އެންމެ ގިނަ ގޮނޑި މުގާބޭގެ ކުރީގެ ޕާޓީ އަށް
އެންމެ ގިނަ ގޮނޑި މުގާބޭގެ ކުރީގެ ޕާޓީ އަށް

ހަރާރޭ (އޮގަސްޓް 1) - ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ޒާނޫ-ޕީއެފް ޕާޓީން ކަމަށް ނުރަސްމީ ނަތީޖާތައް ދައްކައިފި އެވެ.

މިއީ ވޭތުވެދިޔަ 37 އަހަރު ދުވަހު ތެރޭ މުގާބޭއާ ނުލައި ޒިމްބާބުވޭގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. ޕާލަމެންޓުގެ އިންތިޚާބާ އެކު ވަނީ ރިޔާސީ އިންތިޚާބު ވެސް ބާއްވައިފަ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދި ސާފުވާ ގޮތެއް ނުވެ އެވެ. އެންމެ ގާތުން ވާދަކޮށްފައި ވަނީ މިހާރުގެ ރައީސް އެމާސަން ނަންގަގްވާ އާއި އިދިކޮޅު މޫވްމަންޓް ފޯ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) ގެ ނެލްސަން ޗަމިސާ އެވެ. މުގާބޭ ވިދާޅުވެފައި ވަނީ އޭނާގެ ތާއީދު އޮންނާނީ ޗަމިސާ އަށް ކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ވޯޓުގެ 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން ޖެހެ އެވެ. ނޫން ނަމަ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ސެޕްޓެމްބަރު 8 ގައި ބާއްވާނެ އެވެ. އެމްޑީސީގެ ސަޕޯޓަރުން ދަނީ އެ ޕާޓީގެ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް ބުނެ އުފާފާޅު ކުރަމުންނެވެ.

ޒިމްބާބުވޭގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޒާނޫ-ޕީއެފް މިހާތަނަށް 110 ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އެމްޑީސީ އަށް ލިބިފައި ވަނީ 41 ގޮނޑި ކަމަށެވެ. ޒިމްބާބުވޭގެ ނޭޝަނަލް އެސެމްބްލީގެ މެންބަރުންގެ އަދަދަކީ 210 އެވެ.