31 ޖުލައި 2018 - 11:24

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ނެގި ސްކޮޑަށް އިހުތިރާމްކޮށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސްފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި ބައްސާމް މިހެން ވިދާޅުވީ މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކައި އަދި 25 ލަނޑު ޖަހާފައިވާ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޓީމުގައި ނުހިމެނޭތީ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.
އެ އިންޓަވިއުގައި ބައްސާމް ވިދާޅުވެފައިވަނީ ކޯޗަށް ދިނީ ދުރު މުސްތަގްބަލަށް އަމާޒުކޮށް ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި ރަގަޅު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި ބޭނުންވަނީ ވަގުތީ ނަތީޖާތަކެއް ހޯދަން ނޫން ކަމަށެވެ. އަދި ބޭނުންވަނީ ދިގު މުއްދަތަކަށް އަމާޒުކޮށް ކާމިޔާބު ޓީމެއް ބިނާ ކުރަން ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުމަށް އެދޭ ކަމަށް ވިދާޅުވި އެވެ.
ކޯޗަށް ދިނީ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި ރަނގަޅު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށް ބައްސާމް ވިދާޅުވި ނަމަވެސް، ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތަޖުރިބާ އެންމެ ބޮޑަށް ހުރި ކުޅުންތެރިއާ ކަމަށްވާ ދަގަނޑޭ ނެތުމަކީ ސުވާލު އުފެދޭ ކަމެކެވެ. ސެގާޓް ހަވާލުވެ ފުރަތަމަ ވެސް ބުނީ ޒުވާން ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އަދި ވަގުތީ ނަތީޖާތަކުގެ ބަދަލުގައި ދިގު މުއްދަތަކަށް އަމާޒުކޮށް ޓީމެއް ބިނާ ކުރާ ވާހަކަ ދެއްކިއިރު، އޭޝިއަން ގޭމްސްގައި ފުޓްބޯޅަ ޓީމު ބައިވެރިނުވުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ. އެ މުބާރާތަކީ އޭޝިއާގެ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ޒުވާން ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެންމެ ފަހުގެ އޭޝިއަން ގޭމްސްގައި 23 އަހަރުން ދަށުގެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަކީ މިހާރު ސީނިއާ ޓީމުގެ ކުޅުންތެރިންނެވެ.
ގައުމީ ޓީމާ ސެގާޓް ހަވާލުވެ ކުޅުނު ރަސްމީ ފުރަތަމަ މެޗު ކަމަށްވާ ބޫޓާން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުން ދަގަނޑޭ ޓީމުން ވަކިކުރި އެވެ. ފަހުން ދަގަނޑޭއާ އާއި އެފްއޭއެމްގެ އިސްވެރިންނާ އެކު ސެގާޓް ބައްދަލުވުމެއް ބޭއްވި އެވެ. ގައުމީ ޓީމަށް ކުޅެން ބޭނުންނުވާ ކަމަށް ދަގަނޑޭ މީޑިއާގައި ބުނެފައިވާ ބުނުމުން، އެ ބައްދަލުވުމުގައި، ބަދަލުނުކުރާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުންވި ކަމަށާއި އެކަމަށް މަސައްކަތްކުރި ކަމަށް އިއްޔެ ބުނެފަ އެވެ. އެ ވާހަކަ މިހާތަނަށް އެފްއޭއެމުން ދޮގުކޮށްފައެއް ނުވެ އެވެ.