އަތްފޯރާފަށުގައި މުވާސަލާތީ ހިދުމަތްތައް ދީގެން ޑިޖިޓަލް ފަރަގު ކުޑަކުރަން ޖެހޭ: އުރީދޫ
އަތްފޯރާފަށުގައި މުވާސަލާތީ ހިދުމަތްތައް ދީގެން ޑިޖިޓަލް ފަރަގު ކުޑަކުރަން ޖެހޭ: އުރީދޫ

ދިރިއުޅުމުގައި ޓެކްނޮލޮޖީގެ މުހިއްމުކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އަތްފޯރާފަށުގައި މުވާސަލާތީ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދީގެން ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަކީ އެއް އަމާޒު ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކުންފުންޏަށް 13 އަހަރު ފުރުމާ ދިމާކޮށް ދެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ޑިޖިޓަލް ހިދުމަތްތަކަށް އެންމެން އަހުލުވެރިކޮށް، ޑިޖިޓަލް ދުނިޔޭގެ ފައިދާ ލިބިގަތުމުގެ ފުރުސަތު ދިނުމަށް، އެ ކުންފުނިން އިންޓަނެޓް ސޭފްޓީ ޕްރޮގްރާމާއި އިސް ރަށްވެހިންނަށް ޑިޖިޓަލް ކަންކަން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށެވެ.

"މީގެ ތޭރަ އަހަރު ކުރިން، އުރީދޫން ރާއްޖޭގައި ދަތުރުފެށީ، ޓެކްނޮލޮޖީ މެދުވެރިކޮށް ފޯރުކޮށްދެވޭ ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ވަރުގަދަ ތަސައްވުރާއިގެން. މިއަދު، އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ވާހަކަ ފަޚުރުވެރިކަމާއެކު ދެކެވެމެންދާއިރު، މި ތަސައްވުރަކީ އުރީދޫން ކުރަމުންގެންދާ އެންމެހައި ކަންކަމުގެ މައިގަނޑު އަސާސް،" ނަޖީބު ވިދާޅުވެފައިވެ އެވެ.

ސީއީއޯ ވިދާޅުވެފައި ވަނީ ރާއްޖޭގެ ޑިޖިޓަލް ދާއިރާގައި، ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުތައް ގުޅުވައިދީ، ކުރިއެރުމަށް ހުރި އާ ފުރުސަތުތައް ފަހިކޮށްދީގެން، އެ ކުންފުނިން އަންނަނީ އެންމެ ކުރީ ސަފުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ކަމަށެވެ. މިގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި މުވާސަލާތީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް، މުޅި ރާއްޖެއަށް ފެތުރިފައިވާ އަދި އެންމެ ކުރިއަރާފައިވާ 4ޖީ ޕްލަސް ނެޓްވޯކެއް ގާއިމުކުރުމަށް މުހިއްމު އިންވެސްޓްމަންޓްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ

"މި ނެޓްވޯކް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް، ދިރުއުޅުމަށް ފައިދާ ކުރާ ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ. އެކި ކަސްޓަމަރުންގެ ބޭނުންތައް ވަރަށް ތަފާތުވާނެކަން ދެނެގެން، އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު އެކި ޚިދުމަތްތަކާ އެކު، ކޮންމެ ކަމަކަށް ވެސް އެންމެ އެކަށީގެންވާ ހައްލު ހޯދައިދިނުމަށް،" ނަޖީބު ވިދާޅުވެފައިވެ އެވެ.

"މަގޭ ޕްލޭން އާއި އުރީދޫ ނެކްސްޓް ފަދަ އީޖާދީ ހައްލުތަކާއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް އުރީދޫން ފޯރުކޮށްދޭ ޚިދުމަތްތައް ބައްޓަންކޮށް، ކޮންމެ ވަގުތަކު ކޮންމެ ތަނަކު ހުރެގެން ވެސް އުރީދޫގެ ހިދުމަތް މިހާރު ލިބިގަނެވޭނެ."

ސީއީއޯ ވިދާޅުވެފައި ވަނީ އުރީދޫއަކީ އަބަދުވެސް ކުރިއެރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވާތީ، އުރީދޫން ކުރާ ކޮންމެ ކަމަކީ ވެސް ޑިޖިޓަލައިޒޭޝަންގެ މިސްރާބަށް ކުރެވޭ ކަންކަން ކަމަށެވެ. މިގޮތުން އެ ކުންފުނީގެ ޓީމުން މިދިޔަ އަހަރު އެކަނި ވެސް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަކަށް ބާރުއަޅައިދޭ އަދި އުރީދޫން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށްދޭ 8 ޕްލެޓްފޯމެއް ތައާރަފްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ކުރިމަގުގައި ހުރިހާ ކަމެއް ވެސް ވެގެންދާނީ ޑިޖިޓަލްކޮށް ކަމުގައި ދެނެގެން، މި ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރިކުރުމަށް އުރީދޫން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން. މީގެ ތެރޭގައި، ޑިޖިޓަލް ބިޒްނަސްތައް ކުރިއެރުވުމަށް އެހީތެރިވެދޭ ނިރު އެކްސެލެރޭޓަ ޕްރޮގްރާމް، ޔޫއެންޑީޕީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ކުރިޔަށްގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓާއި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ފަދަ ޑިޖިޓަލް ދުނިޔޭގައި މުޖުތަމައުގެ ފަރުދުން ބާރުވެރިކޮށްދޭ ހަރަކާތްތައް ދަނީ ހިންގަމުން،" ނަޖީބު ވިދާޅުވެފައިވެ އެވެ.

"ހަމަ އެހެންމެ އުރީދޫގެ އޮންލައިން އެޑިޔުކޭޝަން ޕްލެޓްފޯމް ކަމަށްވާ އުރީދޫ ސްމާޓް ކެމްޕަސް އާއި ކުޑަކުދިންގެ މެދުގައި ސްޓެމް މާއްދާތަކަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ވެސް ބާއްވާ ސައިޓެކް ފެސްޓިވަލް ފަދަ ތައުލީމީ ހަރަކާތްތައް ވެސް އުރީދޫން ދަނީ ކުރިއަށް ގެންދަމުން،" އޭނާ ވިދާޅުވެފައިވެ އެވެ.

ނަޖީބު ވިދާޅުވި ގޮތުގައި އުރީދޫއަށް އެ ހިސާބަށް ވާސިލްވީ މުޖުތަމައުގެ ލޯތްބާއި ތަރުހީބާ އެކު، ވަރަށް ދިގު ރާސްތާއެއް ކަޑައްތު ކުރުމަށްފަހު އެވެ. އަދި އީޖާދީ އަދި އާ ޓެކްނޮލޮޖީއަށް ލޯބިކުރާ މުޖުތަމައެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ ޑިޖިޓަލް ކުންފުންޏަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ފަހުގެ އަދި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިޖްތިމާއީ އަދި އިގްތިސާދީ އާ ފުރުސަތުތަކަށް މަގުފަހިކޮށްދީގެން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމުގެ ޔަގީންކަން އުރީދޫގެ ކަސްޓަމަރުންނަށް އަޅުގަނޑުމެން އަރުވަން،" އެ މެސެޖް ނިންމަވާލައްވަމުން ސީއީއޯ ވިދާޅުވެފައިވެ އެވެ.