ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން އާމްދަނީގެ ގޮތުގައި 993 މިލިއަން ޑޮލަރު ލިބުނު: އެމްއެމްއޭ
ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން އާމްދަނީގެ ގޮތުގައި 993 މިލިއަން ޑޮލަރު ލިބުނު: އެމްއެމްއޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން އާމްދަނީގެ ގޮތުގައި ރާއްޖެއަށް 993.5 މިލިއަން ޑޮލަރު (15.3 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓް ކުރިއަރާފައިވާއިރު، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވެސް 18 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ޓޫރިޒަމް ދާއިރާއިން އާމްދަނީގެ ގޮތުގައި 993.5 މިލިއަން ޑޮލަރު ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ޓޫރިޒަމުން ލިބުނު އާމްދަނީގެ ތެރޭގައި ދައުލަތަށް ޓެކްސްގެ ގޮތުގައި ދެއްކި މިންވަރާއި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބުނު އާމްދަނީ ވެސް ހިމެނެ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތަށް ވަނީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް އެ އޮތޯރިޓީން ބުނެފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުވެފައި ވުމާއި ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރުވުން ކަމަށެވެ.

"މިގޮތުން، ޔޫރަޕް އަދި އޭޝިއާގެ ގައުމުތަކާއި ދެމެދު އާ ފްލައިޓްތައް އޮޕަރޭޓްކުރަން ފެށި، މިހާރު ވެސް އޮޕަރޭޓްކުރަމުންދާ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރާ މިންވަރު ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުކުރުކޮށްފައި،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ޓޫރިޒަމްގެ ތަސައްވުރަށް ބަލާއިރު، އަހަރުގެ ތެރޭގައި ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުތައް އިތުރުވެ އަދި މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް އިތުރު އާ ފްލައިޓްތައް ފެށުމަށް ހަމަޖެހިފައިވުމުން އަހަރުގެ ތެރޭގައި އަންނާނެ ޓޫރިސްޓުންގެ އަދަދާއި ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އެހެން ނަމަވެސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓް ކަމުގައިވާ ޔޫރޯ ސަރަހައްދާއި އިނގިރޭސިވިލާތުގެ އިގްތިސާދު ކޮންމެ ވެސް މިންވަރަކަށް މިހާރު ލަފާކުރެވޭތީ، މި މާކެޓްތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު މަޑުޖެހުމަކީ އެކަށީގެންވާ ކަމެއް،" އެމްއެމްއޭ އިން ބުންޏެވެ.