އަރަބި ގައުމުތަކުން ވެސް ފަލަސްތީނަށް އެހީއެއް ނުވޭ: އެމެރިކާ ސަފީރު
އަރަބި ގައުމުތަކުން ވެސް ފަލަސްތީނަށް އެހީއެއް ނުވޭ: އެމެރިކާ ސަފީރު

ވޮޝިންޓަން (ޖުލައި 26) - ފަލަސްތީނަށް ދިމާވެފައިވާ މާލީ ދަތިކަމުން ސަލާމަތްވުމަށް އަރަބި ގައުމުތަކުން ވެސް އެހީ ނުވާ ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ވިދާޅުވެއްޖެ އެވެ.

އަރަބި ގައުމުތަކުން ވެސް ފަލަސްތީނަށް އެހީއެއް ނުވޭ: އެމެރިކާ ސަފީރު
އަރަބި ގައުމުތަކުން ވެސް ފަލަސްތީނަށް އެހީއެއް ނުވޭ: އެމެރިކާ ސަފީރު

"ފަލަސްތީނާ އެކު ސުލްހައިގެ މަސައްކަތުގައި އެހީވާން ކޮބާ އަރަބި ގައުމުތައް؟" ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ސުވާލު ކުރެއްވި އެވެ. "މިއީ ސަރަހައްދުގެ ގައުމުތަކުން ފަލަސްތީނަށް އެހީވާންވީ ވަގުތު."

ހޭލީ ވިދާޅުވީ ފަލަސްތީނަށް މާލީ އެހީގެ ގޮތުގައި އެމެރިކާ އިން މިދިޔަ އަހަރު 300 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި 1993 ވަނަ އަހަރުގެ ފަހުން ފަލަސްތީނަށް އެމެރިކާ އިން ތިން ބިލިއަން ޑޮލަރު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް ދޭ 125 މިލިއަން ޑޮލަރުގެ ތެރޭން 65 މިލިއަން ޑޮލަރު ހިފަހައްޓާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖެނުއަރީ މަހު ވިދާޅުވެފަ އެވެ. އދ.ގެ އޮފިޝަލުން ބުނެފައި ވަނީ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް އެމެރިކާ އިން މިދިޔަ އަހަރު 364 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އެކަމަކު މި އަހަރުގެ މިހާތަނަށް އަދި ދީފައި ވަނީ 60 މިލިއަން ޑޮލަރު ކަމަށެވެ.

"އަރަބި ގައުމުތަކުން ފަލަސްތީނަށް ވަނީ ކޮން އެހީއެއް؟ ބައެއް އަރަބި ގައުމުތަކަކީ ވަރަށް މުއްސަނދި ގައުމުތައް. އެ ގައުމުތަކުން ފަލަސްތީނަށް ދިނީ ކޮންއެއްޗެއް؟" ހޭލީ ވިދާޅުވި އެވެ. "ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް އީރާނުން މިދިޔަ އަހަރު ދިން އަދަދު ސުމެއް. އަލްޖީރިއާގެ އަދަދު ސުމެއް. ޓިއުނީޝިއާގެ އަދަދު ސުމެއް."

އެމެރިކާގެ އެހީތައް ކަނޑާލުމާ ގުޅިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އދ. އިން އިސްނަގައިގެން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ފައިސާގެ ބައެއް ހޯދައިފަ އެވެ.