ރަޔަން ރެނޮލްޑްސްގެ "ސްޓޯންޑް އެލޯން" އަކީ "ހޯމް އެލޯން" ކަހަލަ ފިލްމެއް
ރަޔަން ރެނޮލްޑްސްގެ "ސްޓޯންޑް އެލޯން" އަކީ "ހޯމް އެލޯން" ކަހަލަ ފިލްމެއް

ބެލުންތެރިންގެ މެދުގައި ކުރިން ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެއް ކަމަށްވާ "ހޯމް އެލޯން" ގެ ވާހަކައާ ދާދި އެއްކަހަލަ ވާހަކައަކަށް ރަޔަން ރެނޮލްޑްސް ލީޑް ރޯލަށް ލައިގެން "ސްޓޯންޑް އެލޯން" ގެ ނަމުގައި ކޮމެޑީ ފިލްމެއް ހަދަން ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން ނިންމައިފި އެވެ.

މި ފިލްމްގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހު ރިލީޒްކުރާ "ނެވާ ގޮއިން ބެކް" ގެ އަންހެން ޑައިރެކްޓަރު އޮގަސްޓިން ފްރިޒެލް އެވެ.

"ސްޓޯންޑް އެލޯން" ގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ނެޓްފްލިކްސް އިން ގެނެސް ދިން "ދަ ޕެކެޖް" ގެ ސްކްރީން ރައިޓަރުން ކަމަށްވާ ކެވިން ބަރޯޒް އާއި މެޓް މިޑާއާ އެވެ.

"ސްޓޯންޑް އެލޯން" ގައި ކިޔައި ދޭނީ ޗުއްޓީއެއް ޕްލޭންކުރާ ޒުވާނެއްގެ ފްލައިޓް މިސްވުމުން އޭނާ ގޭގައި ތާށިވުމުން ދެން ކުރާ ކަންތައްތަކެއްގެ ވާހަކަ އެވެ.

މެކްކޯލީ ކަލްކިން ލީޑް ރޯލް ކުޅުނު "ހޯމް އެލޯން" ގައި ކިޔައި ދިނީ އާއިލާ ކްރިސްމަސް ޗުއްޓީ އަށް ޕެރިހަށް ނައްޓައިލާ އިރު، އޮޅުމަކުން 8 އަހަރުގެ ފިރިހެން ދަރިފުޅު އެކަނި ގެއަށް ދޫކޮށްލައިފައި ދިއުމުން، އޭނާ ގޭތެރޭގައި ހުރެގެން ކުރާ ކަންތައްތަކެކެވެ.

ކްރިސް ކޮލަމްބަސް އެންމެ 18 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޑައިރެކްޓްކޮށް 1990 ގައި ރިލީޒް ކުރި "ހޯމް އެލޯން" އަކީ ބޮކްސް އޮފީހުގައި 476.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމްގެ އިތުރު ބައިތަކެއް ވެސް ފަހުން ގެނެސް ދީފައިވެ އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސްޓޯންޑް އެލޯން" ގައި އެކްޓް ކުރުމުގެ އިތުރުން މި ފިލްމްގެ އެއް ޕްރޮޑިއުސަރުގެ ޒިންމާ ވެސް ރެނޮލްޑްސް ނަގާނެ އެވެ.

ދާދި ފަހުން ރިލީޒް ކުރި "ޑެޑްޕޫލް 2" އަށް ފަހު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރުގެ މެއި 10 ގައި ރިލީޒް ކުރާ "ޑިޓެކްޓިވް ޕިކާޗޫ" އިންނެވެ.