02 އޯގަސްޓް 2018 - 07:24

ޖޫން މަހު ރިލީޒް ކުރި ޑިޒްނީ-ޕިކްޒާގެ އެނިމޭޓެޑް ފިލްމް "އިންކްރެޑިބަލްސް 2" ގެ އާމްދަނީ ބިލިއަން ޑޮލަރު ފަހަނައަޅައިފި އެވެ.
ހޯމަ ދުވަހު ފިލްމަށް ލިބުނު އާމްދަނީ އެއް ބިލިއަނަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "އިންކްރެޑިބަލްސް 2" ދައްކައިގެން ލިބުނު އާމްދަނީ މިހާރު ވަނީ 1.005 ބިލިއަން ޑޮލަަރަށް ވުރެ މަތިވެފަ އެވެ.
މި ފިލްމަކީ އެނިމޭޓެޑް ފިލްމްތަކުގެ ތެރެއިން މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކަޑައްތު ކުރި 7 ވަނަ ފިލްމެވެ. އަދި ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި 36 ވަނަ ފިލްމެވެ.
ހަމަ މިއާ އެކު "އިންކްރެޑިބަލްސް 2" ވެގެން ގޮސްގައި ވަނީ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މި އަހަރުގެ މިހާތަނަށް ހޯދި 4 ވަނަ ފިލްމަށެވެ. މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިތުރު ފިލްމްތަކަކީ "ބްލެކް ޕެންތާ"، "އެވެންޖާޒް: އިންފިނިޓީ ވޯ" އަދި "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އެވެ.
"އިންކްރެޑިބަލްސް 2" އަކީ ބިލިއަން ޑޮލަރު ކުލަބަށް ވަން ޑިޒްނީގެ 5 ވަނަ އެނިމޭޓެޑް ފިލްމެވެ. އެ ލިސްޓްގައި ދެން ހިމެނެނީ ޓޯއި ސްޓޯރީ 3 (2010)، ފްރޯޒެން (2013)، ފައިންޑިން ޑޯރީ (2016) އަދި ޒޫޓޯޕިއާ (2016) އެވެ.
ބްރެޑް ބާޑް ޑައިރެކްޓްކޮށްފައިވާ ސުޕަހީރޯ ފިލްމް "އިންކްރެޑިބަލްސް 2" އަކީ 2004 ގައި ރިލީޒް ކުރި ފިލްމްގެ ދެވަނަ ބައެވެ. މި ފިލްމަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.
ފުރަތަމަ ބައި ހަދަން 92 މިލިއަން ޑޮލަރު ހަރަދުވި އިރު، އާމްދަނީގެ ގޮތުގައި ފިލްމަށް ލިބުނީ 633 މިލިއަން ޑޮލަރެވެ.