ފޭސްބުކުގައި އެންމެ ބަހެއް ބުނެލުމުން ވެސް ދައުވާ ކުރަނީ
ފޭސްބުކުގައި އެންމެ ބަހެއް ބުނެލުމުން ވެސް ދައުވާ ކުރަނީ

ބެންކޮކް (އޮގަސްޓް 2) - ތައިލެންޑުގެ ޝާހީ އާއިލާ އަށް ބަދު ބަސް ރައްދުވާ ގޮތަށް ފޭސްބުކުގައި އެންމެ ބަހެއް ބުނެލި އަންހެނަކަށް ދައުވާ ކުރަން ނިންމައިފި އެވެ.

ޕަތުނަރީ ޗަންކިޖްގެ މައްސަލަ ތަހުގީގު ކުރުން ފުލުހުން މި އަހަރު ކުރީކޮޅު ވަނީ ހުއްޓާލައިފަ އެވެ. އެއީ ބައިނަލްއަގުވާމީ ގޮތުން ޕްރެޝަރު ކުރަން ފެށުމުންނެވެ. އެކަމަކު ތައިލެންޑުގެ އެޓާނީ ޖެނެރަލް ވަނީ، އެ ގައުމުގެ ޝާހީ އާއިލާ އަށް ފާޑުކިޔާ ފަރާތްތަކަށް އަދަބު ދެވޭ ގާނޫނުގެ ދަށުން އެ އަންހެން މީހާގެ މައްސަލަ އަލުން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

އުމުރުން 40 އަހަރުގެ އަންހެން މީހާގެ ކުށެއް ކަމަށް ބަލާފައި ވަނީ ތައިލެންޑުގެ ޝާހީ އާއިލާ ހިތްހަމަ ނުޖެހޭ ގޮތަށް ފޭސްބުކުގައި ލިޔެފައިވާ ލިޔުމަކަށް ހަމައެކަނި "އާއެކޭ" ބުނެލުމެވެ. ނުވަތަ ތައިލެންޑު ބަހުން "ޖާ" ބުނެލުމެވެ.

ޕަތުނަރީ ޗަންކިޖް އަކީ ތައިލެންޑުގައި މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ ސިރަވިތު ސެރިތުވަތުގެ މަންމަ އެވެ. ސިރަވަތަކީ އާ ގާނޫނު އަސާސީއާ ދެކޮޅު ހެދުމަށް ގޮވާލާ ފަރާތެކެވެ.

ތައިލެންޑު ރައްޔިތުން އާ ގާނޫނު އަސާސީ ގަބޫލް ކުރަން ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް އަންނަ ހަފުތާގައި ނަގާނެ އެވެ.