މުރްސީގެ ވެރިކަން ވައްޓާލުމާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަށް މަރުގެ އަދަބު
މުރްސީގެ ވެރިކަން ވައްޓާލުމާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަށް މަރުގެ އަދަބު

ގާހިރާ (ޖުލައި 27) - މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވިކަމުގެ ކުށުގައި 75 މީހެއްގެ މައްޗަށް މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.

ގާހިރާގެ ކްރިމިނަލް ކޯޓުން ހުކުމް އިއްވި މީހުންގެ ތެރޭގައި މިހާރު މަނާކޮށްފައިވާ މުރްސީގެ މުސްލިމް ބްރަދަހުޑް ޖަމާއަތުގެ ސީނިއާ މެންބަރުންތަކެއް ވެސް ހިމެނެ އެވެ. މަރުގެ ހުކުމް ދެން ހުށަހަޅާނީ މިސްރުގެ ގްރޭންޑް މުފްތީއަށެވެ.

ގްރޭންޑް މުފްތީ ހުކުމް ލުއިކޮށްދީފި ނަމަ ކޯޓްތަކުން އާއްމު ގޮތެއްގައި އެކަމަށް ދެކޮޅެއް ނަހަދަ އެވެ. މުސްލިމް ބްރަދަހުޑުގެ ލީޑަރެއް ކަމަށްވާ މުހައްމަދު ބަދީއުގެ މައްޗަށް 2014 ވަނަ އަހަރު އިއްވި މަރުގެ ހުކުމަށް ގްރޭންޑް މުފްތީ ދެކޮޅު ހެއްދެވުމުން އެ ހުކުމް ފަހުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ.

މުރްސީގެ ވެރިކަން ޖުލައި 2013 ގައި ވައްޓާލި ފަހުން މުސްލިމް ބްރަދަހުޑް ވަނީ މަނާކޮށްފަ އެވެ. މުރްސީގެ ވެރިކަން ވައްޓާލީ މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުލް ފައްތާހު ސީސީ ސިފައިންގެ ވެރިއަކަށް ހުންނެވި އިރު ގެނައި އަސްކަރީ ބަޣާވާތެއްގަ އެވެ.

މުރްސީގެ ވެރިކަން ވައްޓާލުމާ ދެކޮޅު މުޒާހަރާތައް ފެށީ އޮގަސްޓް 2013 ގަ އެވެ. ގާހިރާގެ ރާބިއާ އަދި ނަހްދާ މައިދާނުގައި އިށީނދެ ތިބެ މުރްސީގެ ސަޕޯޓަރުން ކުރި މުޒާހަރާ ރޫޅުލުމަށް ސިފައިން ގަދަބާރު ބޭނުން ކުރުމުން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މުޒާހަރާ ރޫޅި މަންޒަރު ފޮޓޯ ނެގި ނޫސްވެރިޔާ އަދިވެސް ހުރީ ޖަލުގަ އެވެ.