31 ޖުލައި 2018 - 00:45

އަދުލު އިންސާފް ކަށަވަރުކޮށް، ފަސޭހަ ކުރުމަށްޓަކައި ގާނޫނީ ވަކީލުންގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއް ކަމަށާއި އެކަމަކު އެކަން ފުރިހަމަ އަށް ކުރެވޭނީ ގާނޫނީ ވަކީލުންނަކީ ހަރުދަނާ ސުލޫކީ މިންގަނޑެއްގައި ތިބި މިނިވަން ބަޔަކަށް ވެގެން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ވަކީލުކަމުގެ ހުއްދަ 181 މީހަކަށް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަކީލުން ފޯރުކޮށްދޭ ޚިދުމަތަކީ ގާނޫނުގެ ސިޔާދަތު ނަގަހައްޓައި، ގައުމީ އަދި ފަރުދީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މުހިންމު ޚިދުމަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި އެ ނޫން ވެސް ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ވަކީލުންގެ ޚިދުމަތަކީ ކޮންމެހެން ބޭނުންތެރި ޚިދުމަތެއް ކަމަށެވެ. އެހެންވެ، އެ ޚިދުމަތުގައި އުޅޭ ވަކީލުން އެންމެ އިސްކަމެއް ދޭން ޖެހޭނީ ވެސް ތެދުވެރިކަމާއި ޒިންމާދާރު ކަމާ އެކު ޚިދުމަތް ކުރުމަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ގާނޫނީ ވަކީލުކަމުގެ ޚިދުމަތް ރަނގަޅަށް ފޯރުކޮށްދެވޭނީ ގާނޫނީ ވަކީލުންގެ ޕްރޮފެޝަނަކީ މިނިވަން އަދި ރަނގަޅު އަޚްލާގީ ސުލޫކީ މިންގަނޑުތަކެއްގެ މަތީގައި ތިބި ޕްރޮފެޝަނަކަށް ވެގެން ކަމަށާއި ރައްޔިތުންނާއި މުޖްތަމައުގެ އިތުބާރު އެ ޕްރޮފެޝަނަށް ލިބިގެންދާނީ އޭރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް ވަކީލުން މަސައްކަތް ކުރާ ނަމަ، އޭގެ ނޭދެވޭ އަސަރު ފެންނަމުންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި މުހިންމު މަގްސަދުތައް ހާސިލް ނުވާ ގޮތަށް ގާނޫނީ ޕްރޮފެޝަން މަސައްކަތް ކުރުމަކީ ދައުލަތުގެ މަގްސަދުތަކަށް ބުރޫ އަރައިގެން ދާނެ ކަމެއް،" މިދިޔަ ޖޫން 28 ގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. ޑީޑީ ވިދާޅުވި އެވެ.
ގާނޫނީ ވަކީލުންގެ ސުލޫކީ އަދި އަޚްލާގީ މިންގަނޑުތައް ބައިނަލްއަގްވާމީ ފެންވަރުގައި ކަނޑައެޅިފައި މިހާރު ވެސް އެބަހުރި ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަކީ ވަކީލުން ވަރަށް ބޮޑަށް އިސްކަން ދޭންޖެހޭ ކަމެއް ކަމަށެވެ.
"ގާނޫނީ ވަކީލުކަމަކީ ހަގީގަތުގައި ކޮންމެ ވަކީލެއްގެ ކޮނޑުގައި އެޅޭ ވަރަށް ބޮޑު އަމާނާތެއް. އެ އަމާނާތަށް ތެދުވެރި ވުމަކީ ދީނީ ނަޒަރަކުން ބެލިޔަސް، ވާޖިބެއް ކަމުގައި މެނުވީ ނުވެސް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ގާނޫނީ އިލްމަކީ އާ ދިރާސާތަކާއި އާ ވިސްނުންތަކުގެ މައްޗަށް ފުޅާވަމުން އަންނަ އިލްމަކަށް ވާތީ ވަކީލުން ވެސް އެކަންކަމަށް ހޭލުންތެރިވާން އެބަޖެހެ އެވެ. އެގޮތުން، ގާނޫނީ ދާއިރާ އިން ޝާއިއު ކުރެވޭ ލިޔުންތަކާއި ދިރާސާތައް ބަލައި، ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ލޯ ސްކޫލް ނިންމުމަކީ ކިޔެވުމުގެ ދަރުބާރު ނިމުން ކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ފަރުޖެއްސޭކަށް ނޯންނާނެ،" މިރޭ ހުވާކުރި 181 ވަކީލުންނާ މުޚާތަބު ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ވަކީލު ކަމުގެ ހުއްދަ ދޫކުރުން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް 2015 ގައި ގެންދިޔައީ ޒަމާނުއްސުރެން ފެށިގެން ރާއްޖޭގައި ވަކީލުންގެ ކަންކަން ބެލެހެއްޓުން އިންތިޒާމް ކުރެވިފައި އޮތް ގޮތަށް އެކަން ބެލެހެއްޓުމަށެވެ. އެ ބަދަލު ގެނައީ ގާނޫނަކުން އުފައްދާ މިނިވަން ބާ ކައުންސިލެއް ގާއިމް ކުރެވެންދެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ބަދަަލު ގެނައި ފަހުން ވަކީލުކަމުގެ ހުއްދަ ދޫކުރުން ލަސްވާތީ ޝަކުވާތަކެއް ލިބެމުން ދިޔަ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަން ދިމާ ނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، އަލަށް ގްރެޖުއޭޓްވެ ވަޑައިގަންނަވާ ބޭޭފުޅުންނަށް ލަސްތަކެއް ނުވެ، ހުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ވަކީލުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ޖުޑިޝަލް އެކަޑަމީއެއް ވެސް ސުޕްރީމް ކޯޓުން އުފެއްދީ އެ މަގްސަދުގައި ކަމަށާއި ކުރިއަރާފައިވާ ގައުމުތަކުގައި ދެވޭ ފެންވަރުގެ ތަމްރީނާއި ކޮންޓިނިއުއިން އެޑިއުކޭޝަން ރާއްޖޭގެ ޖުޑިޝަލް އެކަޑަމީން ވެސް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.