޔަވައި) 5،000 ރުފިޔާ އަށް ވުރެ މަދުން ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް ދޭ އެއްޗެކެވެ. އެންމެ ތަނަވަސް، ކުޅެދޭ މީހާ އަށް ވެސް އެ އިނާޔަތް ނެގޭނެ އެވެ. މި ގޮތަށް ދެމުން އަންނަ އިނާޔަތެއް އިތުރަށް ބޮޑުކުރުމަކީ ޒިންމާދާރު ގޮތެއް ހެއްޔެވެ؟
ޕީޕީއެމް ސަރުކާރުން އިނާޔަތަށް އިތުރުކުރި ބައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 18 ދުވަސް ކުރިން، މާޗް 2014ގައި ދޭން ފެށީ ގާނޫނެއްގައި ކަނޑައަޅައިގެނެއް ނޫނެވެ. އެހެންވެ، ބަޖެޓުގައި ނެތް އެ ފައިސާ ދޭން ޖެހޭނީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަމަށް އެ އޮފީހުން ނުދެކޭތީ، އިތުރުވި 42.2 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދޫކުރަންދެން ފެބްރުއަރީ މަހުގެ ފައިސާ ޖަމާނުކޮށް ލަސްކުރި އެވެ.
ރައީސް ޔާމީންގެ ވައުދުގައި އަދި ސަރުކާރުން އިނާޔަތް ބޮޑުކުރިކަން އިއުލާންކުރި އިރު ވެސް ބުނެފައި ވަނީ އިތުރުވާ ބައި ހަމަޖައްސާނީ ދައުލަތުގެ ބަޖެޓުގެ ބޭރުން، ހަރުދަނާ އަދި ދެމެހެއްޓެނެވި އިންތިޒާމެއްގެ ތެރެއިން ކަމަށެވެ. "ފައިނޭންޝަލް އިންސްޓްރޫމެންޓެއްގެ ތެރެއިން" ނުވަތަ އަމިއްލަ ފަރާތްތަކުގެ "އިކުއިޓީ ފަންޑްތައް މެދުވެރިކޮށް" އިންވެސްޓްކޮށްގެން އެ ފައިސާ ހޯދަން ވިސްނަމުންދާ ކަމަށް އަދި އިނާޔަތަށް އިތުރުކުރި ބައި އިންޝުއަރެންސް ސްކީމެއްގެ ތެރެއިން ހަމަޖައްސަން އެލައިޑް އިންޝުއަރެންސާ މަޝްވަރާކުރަމުން ގެންދާ ކަމަށް ވެސް 2014ގައި ސަރުކާރުން ބުނެފައިވެ އެވެ.
އެކަމަކު އެފަދަ އިންތިޒާމެއް ނެތި ސަރުކާރުން ބުނި ގޮތާ ޚިލާފަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިނާޔަތް ދޭތާ ފަސް އަހަރު ވީ އެވެ. ސީނިއާ ސިޓިޒަން އެލަވަންސަށް މި އަހަރުގެ ބަޖެޓުގައި 531.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ (ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާ އިން އެކަށޭނަ ރިޓަޔަމަންޓް ޕެންޝަނެއް ނުލިބޭ މީހުންނަށް އުމުރުން 65 އަހަރުވުމުން ލިބޭ) އަސާސީ ޕެންޝަން ދިނުމަށް ހިމަނާފައިވާ 435.7 މިލިއަން ރުފިޔާގެ އިތުރަށެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަފާސްހިސާބުން އެނގޭ ގޮތުގައި ސީނިއާ ސިޓިޒަން އެލަވަންސް ލިބޭ 17،000 މީހުން އެބަ ތިއްބެވެ. އަދި 65 އަހަރުން މަތީގެ މީހުންގެ އަސާސީ ޕެންޝަނަށް މަހަކު 36 މިލިއަން ރުފިޔާ ޚަރަދުވާ އިރު ސީނިއާ ސިޓިޒަން އެލަވަންސަށް މަހަކު 45 މިލިއަން ރުފިޔާ ހޭދަވެ އެވެ. އެއީ އަހަރަކަށް ބަލާ އިރު ޖުމްލަ 972 މިލިއަން ރުފިޔާ އެވެ. މިހާރު ވެސް ދައުލަތުން އާމްދަނީ އަށް ވުރެ ގިނައިން ހޭދަކުރަމުންދާ އިރު އިނާޔަތް އިތުރުކުރުމަކީ ޚަރަދު ހައްތަހާ ބޮޑުވުމެވެ. ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވެސް ދަނީ ބޮޑުވަމުންނެވެ. ސުވާލަކީ އިތުރަށް ދޭން ޖެހޭ ފައިސާ ހޯދާނީ ކޮން ތާކުން ހެއްޔެވެ؟ އިތުރަށް ޓެކްސް ނަގައިގެން ހެއްޔެވެ؟
ގާނޫނީ ހައިސިއްޔަތެއް ނުލިބި އަދި ޕެންޝަން ސްކީމްގެ ތެރޭގައި ނުހިމެނި އޮތް ސީނިއާ ސިޓިޒަން އެލަވަންސް އަނެއްކާވެސް ބޮޑުކުރައްވާނެކަން އިއުލާންކުރައްވައި ރައީސް ޔާމީން މި މަހު ވިދާޅުވި ގޮތުން ނަމަ މި ފަހަރު އިތުރުކުރާނީ ކިތައް ރުފިޔާ ކަމެއް އަދި ނުނިންމަ އެވެ. އެކަމަކު މި އިނާޔަތް ބޮޑުކޮށްދެއްވުމުގެ ވިސްނުން އެ މަނިކުފާނު ކުރިން ހިއްސާކުރެއްވި ފަހަރުތަކުގައި، 7،000 ރުފިޔާ އަށް މަތިކުރަން ސަރުކާރުން ވިސްނަމުންދާ ކަމަށް (2014ގައި) ވިދާޅުވުމަށް ފަހު "15،000 ރުފިޔާ އަށް ޖައްސާނުލެވެންވީ ކީއްވެތޯ" ވެސް (2016ގައި) ސުވާލުކުރައްވާފައިވެ އެވެ.
އިގްތިސޯދީ ގޮތުން ހަރަކާތްތެރި ނުވާ ބަޔަކަށް ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ އިން މިހާ ބޮޑު އިނާޔަތެއް ދިނުމަކީ ގައުމުގެ އިގްތިސޯދު ހިންގައިދޭ މަސައްކަތްތެރިންނާއި ވަޒީފާތަކަށް ނުކުންނަން ތިބޭ ޒުވާނުންގެ ހިތްވަރަށް ކިހާ ވަރެއްގެ އުނިކަމެއް އަތުވެދާނެ ސިޔާސަތެއް ހެއްޔެވެ؟ އަދި މި ކަމުން މަސައްކަތު އާބާދީގެ އުފެއްދުންތެރިކަމަށް ފޯރާނީ ކިހާ ވަރެއްގެ އަސަރެއް ހެއްޔެވެ؟ ސިވިލް ސާވިސް އާއި ޕްރައިވެޓް ސެކްޓާ އަށް ބެލިޔަސް އާދައިގެ މަސައްކަތްތެރިންނަށް ލިބެނީ ރާއްޖޭގައި ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ގޮސްފައި ހުރި ވަރާ ނުބައްދަލު އުޖޫރައެކެވެ.
އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް އެންމެ ކުޑަމިނުން 7،000 ރުފިޔާ އަށް އިތުރު ކުރިޔަސް، އެ ވާނީ އެތަކެއް ސިވިލް ސާވެންޓުންގެ މުސާރަ އަށް ވުރެ ބޮޑު އަދަދަކަށެވެ. ތަފާސްހިސާބުން އެނގޭ ގޮތުގައި ސިވިލް ސާވިސްގައި ތިބި 22،000 މުވައްޒަފުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް (47 ޕަސެންޓް) އަސާސީ މުސާރައިގެ ގޮތުގައި މިދިޔަ އަހަރު 5،000 ރުފިޔާ ވެސް ނުލިބެ އެވެ. އަދި 97 ޕަސެންޓް ސިވިލް ސާވެންޓުންގެ އަސާސީ މުސާރަ މިދިޔަ އަހަރު 10،000 ރުފިޔާ އަށް ވުރެ ކުޑަ އެވެ. އޭގެ މާނައަކީ، ސީނިއާ ސިޓިޒަން އެލަވަންސް ހަގީގަތުގައި ވެސް 15،000 އަށް އިތުރުކޮށްފި ނަމަ ނުވަތަ ހަމައެކަނި މިހާރަށް ވުރެ ދެ ގުނަ ބޮޑުކުރިޔަސް، ގާތްގަނޑަކަށް ހުރިހާ ސިވިލް ސާވެންޓުންގެ އަސާސީ މުސާރަ އަށް ވުރެ ބޮޑު އެއްޗެއް 65 އަހަރުން މަތީގެ މީހުންނަށް ލިބޭނެ އެވެ. (ސިވިލް ސާވިސް މުވައްޒަފުންގެ އުޖޫރަ 700 ރުފިޔާ އިން ފެށިގެން 1500 ރުފިޔާއާ ހަމައަށް މި އަހަރު ބޮޑުކޮށްފައިވެ އެވެ. އެކަމަކު އެއީ ވެސް އެލަވަންސެވެ. އަސާސީ މުސާރައެއް ނޫނެވެ.)
ގާނޫނީ ގޮތުން ކުރަން ލާޒިމްކޮށްފައި އޮތަސް އެންމެ ކުޑަ އުޖޫރަ ކަނޑަނާޅާ އެތައް އަހަރެއް ފާއިތުވެފައިވާ އިރު އަމިއްލަ ފަރާތްތަކުގެ ވަޒީފާތަކުގައި ވެސް އެތައް ބަޔަކު މަސައްކަތްކުރަމުން ގެންދަނީ ހަމަޖެހޭ ދިރިއުޅުމެއް ހޯދޭ ވަރަށް ވުރެ މާ ކުޑަ މުސާރައަކަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދޭން ޖެހޭ ގަދަރު ނަގަހައްޓައި އެ މީހުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެ މީހުން ބިކަ ހާލުން ސަލާމަތްކުރުމަށް ސަރުކާރުން އިނާޔަތެއް ފޯރުކޮށްދިނުމުގެ މުހިއްމުކަން އެންމެން ވެސް އިހުސާސްކުރެ އެވެ. އަސާސީ ޕެންޝަނާއި ސީނިއަ ސިޓިޒަން އެލަވަންސަކީ އިޖުތިމާއީ ގޮތުން ފައިދާހުރި، ދުވަސްވީ މީހުންނަށާއި އާއިލާތަކަށް ބޭނުންތެރި އިނާޔަތްތަކެކެވެ. އެކަމަކު ސީނިއާ ސިޓިޒަން އެލަވަންސް ދެމުންދާ ގޮތަށް ބަލާ އިރު އެ އިނާޔަތް ހައްތަހާ ބޮޑުކުރުމަކީ މިހާރު ހުރި މައްސަލަތައް އިތުރަށް ގޯސްވެ، އާ މައްސަލަތަކެއް ނުކުމެދާނެ ކަމެކެވެ.
ފަގީރުންނާއި މާ ބޮޑަށް ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ނޫން ވެސް ޚާއްސަ ހާލަތްތަކުގައި ތިބޭ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޮޑު އިނާޔަތެއް ދެވިދާނެ އެވެ. އެކަމަކު 65 އަހަރުން މަތީގެ މުޅި އާބާދީ އަށް ކުރާ މި ބޮޑު ޚަރަދު އަދިވެސް އިތުރުކުރަން ސިޔާސީ ގޮތުން ވައުދުވާ އިރު އޭގެ މާލީ އަދި އިގްތިސޯދީ ނުރަނގަޅު އަސަރުތައް ބޮޑުވާނެކަން އާއްމުން ދަންނަން ޖެހެ އެވެ.