ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް
ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް

ކުޅިވަރުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) އާއި ވޮލީބޯޅަ ކުޅުންތެރިއާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަދި ފެތުމުގެ ކޯޗު ނައުފަލް މޫސާ އަށް ސަރުކާރުން ރޭ ދެއްވައިފި އެވެ.

ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް
ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމީ އިނާމް ހާސިލްކުރެއްވި ބޭފުޅުންނަށް އިނާމް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް
ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ހީނާ ސަލީމަކީ ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި، ރެފްރީއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި ހިންގުންތެރިއެއްގެ ގޮތުގައި އަގުހުރި އެތައް ހިދުމަތްތަކެއްކުރައްވާފައިވާ ބޭފުޅެކެވެ.

ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް
ކުޅިވަރުގެ ރޮނގުން ޝަރަފްވެރިކަން ހީނާ އަށް، ހިތްވަރުދިނުން ސަތޯ، ލޯންގޭ އަދި ނައުފަލަށް

ޒުވާން ދުވަސްވަރު ފުޓްބޯޅަ، ކްރިކެޓް، ހޮކީ، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް، ޓެނިސް ކުޅުއްވައި ބައިސިކަލް ރޭސްތަކުގައި ވެސް ވާދަކުރެއްވި ހީނާ ސަލީމަކީ އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމު ކަމަށްވާ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީމުގެ އެންމެ ޒުވާން މެމްބަރެވެ. އޭގެ ފަހުން 1985 ވަނަ އަހަރު އެ ގޭމްސްގައި ބެޑްމިންޓަނުން މެޑަލް ހޯދިއިރު ހިމެނިވަޑައިގެންނެވި އެވެ. މީގެ އިތުރުން 1984 އަދި 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވުންތެރިއެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކުރެއްވި އެވެ.

ކްލަބް ވެލެންސިއާ 1979 އަހަރު ވުޖޫދު ކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ހީނާ ފާހަގަކުރެއްވެނީ އެ ކްލަބުގެ ލެޖެންޑެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ ވަނީ 1991 ވަނަ އަހަރު ޔޫތު ސްޕޯޓްސް ކްލަބް އުފައްދަވައި ޒުވާން ކުޅުންތެރިންނަށް މަގެއް ކޮށައިދެއްވައިފަ އެވެ. އެ މަސައްކަތް ފުޅާކުރެއްވީ 2004 ވަނަ އަހަރު އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ނަމުގައި ފެށްޓެވި މަސައްކަތާ އެކު އެވެ. މެދުކެނޑުމެއްނެތި ކުޑަކުދިން ތަމްރީން ކުރައްވަމުން އަންނައިރު އެ މަސައްކަތް ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށް ވެސް ވަނީ ފުޅާކުރައްވައިފަ އެވެ. އަދި އެ އެކަޑަމީގެ ޓީމަކުން ވަނީ މި އަހަރު ސްރީ ލަންކާގައި އޮތް ޖޫނިއާ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ.

ފުޓްބޯޅައިގެ ސީނިއާ ލެވެލްގެ ކޯޗިންގައި ހީނާގެ ތަޖުރިބާ ބޮޑުވެފައި ކާމިޔާބީތައް ގިނަ އެވެ. އޭނާ އަކީ ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު އެސިސްޓަންޓް ކޯޗެވެ. އަދި ރާއްޖޭގެ 17 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ގައުމީ ކޯޗުކަން ވެސް ކުރި އެވެ. މީގެ އިތުރުން އަހުމަދިއްޔާ ސްކޫލާއި އަމީރު އަހުމަދު ސްކޫލަށް ކޯޗުކޮށްދީ ތަށި ހޯދައިދީފައިވެ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ފޯވާޑް އަލީ އުމަރަކީ އޭރުގެ އުފެއްދުންތަކެވެ. މީގެ އިތުރުން އޭނާގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ ވަނީ 1995 ވަނަ އަހަރުގެ ކަޕްވިނާސް ކަޕް ކާމިޔާބުކޮށް އެ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރަށް ގޮސްދަ އެވެ. އަދި 1997 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ޕޮމިސް ކަޕް ކާމިޔާބުކޮށްދެއްވި އެވެ.

ކުޅިވަރުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 1994 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ހީނާ ސަލީމަށް ވަނީ މި އަހަރުގެ މިހާރު އެވޯޑްސްގައި މުހައްމަދު ޒާހިރު ނަސީރު އެވޯޑް (ލައިފްޓައިމް އެވީޗްމަންޓް އެވޯޑް) ދެއްވައިފަ އެވެ.

ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިރޭ ހާސިލްކުރި ސަތޯ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވޮލީބޯޅަ ކޯޗެވެ. އޭނާ މަޝްހޫރުވެގެންދިޔައީ 1990 ވަނަ އަހަރުގެ ސްކޫލް ވޮލީބޯޅައިގެ ފިރިހެން ތަށްޓާއި އަންހެން ތަށި އެމްއީއެސް އަށް ހޯދައިދިނުމުންނެވެ. އޭނާ ވަނީ 21 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އެ ސްކޫލަށް ޖެހިޖެހިގެން 11 އަހަރު ހޯދައިދީފަ އެވެ.

ސީނިއާ ކެރިއަރުގައި އޭނާ ވަނީ ގައުމީ ވޮލީ ތަށި ހަ ފަހަރު، އެސޯސިއޭޝަން ކަޕް 10 ފަހަރު، ވޮލީ ލީގު ތިން ފަހަރު ހޯދައިފަ އެވެ. އަދި 1999 ވަނަ އަހަރު އައްޑޫ ހިޒް ކްލަބަށް ގައުމީ ތަށި ހޯދައިދީ އެ ތަށި މާލޭން ބޭރަށް ގެންދިޔަ ފުރަތަމަ ކޯޗުގެ ޝަރަފް ހޯދި އެވެ. ސަތޯ ވަނީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި އެސްޓީއޯ ރިކްރިއޭޝަން ކްލަބަށް އަދި ރިޒޯޓް ތަށި ވެސް ގިނަ ޓީމުތަކަށް ހޯދައިދިނެވެ. އޭނާ ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުން ހޮވި އެންމެ މޮޅު ކޯޗުގެ އެވޯޑް 2010 އާއި 2011 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެން ހާސިލްކުރި ލޯންގޭ އަކީ ސަތޯގެ ކޯޗުކަމުގެ ދަށުން 2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ކުޅުންތެރިއެކެވެ. އަދި 2004 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމަށް އަރަން ފެށި ފަހުން މިހާތަނަށް ގައުމީ ޓީމުން އޭނާ ބާކީވެފައެއް ނުވެ އެވެ. އެގޮތުން އޭނާ ވަނީ ގައުމީ ޓީމާ އެކު ރިހި މެޑަލް ދެ ފަހަރު ކަރުގައި އަޅުވައިފަ އެވެ. މީގެ އިތުރުން ހަވީރު ސްޕޯޓްސް އެވޯޑްސްގައި ދޭ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމް ދެ ފަހަރު ހޯދައި ތިން ފަހަރެއްގެ މަތިން ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

އޭނާ އަންނަނީ އިޖްތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް ވަރަށް ގިނަ އަތޮޅުތެރޭގެ ޓީމުތަކަށް ކުޅެ ކޯޗުކޮށްދީ އަދި ކޯޗިން ކޭމްޕްތައް ބާއްވަމުންނެވެ. މީގެ އިތުރުން ބައެއް މުބާރާތްތަކުގެ ފަނޑިޔާރުންކަން ވެސް ކޮށްދީފައިވެ އެވެ.

ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލްކުރި ނައުފަލަކީ 2000 ވަނަ އަހަރުން ފެށިގެން ފެތުމުގެ ރޮނގުން މީހުން ތަމްރީންކުރަމުން އަންނަ އިންސްޓްރަކްޓަރެކެވެ. ސްކޫލް ދައުރުގައި ފެތުމުން ވަނަތަކެއް ހާސިލްކޮށްފައިވާ ނައުފަލް ވަނީ 2005 ވަނަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފެތުންތެރިއެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. ލައިފްގާޑެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވަ ނައުފަލްގެ އެންމެ ހާއްސަ މަސައްކަތަކީ އަބަދުވެސް ފަތަން ދަސްކޮށްދިނުމެވެ. އެ މަސައްކަތް ސްކޫލްތަކުގައި ވެސް އަންނަނީ ކޮށްދެމުންނެވެ. މީގެ އިތުރުން ސްވިމިން ކޯޗެއްގެ ގޮތުގައި ސްވިމިން އެސޯސިއޭޝަނާއި ސްކޫލްތަކާއި ކްލަބްތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.