01 އޯގަސްޓް 2018 - 14:05

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓް އިން އަންނަ ހުކުރު ދުވަހު ބާއްވާ "ސޭންޑީ މިޝަން 2018"ގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފި އެވެ.

މިއީ އެ ރަށުގެ ގޮނޑުދޮށުގައި ބާއްވާ އެ ދުވުމުގެ ޕާޓްނަރަކަށް އެލައިޑް ހަމަޖެއްސި ދެވަނަ ފަހަރެވެ.
ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރި ރަށް، މަލަހިނީގެ އިސްނެގުމުގެ މަތިން ބާއްވާ އެ ދުވުމަކީ އެ ރިސޯޓުގެ އަހަރީ ދުވަހާ ދިމާކޮށް، މިދިޔަ އަހަރުން ފެށިގެން ބާއްވަން ފެށި ދުވުމެކެވެ.
އެ ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަލަހިނީގެ ރެސިޑެންޓް މެނޭޖަރު މުހައްމަދު އީސާ ވިދާޅުވީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ އެ ދުވުމުން ލިބޭ ފައިސާގެ 100 ޕަސެންޓް ހަދިޔާކުރަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އާންމު ފަރުދުންގެ އެހީއަށް ބޭނުންވާ ޖަމާއަތްތަކަށާއި އެންޖީއޯތަކަށެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ދުވުމުން ލިބުނު ސާފު ފައިދާ ހަދިޔާކޮށްފައި ވަނީ، ހުޅުމާލޭގައި ހުންނަ "ފިޔަވަތި" ގައި މެޑިކަލް ރޫމަކާއި ވިޒިޓިން ރޫމް އަދި ވޯކާސް ރޫމެއް އެޅުމަށެވެ.
"އަޅުގަނޑުމެންނަށް މިދިޔަ އަހަރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އަދި މިއަހަރު ވަނީ ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައި. މިގޮތުން އަޅުގަނޑުމެން މިދުވުމުގެ ޓީޝާޓް ވިއްކަން ފެށިތާ ދެ ދުވަސްތެރޭގައި ވަނީ 250 ޓީޝާޓް ވިކިފައި،" އޭނާ ވިދާޅުވި އެވެ.
އެ ރަށް ވަށައި އޮންނަ ފަސް ކިލޯ މީޓަރުގެ ސަރަހައްދުގައި ބާއްވާ އެ ދުވުމުގައި ބައިވެރިވާން ޓީޝާޓެއް ވިއްކަނީ 300ރ. އަށެވެ.
އީސަ ވިދާޅުވީ މިއަހަރުގެ ދުވުމުގެ ޓީޝާޓް ވިއްކައިގެން ލިބޭ ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ ސޭންޑީ މިޝަންގެ ޕާޓްނަރުގެ ހައިސިއްޔަތުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ދުވުމަކީ ވެސް، އާންމުންގެ އެހީތެރިކަމާ އެކު ކާމިޔާބު ދުވުމަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެލައިޑްގެ އިޖްތިމާއީ ޒިންމާ މަސައްކަތަށް ބްރޭންޑް ކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ބައިވެރިވާ މި ދުވުމުގައި އެ ކުންފުނީގެ މުވައްޒަފުން ވެސް އަމަލީ ގޮތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.