މޯނިޝްގެ ދަރިފުޅު ޕްރަނޫޓާން ބޮލީވުޑަށް ތައާރަފުކޮށް ދޭނީ ސަލްމާން ހާން
މޯނިޝްގެ ދަރިފުޅު ޕްރަނޫޓާން ބޮލީވުޑަށް ތައާރަފުކޮށް ދޭނީ ސަލްމާން ހާން

ސަލްމާމް ހާނަކީ ވަރަށް ގިނަ ތަރިން މިހާތަނަށް ފިލްމީ ދާއިރާ އަށް ނެރެފައިވާ އެކްޓަރެކެވެ. އަދި ކުރިއަށް ވެސް އޭނާ ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނަ އެކްޓަރުންތަކެއް އެބަ ތިއްބެވެ.

މި ލިސްޓަށް މި ފަހަރު އިތުރު ވަނީީ ސަލްމާނާ އެކު "މޭނޭ ޕިޔާރް ކިޔާ"، "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ މޯނިޝްގެ ބާލްގެ ދަރިފުޅު ޕްރަނޫޓާން ބާލް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމަކުން 25 އަހަރުގެ ބަތަލާ ފިލްމީ ދާއިރާ އަށް ނެރެން ނިންމާފައިވާ އިރު، އެ ފިލްމް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ. ފިލްމްގެ ޑައިރެކްޓް ކުރާނީ ފިލްމްސްތާން (2012) ގެނެސް ދިން ނިތިން ކައްކަރް ކަމަށް މީޑިއާތަކުން ބުންޏެވެ.

ޕްރަނޫޓާންގެ ބައްޕަ މޯނިޝް އާއި މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ނޫޓާންއަކީ ވަރަށް ވެސް ހުނަރުވެރި އެކްޓަރުންނަށްވާތީ، އެ މީހުންގެ ކިބައިގައި ހުރި ހުނަރު ޕްރަނޫޓާންގެ ކިބައިގައި ވެސް ހުންނާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ނޫޓާންގެ މާމަ ދަރި ބޮޑު ސްކްރީނުން ދެކިލުމުގެ ޝައުވެރިކަން ވެސް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވެ އެވެ. ޕްރަނޫޓާންއަކީ މޯނިޝް، 56، ގެ ދެ ތަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނާގެ ދެން ވެސް ހުރީ އަންހެން ކުއްޖެކެވެ. ކްރިޝާ ބާލް، 9، އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ބޮލީވުޑަށް ނެރޭނީ އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ އާއި ވަރީނާ ހުސައިނެވެ. އެ ދެ ތަރިން ލީޑް ރޯލް ކުޅެފައިވާ "ލަވްރާތުރީ" އަންނަ އޮކްޓޯބަރު މަހުގެ 5 ގައި ސިނަމާތަކަށް އަންނާނެ އެވެ.

ސަލްމާން ބޮލީވުޑަށް ނެރުނު ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، އަރްޖުން ކަޕޫރް، އާތިޔާ ޝެޓީ، ސޫރަޖް ޕަންޗޯލީ އަދި ޑެއިޒީ ޝާހް ފަދަ ތަރިން ހިމެނެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާންގެ ގާތް އެކުވެރިޔާ އަދި އެކްޓަރު/ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރްގެ އަންހެން ދަރިފުޅު އަޝްވާމީ މަންޖްރޭކަރް "ދަބަންގް 3" އިން ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ.

މީގެ އިތުރު ސަލްމާންގެ ކުޑައިރު ގާތް އެކުވެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރް އިގްބާލް ވެސް ބޮލީވުޑަށް ނެރޭކަން ސަލްމާން ވަނީ މިދިޔަ މަހު އިއުލާންކޮށްފަ އެވެ.